އަންނަ ހޮނިހިރު ދުވަހު އޮލިމްޕަހުގައި ބާއްވާ މިއަހަރުގެ މިސްޓަ މޯލްޑިވްސް މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

ސައުތު އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަނުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ބޮޑީ ބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެފްއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު އަމީން ވިދާޅުވީ، މުބާރާތުގެ ޓިކެޓުގެ އަތުތައް އުޅެނީ ތިން އަގެއްގައި ކަމަށާއި އެ އަގުތަކަކީ 100ރ. އާއި 150ރ އަދި 200ރ. ގައި ކަމަށެވެ. އަދި ޓިކެޓް ވިއްކާން ހުންނާނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެމްއެންޑީއެފް އާއި އެކްސް ޓިރީމް ފިޓްނަސް އަދި މާލޭ ފިޓްނަސްގައި ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މިފަހަރުގެ މުބާރާތުގެ ފްރީޖަޖިން ޝޯ ހޮނިހިރު ދުވަހުގެ 10:00 ޖަހާއިރު ބޭއްވުމަށް ނިންމާފައި ވާއިރު، ފައިނަލް ޝޯ އޮތީ އެ ރޭ 9:00 ޖަހާއިރު ކަމަށެވެ. އަދި ފައިނަލް ޝޯ ކުރިއަށް ދާއިރު މުނިފޫހިފިލުމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށާއި ހަމައެޔާއެކު މަޝްހޫރު ފިލްމީ ތަރިންގެ ހަރަކާތްތައް ވެސް ކުރިއަށް ދާނެ ކަމަށް އަމީން ވިދާޅުވި އެވެ.

މިއަހަރުގެ މިސްޓަމޯލްޑިވްސް މުބާރާތުގައި ޖުމްލަ 15 ބިލްޑަރުން ވާދަކުރާނެ އެވެ. އެބިލްޑަރުން ނަކީ ގިޔާސް އިބްރާހިމް އާއި ޝާހީން އިބްރާހިމް ޑީޑީ(ސާންޓޭ) އާއި 2007 ވަނަ އަހަރު މިސްޓަ މޯލްޑިސްގެ މަގާމް ހޯދި މުހައްމަދު ރަޝީދު (ރަޗޭ) އާއި އަލީ ޝަރީފް (އައްޔަ) އާއި މުހައްމަދު ޒިޔާމް (ޖޯން) އާއި 2011 އަދި 2012 ވަނަ އަހަރު މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި އާދިލް މުހައްމަދު(އާދިލް) އާއި އަބްދުލް ހަޝީބް ހުސައިން(ކޯޗް) އާއި 2009 ވަނަ އަހަރު މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި ހުޝާމް ހަމީދު އާއި އަލި މަނިކު (އައްޔަ) އާއި މުހައްމަދު މޫސާ އާއި ނިހާލް ޒުބައިރު (ނިލޭ) އާއި އިބްރާހިމް އަޖްމަލް (އަޖޭ) އާއި އަލީ އަނަސް (އަނަސް) އާއި 2006 ވަނަ އަހަރު މިސްޓަ މޯލްޑިވްސްގެ މަގާމް ހޯދި މުހައްމަދު އިބްރާހިމް(އައްޕަތާ)، އަދި އަބްދުލް އައްވަލް އެވެ.

މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސާ އަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޕިލިޕްސް ބްރޭންޑެވެ. އަދި ކޯ ސްޕޮންސާއަކީ ބަނޑޮސް އައިލެންޑް ރިސޯޓެވެ.