ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ގިނަ ވުޒާރާތަކެއްގެ ވަޒީރުކަން ކުރައްވައިފައިވާ އިލްޔާސް އިބްރާހިމް ޕީޕީއެމުން މިއަދު ވަކިވެވަޑައިގެންފި އެވެ.

އިލިޔާސް އިބްރާހީމް ޕީޕީއެމުން ވަކިވެވަޑައިގެންފައި މިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިން މޭޓްކަން އިލިޔާސް އަށް ހުށަހަޅުއްވާފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. އެކަމާ ބެހޭ ގޮތުން ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލްޔާސް މިއަދު ވިދާޅުވީ އެފަދަ ހުށަހެޅުއްވުމަކާ ބެހޭ ގޮތުން މިވަގުތު ކޮމެންޓެއް ކުރައްވަން ބޭނުންނުވާ ކަމަށެވެ.

އިލްޔާސް ސަން އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ އޭނާ ޕީޕީއެމުން ވަކިވަވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލް ކުރަމުން ގެންދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެންނަވާތީ، މިދުވަސްކޮޅު ޕާޓީއާ ދުރުގައި ހުންނަވަން ބޭނުންފުޅުވާތީ ކަމަށެވެ. އަދި ޕީޕީއެމުން ވަކިވެވަޑައިގެންނެވި ނަމަވެސް މިހާތަނަށް އެހެން ޕާޓީއަކާ ގުޅިވަޑައިގެންނެވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ޕާޓީން ވަކިވާން މިނިންމީ މަޖިލީހުގައި ޕީޕީއެމް ތަމްސީލް ކުރަމުން ގެންދާ ގޮތާއި މެދު ހިތްހަމަ ނުޖެހޭތީ، ނަމަވެސް މިއަދުގެ މިވަގުތާ ހަމައަށް އަދި އިތުރު އެހެން ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް ނެތް،" އިލްޔާސް ވިދާޅުވި އެވެ.

މައުމޫން މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިލްޔާސް މިއަދު ޕީޕީއެމުން ވަކިވެވަޑައިގެންފައިވާ ކަމަށާއި އިލިޔާސްއަކީ އެޕާޓީއަށް ލިބުނު ވަރަށް ބޮޑު "އެސެޓެއް" ކަމަށެވެ.

"މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް، އިލްޔާސް އިބްރާހީމް ޕީޕީއެމް އިން ވަކިވެވަޑައިގެންފި. ފެށުނީއްސުރެ އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރެއްވި ކަމަށްޓަކައި އަޅުގަނޑު އެމަނިކުފާނަށް ޝުކުރުއަދާ ކުރަން،" މައުމޫންގެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.



އިލްޔާސްއަކީ ރައީސް މައުމޫންގެ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން އެޓޯލްސް މިނިސްޓަރު ކަމާއި ސިފައިންގެ އެންމެ އިސްވެރިޔާގެ ނާއިބު ކަމާއި ހެލްތް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިލްޔާސް އިބްރާހިމް އަކީ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ އެއްބަޑު އެއްބަފާ ބޭބޭފުޅެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި އުމަރު ނަސީރަށް ތާއީދު ކުރެއްވުމަށްފަހު، މިހާތަނާ ޖެހެންދެން އިލްޔާސް އެ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑަައިނުގަންނަވަ އެވެ.