އިންޑިއާގެ ޕުނާގާގައި މިހާރު ކުރިޔަށްދާ 20 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އިއްޔެ ކުރިޔަށް ދިޔަ އިވެންޓްތަކުގައި ރާއްޖެއިން ވާދަކުރީ ފިރިހެނުންގެ 100 މީޓަރު ދުވުމުގަ އެވެ.

އިއްޔެގެ ދުވުމުގެ ފުރަތަމަ ހީޓްގައި ވާދަކޮށް ރާއްޖޭގެ އަޒްނީމް އަހުމަދު ރޭސްނިންމާފައިވަނީ 11.05 ސިކުންތުންނެވެ. ހަތް އެތުލީޓުން ވާދަކުރި މިހީޓުން އަޒްނީމް ދިޔައީ ފަސް ވަނަ އަށެވެ.

އަޒްނީމް ވަނީ 2012 ވަނަ އަހަރު ބޭއްވުނު ލަންޑަން އޮލިމްޕިކްސްގައި 100 މީޓަރު ދުވުން 10.79 ސިކުންތުން ފުރިހަމަކޮށް ރާއްޖޭގެ ގައުމީ ރިކޯޑް ހަދާފަ އެވެ.

މުބާރާތުގައި ރާއްޖޭގެ ތިން އެތުލީޓުން ވާދަކުރާނެއެވެ. އަންހެނުންގެ 100 މީޓަރު ދުވުމުގައި ވާދަކުރާނީ އަފާ އިސްމާއީލް އެވެ. އަދި ފިރިހެނުން 1500 މީޓަރު ދުވުމުގައި ޝިފާޒް އާއި އަހުމަދު ހުސައިން ވާދަކުރާނެއެވެ.

އަފާ ދުވާނީ ރާއްޖޭގެ ގަޑިން މިއަދު ހަވީރު 4:45 ގައެވެ. އަދި ޝިފާޒް އާއި އައްމަޑޭ ދުވާނީ ރާއްޖޭގެ ގަޑިން މިއަދު ހަވީރު 5.00ގައެވެ. މިއިވެންޓްތައް ޑީޑީ ސްޕޯޓްސް އިން ލައިވް ކުރާނެއެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖެ ޓީމުގެ ކޯޗުންނަކީ ސްޕްރިންޓް ކޯޗް އަހުމަދު ފާއިލް އަދި މިޑްލް ކޯޗް އަބްދުﷲ އިބްރާހީމް އެވެ. ޓީމްގެ މެނޭޖަރަކީ މުހައްމަދު ޝުޖާއު އެވެ.