04 Jul 2013, 12:50
ގައުމެއްގައި ކުރެވޭނޭ އެންމެ ބޮޑު ހަގީގީ އިންވެސްޓްމެންޓަކީ ރައްޔިތުން ގާބިލުކުރުވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
މަތީ ތައުލީމު މަރުހަލާގައި ކިޔަވަމުންދާ ދަރިވަރުންނަށް 2013 ވަނަ އަހަރު ދޫކުރާ ލޯނުގެ އެހީގެ ލިޔުން ހަވާލު ކުރުމަށް މިއަދު ހެނދުނު ކުއްލިޔަތުއް ދިރާސާތުލް އިސްލާމިޔާގެ ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމާއި އަދި ރާއްޖެއަކީ ސުލްހަވެރިކަމާއެކު ރައްޔިތުން އުފާވެރި ދިރިއުޅުމެއް އުޅޭ ތަނަކަށް ހެދުމަށްޓަކައި، ރައްޔިތުން ތައުލީމީ ގާބިލު ބަޔަކަށް ހަދަން ޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އާބާދީ ކުޑަވުމާއެކުގައި، މި އާބާދީގެ ކޮންމެ ދަރިޔަކީ ތައުލީމީ، ގާބިލް މީހަކަށް އަޅުގަނޑުމެން ހަދަން އެބަޖެހޭ. ކޮންމެ ގައުމެއްގެވެސް އެންމެ ބޮޑު ރައުސުލްމާލަކީ އެގައުމެއްގެ ރައްޔިތުން. އެހެންވީމާ ރައްޔިތުންގެ ގާބިލްކަން އިތުރު ކުރުމަކީ ހަގީގީ އިންވެސްޓްމަންޓަކީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ސަރުކާރުން ތައުލީމަށް ކުރަމުން ގެންދާ މަސައްކަތްތަކަކީ ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ.
"މިއީ ވަރަށްބޮޑު އިންވެސްޓްމަންޓެއް. މި އިންވެސްޓްމަންޓް ދައުލަތުގެ ފަރާތުން މިކުރަނީ ރާއްޖޭގެ ސިގްތިސާދު ކުރިއެރުވުމަށްޓަކައި. ރާއްޖެއަކީ ސުލްޙަވެރި ތަނަކަށް ހެދުމަށްޓަކައި ދިވެހިރާއްޖެއަކީ އުފަލުގައި މީހުން ދިރިއުޅޭ ތަނަކަށް ހެދުމަށްޓަކައި،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮންމެ ދަރިވަރަކުވެސް އެ ދަރިވަރަކު ކިޔަވާ ރޮނގަކީ ވަޒީފާ ލިބޭނޭ އަދި ނަތީޖާ ނެރެވޭ ރޮނގެއް ކަމުގައި އިހްތިޔާރު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަބޭފުޅުން ހާއްސަކޮށް ތަންކޮޅެއް ޒުވާން ބޭފުޅުން މި އުޅުއްވަނީ ވަރަށް ބޮޑަށް އާއިލާތަކަށް ބަރޯސާ ވެގެން. ކިޔަވައި ނިންމެވުމަށްފަހުވެސް ބައެއްފަހަރު ވަޒީފާއަށް ނުނުކުމެ އުޅުއްވާ ޒުވާނުންވެސް އެބަ އުޅުއްވާ. އެހެން ނަމަވެސް އަބަދަކު އަޅުގަނޑުމެންނަށް އެހެނަކުން ނޫޅެވޭނެ އެހެން ނޫންތޯ؟ ދުނިޔެއިން ދުވަހެއް، ހަޔާތުން ދުވަހެއް، ވޭތިވަމުންގޮސް، އަޅުގަނޑުމެން ކޮންމެ މީހަކީވެސް އަމިއްލަ ފައިމައްޗަށް ތެދުވާންޖެހޭ މީހެއް. އަޅުގަނޑުމެން ކޮންމެ މީހަކީވެސް އާއިލާއެއް ބަލަހައްޓަންވެސް ޖެހޭނޭ މީހެއް. އެހެންވީމާ އެކަން ކުރުމަށްޓަކައި ތިމާގެ ގާބުލުކަން އިތުރު ކުރުމަށްޓަކައި ކުރާ މަސައްކަތް މިހާރު މިކުރެވެނީ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި ކިތަންމެ ކުޑައާބާދީއެއް އޮވެފައި ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ތައުލީމު ހާސިލްކޮށްގެން ނުކުތްނަމަވެސް މިހާރު މިދެވޭ މަތީތައުލީމު ހާސިލްކުރުމުގެ ފުރުސަތުތައް ލިބޭ ބައެއް ކުދިން އެއްވެސް ކަމެއް ނެތިފައި ތިބޭތަން ފެންނަ ކަން ފާހަގަ ކުރެއްވި އެވެ.
"އެއީ ދެވޭ ތައުލީމުގެ މައްސަލައެއް ނޫން. އެއީ އިގްތިސާދުގެވެސް މައްސަލައެއް. އަޅުގަނޑުމެންގެ އިގްތިސާދު އެބަޖެހޭ ޑައިވާސިފައިކޮށް ފުޅާކުރަން. ގިނަ ރޮނގުރޮނގުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އަޅުގަނޑުމެން އެބަޖެހޭ ހުޅުވައިލާން. އިރާދަކުރެއްވިއްޔާ އެކަންވެސް ސަރުކާރުން ކުރިއަށްއޮތް ތާނގައި ކުރާނަން. އަދި ހާއްސަކޮށް އަމިއްލަ މަސައްކަތުން އަމިއްލަ މަސައްކަތް ފަށައިގެން ކުރިއަށްދާން ބޭނުންވާ ބޭފުޅުންނަށް އެ މަސައްކަތް ކުރެވޭނޭ ގޮތްތައްވެސް އިރާދަކުރެއްވިއްޔާ ހަމަޖެހިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަތީ ތައުލީމް ހާސިލް ކުރައްވައިގެން އަމިއްލައަށް މަސައްކަތެއް ފައްޓަވަން ބޭނުންވާ ފަރާތްތަކަށް އެ މަސައްކަތް ކުރެވޭނޭ މާލީ ތަނަވަސްކަމެއް ހޯދައި ދެއްވުމަށްޓަކައި، އެކިއެކި ވަރުވަރުގެ ލޯނުގެ އެހީ ދިނުމުގެ ޕްރޮގްރާމްތައް މިހާރުވެސް ހިންގަމުން ގެންދަވާ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި އެފަދަ ފުރުސަތުތައް އިތުރަށް ފުޅާ ކުރަށްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.