04 Jul 2013, 13:34
އަންނަ ރޯދަމަހުގެ ތެރޭގައި އާއްމުކޮށް ބޭނުންކުރާ އަސާސީ ދިހަ ބާވަތެއްގެ އަގު ބޮޑުވިޔަނުދިނުމަށް އެސްޓީއޯ އާއި ސަރުކާރުގެ މަސް ކުންފުނިތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަންއާ ވާހަކަދައްކަވަމުން މިނިސްޓަރު އަހުމަދު ވިދާޅުވީ އެސްޓީއޯ އާއި ފެލިވަރު ފިޝަރީޒް އަދި ކޫއްޑޫ އާއި މިފްކޯ އަދި އަމިއްލަ މަސް ކުންފުނިތަކުން ރޯދަ މަހު މެދުނުކެނޑި މަހުގެ ބާވަތްތައް މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖެއްސުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެސްޓީއޯގެ ޕާޓްނަރުންގެ ގޮތުގައި ތިބި 200 ފިހާރައިން މަހާއި އަސާސީ ބާވަތްތައް އެއް އަގެއްގައި މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަތޮޅު ތެރޭގައި ހުރި އެސްޓީއޯގެ ފިހާރަތަކުގެ އިތުރުން 100 ޕާޓްނަރުން އެބަތިބި. އަދި މާލޭގައި ތިބި 100 ޕާޓްނަރުން މެދުވެރިކޮށް ރޯދައަށް ބޭނުންވާ ތަކެތި މެދުނުކެނޑި އެއް އަގެއްގައި ވިއްކޭތޯ މަސައްކަތްކުރަނީ،" އަހުމަދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިފަހަރު ބޮޑަށް ވިސްނާފައި އޮތީ ފިޔާ، އަލުވި، ބިސް، އަދި ދަޅުކާނާގެ ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ.