ސިޔާސީ ޕާޓީތަކަށް މީހުން އިތުރުކުރުމަށް، އޮޅުވާލައިގެން ހުށަހެޅި ފޯމްތަކުގެ މައްސަލަތައް މިހާތަނަށް ތަހުގީގު ކުރުމުން ވަގު ފޯމްތައް ހުށަހެޅި ފަރާތް ހޯދަން ދަތިވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސައްހަ ނޫން އައިޑީކާޑާއެކު ޕާޓީތަކަށް މީހުން އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކާއި މަރުވެފައިވާ މީހުންގެ މައުލޫމާތު ހިމަނައިގެން އޮޅުވާލައިގެން ހުށަހެޅި ފޯމުތަކުގެ މައްސަލާގައި ދައުވާ ކުރާނެ މީހަކު ހޯދަން ދަތި ވަނީ ޕާޓީތަކަށް ވަނުމަށް އެދޭ ފޯމް ޕްރޮސެސް ކުރުމުގައި މިހާރު އަމަލު ކުރާ ގޮތުން ކަމަށް ފުލުހުން ބުންޏެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗީފް އިންސްޕެކްޓާ އަދި ފްރޯޑް އެންޑް ފައިނޭޝަލް ކްރައިމް ޑިޕާޓްމަންޓް ހެޑް އަބްދުﷲ ޝަތީހު މިއަދު ވިދާޅުވީ އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވެއްދުމަށް ފޯމް ފުރި ފަރާތް ނުހޯދެނީ ފިންގާ ޕްރިންޓަކާ ނުލައި ބައެއް ފޯމްތައް ހުށަހަޅާފައިވުމުން ކަމަށެވެ. އަދި ފޯމްތަކުގައި ފިންގާ ޕްރިންޓް ޖަހައިފައި އިނަސް ފުލުހުންގެ ޓޭޓާބޭސްގައި ރާއްޖޭގެ ހުރިހާ އެންމެންގެ ފިންގާ ޕްރިންޓް އެނގެން ނެތް ކަމަށް ޝަތީހު ވިދާޅުވި އެވެ.

ފިންގާ ޕްރިންޓަކާ ނުލައި ހުށަހެޅި ފޯމްތަކެއް އިލެކްޝަނުން ބަލައިގަންނަން ފެށީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އަންގައިގެންނެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ބިލު ތަސްދީގު ކުރުމާއެކު އަލުން ވަނީ ފިންގާ ޕްރިންޓާއެކު ޕާޓީތަކަށް ވަނުމުގެ ފޯމް ބަލައިގަންނަން ފަށާފަ އެވެ.

ޕާޓީތަކަށް ވަނުމުގެ ވަގު ފޯމްތަކުގެ މައްސަލާގައި ކުށްވެރި ވަނީ ކާކުކަން ދެނެގަންނަން ދަތި ސަބަބުތައް ތަފްސީލުކޮށްދެއްވަމުން ޝަތީހު ވިދާޅުވީ ޕާޓީއަށް ވަނުމަށް ފޯމުގައި ނަން ހިމަނާފައިވާ މީހުންނާ ސުވާލު ކުރުމުން އެ މީހުން އެކަމަށް އިންކާރު ކުރާއިރު، ހެކިންގެ ގޮތުގައި ފޯމުގައި ޖަހާފައިވާ ނަންތައް ދިރާސާކޮށް، އެ މީހުން ހާޒިރު ކުރުމުން އެކަމަށް ވެސް އެ މީހުން އިންކާރު ކުރާ ކަމަށެވެ. ނަމަވެސް ބައެއް މީހުން ތަހުގީގަށް ހާޒިރުކޮށް، ފިންގާ ޕްރިންޓާއި އަތުލިޔުމުގެ ސާންޕަން ނަގަން ފަށާފައިވާ ކަމަށް ޝަތީބު ވިދާޅުވި އެވެ.

"ހަގީގަތުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުން، ރަޖިސްޓްރީ ކުރުމުގެ ޕްރޮސެސްއާއި އަދި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމް ފުރުމުގެ ޕްރޮސެސްއާއި ފޯމް ޗެކްކުރުމުގެ ޕްރޮސެސް ހިނގާފަ ހުންނަގޮތަށް ބަލާއިރުގައި ވަކި މީހެއްގެ މައްޗަށް ތުހުމަތުކޮށް ދައުވާ ކުރަން ފޮނުވޭ ވަރަށް ހެކި ހޯދުމުގައި ދަތިތަކެއް އެބަ ދިމާވޭ... ހެކިންގެ ގޮތުގައި ސޮއިކޮށްފައި މިއިނީ އޭނަތޯ ނޫނީ އޭނަގެ ނަމުގައި އެހެން މީހެއްތޯ ކަނޑައެޅިގެން އައިޑެންޓިފައި ކުރަން ވަރަށް އުނދަގޫ. ފިންގާ ޕްރިންޓެއް ގިނަ ފަހަރަކަށް ނުހުރޭ،" ޝަތީބު ވިދާޅުވި އެވެ.

އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލަތަކުގައި ފުލުހުން ބަލަމުންދަނީ 47 ފޯމެއްގެ މައްސަލަ އެވެ. އޭގެ ތެރެއިން އެންމެ މައްސަލައެއް ފިޔަވައި އެހެން ހުރިހާ މައްސަލައަކީ އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ މައްސަލަތަކެވެ. އާންމު ފަރާތަކުން ހުށަހަޅާފައި އެންމެ މައްސަލައެކެވެ.

ފުލުހުން ބުނީ މީހުންނަށް ނޭގި ޕާޓީ ބަދަލު ކުރާ މައްސަލާގައި މިއަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ނިމިފައި ވަނީ އެންމެ މައްސަލައެއް ކަމަށެވެ.

ފުލުހުން ބުނީ 2011 ވަނަ އަހަރު ވެސް ހުށަހެޅި އެފަދަ ތިން މައްސަލައަކާ ގުޅިގެން ދައުވާ ކުރަން ނިންމައި އައިޑެންޓިފައި ކުރެވިފައި ވަނީ އެންމެ މީހެއްގެ މައްޗަށް ކަމަށެވެ.