ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، ޔުނިވާސިޓީއަކަށް ބަދަލު ކުރުމުގެ ވިސްނުން ގެންގުޅޭކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަތީ ތައުލީމު މަރުހަލާގައި ކިޔަވަމުންދާ ދަރިވަރުންނަށް 2013 ވަނަ އަހަރު ދޫކުރާ ލޯނު އެހީގެ ލިޔުން ހަވާލު ކުރުމަށް މިއަދު ހެނދުނު ކުއްލިޔަތުއް ދިރާސާތުލް އިސްލާމިޔާގެ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި މަތީ ތައުލީމުދޭނޭ ތަންތަން އިތުރު ކުރަން އެބަ ޖެހޭ ކަމަށާއި، އަދި އެކިއެކި ރިސާޗްތައް ރާއްޖޭގައި ހެދެނޭ ފެންވަރަށް އެ ތަންތަން ތަރައްގީކުރަން އެބަ ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިހާރު ވަރަށް މޮޅެތި ކުދިން އެބަތިބި. ހާއްސަކޮށް މެޑިސިން، ސައިންސް، މެތަމެޓިކްސް، ކޮމްޕިއުޓަރު ސައިންސްފަދަ ރޮނގުތަކުން ވަރަށް މޮޅެތި ކުދިން ދިވެހިންގެ ތެރޭގައި މިހާރު އެބަތިބި. އެކުދިންނަށް ރިސާޗްކޮށް ކުރިއަށް ދިއުމަށް ބޭނުންވާ ފުރުސަތު، އަދި ހުޅުވެންވާ ވަރަކަށް ނުހުޅުވޭ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލުކުރަން، މި ކޮލެޖް ވެސް މުސްތަގުބަލުގައި، މަތީ ފެންވަރަކަށް، މަތީ ހަރުފަތަކަށް، ގެންދެވުމަށްޓަކައި، މަސައްކަތް ކުރަށްވަމުން ގެންދަވާނޭ ކަމަށް. ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ވިސްނުމަކީ ދައުލަތުގެ ފަރާތުން ކުރައްވަމުން ގެންދަވާ ވިސްނުމެއް. ﷲ އިރާދަކުރެއްވިއްޔާ އެކަންވެސް އަޅުގަނޑުމެން ނިންމާނަން."

ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ކަނޑުގެ ކަނޑުގެފަޅުގެ ދިރުމަކީ މުޅި ދުނިޔޭގެ ވެސް އޮތް އެންމެ މުއްސަނދި "މެރިންލައިފް"އަށް ވީހިނދު އޭގެ މަންފާ ފުރިހަމަ ގޮތުގައި ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ދިވެހިންނަށް ކުރެވޭނޭ މަގު ފަހިކޮށްދިނުމުގެ މަސައްޗަށް އަލިއަޅުއްވައި ލެއްވި އެވެ.

"ދަންނަވަންތޯ، ދިވެހިރާއްޖޭގެ މުއްސަނދިކަން ހޯދައި، އޭގެ ބޭނުން ކުރާނީ ދިވެހިން. އެއީ ބޭރު ބަޔަކު ކުރަން ޖެހޭ ކަމެއް ނޫން. އެހެންވީމާ ރާއްޖޭގެ ފަރުތަކާ ފަޅުތަކާއި ބިންތަކުގެ މުއްސަނދިކަން ހޯދުމަށްޓަކައި، ބޭރުގެ ޔުނިވާސިޓީތަކަށް އެފުރުސަތު ދޭކަށް ނުޖެހޭ. ބޭރު ބަޔަކާ ގުޅިގެން އެކަންކަން ކުރުމަކީ މައްސަލައެއް ނޫން. އެހެން ނަމަވެސް މިބާވަތުގެ ކޮންމެ ކަމެއްގައިވެސް، ދިވެހިންގެ ކޮންޓްރޯލް އޮތުމަކީ ވަރަށް މުހިއްމު ކަމެއް،" ރައީސް ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަނޑުފަޅުން ލިބެންޖެހޭ ފުރިހަމަ މަންފާ ނަގަމުން ގެންދަނީ ރާއްޖޭގެ ރައްޔިތުން ނޫންކަމަށާއި އަދި ދިރާސާތައް ކުރުމުގެ ނަމުގައި އަންނަ ފަރާތްތަކުން އެ މުއްސަނދިކަމުގެ ފައިދާ ނެގުމަށް މަގުފަހި ކުރަމުން ގެންދާކަމަށެވެ. އަދި އެފަދަ މުއްސަނދިކަމުގެ ބޭނުން އަޅުގަނޑުމެންނަށް ނުހިފި އޮއްވައި، ބޭރުބަޔަކު މިގައުމުގައި އެކަން ކޮށްފިނަމަވާނީ، ބާސްމަތީ ހަނޑޫ، އެމެރިކާއަށް ކޮޕީރައިޓް ކުރުންފަދަ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ބޭރުގެ ޔުނިވާސިޓީތަކުން ރާއްޖެ އައިސް، ރާއްޖޭގެ ސަރުކާރަށް ވެސް ރަނގަޅަށް ނޭނގޭ ދަރަޖައަށް ރާއްޖޭގެ ފަރުތަކާއި ފަޅުތަކުގެ ތަހްލީލުތައް ކޮށް، އޭގެ ފައިދާ ބަޔަކު ނަގަމުން އެބަގެންދޭ. އަޅުގަނޑުމެންގެ މެރިން ލައިފްއެއީ ދުނިޔޭގެ އެންމެ މުއްސަނދި މެރިން ލައިފް. އޭގެ ސަބަބުން އެކިއެކި ރޮނގު ރޮނގުން ހާއްސަކޮށް، ބޭސްވެރިކަމާއި، މެޑިސިން، ފާމަސިސްޓް ކޯސް، މި ރޮނގު ރޮނގުން، ލިބެން ހުރި އަދި ހޯދެން ހުރި އާ ހޯދުންތަކާއި، ލިބެންހުރި ފައިދާ އަދި ނުވެސް އިނގޭ. އެހެން ނަމަވެސް އެކަހަލަ ކަންތައްތައް މިހާރުވެސް ބަޔަކު ހޯދަމުން، އޭއްޗެތި ބޭރު ބައެއްގެ ނަމުގައި ޕޭޓަންޓް ކުރަން ފަށައިފި ކަމަށްވާ ނަމަ، އޭރުން ވާނީ، ބާސްމަތީ ހަނޑޫ އެމެރިކާއަށް ކޮޕީރައިޓް ކުރުންފަދަ ކަމަކަށް،" ރައީސް ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގެ ފުރިހަމަ މުއްސަނދިކަން ހޯދައިދިނުމަށްޓަކައި، ހަލުވި ދުވެއްޔެއްގައި، ރާއްޖޭގައި ޔުނިވާސިޓީތައް އިތުރުކޮށް އެތަންތަނުގައި، ފުރިހަމަ ތަހުލީލުތައް ކުރެވޭނޭ ނިޒާމުތައް ތައާރަފްކޮށް، އަދި ދިވެހިން އެފަދަ ތަހުލީލު ތަކާއި ދިރާސާތައް ކުރުމަށް މަގުފަހި ކޮށްދޭން އެބަ ޖެހޭ ކަމަށެވެ.