ހިކިކިރާއި ކައްކާ ތެޔޮ އަދި ދޮންނަ ކުނޑި ބަންދުކުރަން ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯނުން ތިން ބިމެއް އަމިއްލަ ފަރާތްތަކަށް ދޫކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

"ސަން"އާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ލުއި އިންޑަސްޓްރީ ތައާރަފްކުރުމަށް ކެބިނެޓުން މިދިޔަ އަންގާރަ ދުވަހު ނިންމި ނިންމުމާ ގުޅިގެން އެ ތިން ބާވަތް ބަންދުކޮށްގެން ވިއްކަން އަމިއްލަ ފަރާތްތަކަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ލުއި ސިނާއަތްތައް ތައާރަފްކުރުމުގެ ގޮތުން ހިކިކިރާއި ކައްކާތެޔޮ އަދި ދޮންނަ ކުނޑި ބަންދުކޮށްގެން ވިއްކުމަށް ހުޅުވާލުމުން، އިތުރު ވަޒީފާތަކެއް އުފެދި އެތަކެތީގެ އަގަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރު އަހުމަދު ވިދާޅުވި އެވެ.

"މީގެ ބޭނުމަކީ އާ ސިނާއަތްތަކެއް ތައާރަފްކުރުން. މިގޮތުން އަޅުގަނޑުމެން ނިންމާފައި ވަނީ ހިކިކިރާއި ކައްކާ ތެޔޮ އަދި ދޮންނަ ކުނޑި ބަލްކްކޮށް ގެނެސް ބަންދުކޮށްގެން ވިއްކަން ހުޅުވާލުން. މިކަން ކުރުމަށް ހުޅުވާލާއިރު ދިވެހިންނަށް މެޖޯރިޓީ ހިއްސާ އޮންނަ ފަރާތްތަކަށް އިސްކަންދޭނީ،" އަހުމަދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޕެކްކޮށްގެން ވިއްކަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާއިރު ރޯ މެޓީރިއަލް އާއި ފެކްޓްރީ އަޅަން ގެންނަ ސާމާނަށް ޑިއުޓީ މައާފްކޮށްދެވޭނެ ކަމަށެވެ. އަދި ފުރަތަމަ ފަހަރު ގެންނަ ސްޕެއާޕާޓްސްއަށާއި ޑިއުޓީ މައާފްކޮށްދެވޭނެ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތިން ބާވަތުގެ ޕެކޭޖިންގެ މަސައްކަތްތަކަށް ހުޅުމާލެއިން 12،500 އަކަފޫޓުގެ ބިން 25 އަހަރަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ނިންމާފައި ވަނީ މިހާރު ދޫކޮށްފައިވާ ކޮމާޝަލް ރޭޓަށްވުރެ ކުޑަ އަގެއްގައި އެތަނުން ބިން ދޫކުރަން. އެކަމަށް އެދި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް އަވަހަށް ހުޅުވާލުމަށް ބިޑް ޑޮކިއުމަންޓް ތައްޔާރުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،" އަހުމަދު ވިދާޅުވި އެވެ.