04 Jul 2013, 12:30
ރައްޔިތުން އެދޭގޮތަށް ބަނދަރުގެ މަސައްކަތް ކުރިއަށް ނުދާތީ ފ. ބިލެތްދޫ ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓުވައި އެރަށު ކައުންސިލް އިދާރާ ރައްޔިތުން ނުކުމެ ބަންދުކޮށްފި އެވެ.
ސަން އަށް މައުލޫމާތުދެއްވަމުން ބިލެތްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒުހުރީ މިއަދު ވިދާޅުވީ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓުވާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ކައުންސިލް އިދާރާ ބަންދުކޮށްފައި ވަނީ މިއަދު ހެނދުނު 8:10 އެހައިކަންހާއިރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަނދަރުގެ މަސައްކަތް ހުއްޓުވައި، ކައުންސިލް އިދާރާ ބަންުދުކޮށްފައިވީ އެރަށުގެ ނެރު 20 ފޫޓު ދިގުކުރުމަށް ރައްޔިތުން އެދޭ އެދުމަށް އަމަލުކޮށްފައި ނުވާތީ ކަމަށާއި ރަށުގެ ނެރުނު ކުޑަވުމުގެ ސަބަބުން ރާޅުއަރައި އޮޑިފަހަރުތަކަށް އެކިއެކި ގެއްލުންތައްވަމުންދާ ކަމަށެވެ. އސދި ބޯކޮށް ރާޅުއެރުމުގެ ސަބަބުން އޮޑިފަހަރު ބަނދަރުގައި އަޅައިފައި ބޭއްވުމަށް ވާ އެއްސުމަށް ހަދާފައި ހުރި އެސްއެސް ބުޅި ވެސް ބިންދައިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިރަށަކީ ވަށައިގެން ރާޅުއަރާ ރަށެއް. މިއީ އަބަދުވެސް ދިމާވާ ކަމެއް. މީގެ ސަބަބުން އޮޑިފަހަރުތަކަށް ބޮޑެތި ގެއްލުންތައްވަމުންދާތީ ރައްޔިތުން ޑިމާންޑު ކުރަނީ ރަށުގެ ނެރު 20 ފޫޓު ދިގުކޮށްދިނުމަށް. ނަމަވެސް އެކަމަށް ކަމާބެހޭ ފަރާތްތަކުން އިޖާބައެއް ނުދޭތީ ރައްޔިތުން ވަނީ ބަނދަރުގެ މަސައްކަތް ހުއްޓުވައި ކައުންސިލް އިދާރާ ބަންދުކޮށްފައި،" ޒުހުރީ ވިދާޅުވި އެވެ.
މިއަދު 8:10 އެހާކަންހާއިރުން ފެށިގެން ކައުންސިލް އިދާރާ ބަންދުކުރުމަށް ފަހު ރައްޔިތުން ދަނީ އެ އިދާރާކައިރީ މުޒާހަރާ ކުރަމުންނެވެ.
ކައުންސިލްގެ ރައީސް ޒުހުރީ ވިދާޅުވީ ތަފާތު އެކި ބެނާތަށް ހިފައިގެން ނުކުމެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގޮވަމުން ގެންދަނީ އެމީހުންގެ ޑިމާންޑާ އެއްގޮތަށް ނެރު 20 ފޫޓު ދިގުކޮށްދިނުމަށް ކަމަށެވެ.