މިދިޔަ އަހަރު މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސް އަށް ފައިސާ ދައްކައިގެން ހައްޖަށް ނުދެވުނު މީހުންގެ ތެރެއިން ސަރުކާރުގެ އެހީގައި މިއަހަރު ހައްޖަށް ގެންދާނެ 32 މީހަކު ގުރުއަތުން ހޮވައިފި އެވެ.

މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލުގައި ގުރު ނެގުން ބާއްވާފައި ވަނީ މަލީޝާ ހައްޖު ގުރޫޕަށް ފައިސާ ދެއްކި މީހުންގެ ތެރެއިން އަމިއްލަ ނަފްސަށް ފަރުޟު ހައްޖުވާ މީހުންގެ މެދުގަ އެވެ.

މިއަދު ގުރުއަތުލުން ކުރިއަށް ގެންގޮސްފައި ވަނީ ގުރުއަތުގައި ބައިވެރިވާ މީހުންގެ ތެރޭގައި ދެމަފިރިއަކު ވާނަމަ ދެމެފިރިންގެ ނަން އެއް ކަރުދާސްކޮޅެއްގައި ބާއްވައިގެންނެވެ. އަދި މަހްރަމުންގެ ނަންތައް ވެސް އެއް ކަރުދާސްކޮޅެއް ލިޔެގެނެވެ.

އޭގެ އިތުރުން މިއަދު ގުރުއަތުން ހޮވުނު މީހުންގެ ތެރެއިން އެއްވެސް ސަބަބަކާއިހެދި ހައްޖަށް ނުދެވޭ ގޮތްވެއްޖެނަމަ އެމީހެއްގެ ބަދަލުގައި އެ ފުރުސަތުދޭނެ މީހަކު ކަނޑައެޅުމަށް ރިޒާވް ނަންނަބަރުގެ ގޮތުގައި ފަސް މީހެއްގެ ނަންވެސް ގުރުއަތުން ނަގާފައިވެ އެވެ،
މަލީޝާގެ މަކަރުގައި ޖެހުނު 126 މީހުންގެ ތެރެއިން ސަރުކާރުން ހައްޖަށް ގެންދާނެ 32 މީހަކު ހޮވުމަށް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ގުރުނެގުން ބާއްވަން އުޅުނު ނަމަވެސް ގުރުއަތުލުމުގައި ބައިވެރިވަ މީހުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދި ގުރު ނެގުން އެދުވަހު ވަނީ ފަސްކޮށްފަ އެވެ.

އެދުވަހު އެންމެ ބޮޑު ހިޔާލު ތަފާތުވުމެއް އުފެއްދިގެން ދިޔަ އެއްކަމަކީ 45 އަހަރުން ދަށުގެ އަންހެނަކު ގުރުއަތުން ހޮވުނު ނަމަވެސް އޭނާއާ އެކު ދާނެ މަހުރަމެއް ނެތް ނަމަ ހައްޖު ދަތުރު ބާތިލް ކުރަން އޭރު ނިންމާފައި އޮތުމުންނެވެ.

ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މަލީޝާގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލައިފައިވާއިރު އެ ފައިސާ އަނބުރާ ދިނުމަށް ކޯޓުން ހުކުމް ކޮށްފި ނަމަ މިއަހަރު ސަރުކާރުން ހައްޖަށް ގެންދާ މީހުންގެ ފައިސާ އިސްލާމިކް މިނިސްޓްރީއަށް ދެއްކުމަށް މިއަދު ގުރުއަތުން ހޮވުނު މީހުން އެއްބަސްވާން ޖެހެއެވެ.

މި އަހަރު ސަރުކާރުން ހައްޖަށް ގެންދާ މީހުންގެ ތެރެއިން 10 މީހަކު ހައްޖަށް ފޮނުވުމަށް ފައިސާ ދީފައިވަނީ މީހުން ހައްޖަށް ގެންގޮސްދިމުގައި އެހީތެރިވެދޭ ރާއްޖެއިން ބޭރުގެ މީހެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފަ އެވެ. އަދި 24 މީހަކު ހައްޖަށް ގެންގޮސްދިނުމަށް ސަރުކާރުން ނިންމާފައިވަނީ ދައުލަތުގެ ބަޖެޓުނެވެ. އެއީ ތިން މިލިއަން ރުފިޔާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީ ވަނީ ބުނެފަ އެވެ.