04 Jul 2013, 09:49
ބްރަސަލްސް (ޖުލައި 4): ބެލްޖިއަމްގެ ރަސްގެފާނު އަލްބަޓް ދެވަނަ ރަސްކަމުން ފައިބައިވަޑައިގަތުމަށް ނިންމަވައި އެކަން އިޢްލާން ކުރައްވައިފި އެވެ.
ބެލްޖިއަމްގެ ރަސްގެފާނު އަލްބަޓް ދެވަނަ ވިދާޅުވީ އޭނާ ރަސްކަމުން ފާބައި ވަޑައިގެން ދަރިކަލުން އަދި ވަލީއުލްޢަހްދު ޕްރިންސް ފިލިޕް އާ ރަސްކަން ޙަވާލުކުރެއްވުމަށް ނިންމަވައިފި ކަމުގަ އެވެ. އަލްބަޓް ދެވަނަ މިކަން އިޢްލާން ކުރައްވާފައި ވަނީ އިއްޔެ ގައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގަ އެވެ. ބެލްޖިއަމްގެ ރަސްކަމުން ފާބައިވަޑައިގަތުމަށް ނިންމެވިކަން ރަސްގެފާނު އިޢްލާންކުރައްވާފައި މިވަނީ އެގައުމުގެ ބޮޑުވަޒީރާއި ކެބިނެޓްގެ ވަޒީރުންނާ ބައްދަލުކުރައްވައި އޭނާގެ ނިންމެވުން އެބޭފުޅުންނަށް ރަސްމީގޮތުން އެންގެވުމަށްފަހުގަ އެވެ. އަލްބަޓް ދެވަނަ އިއްޔެ ވަނީ މިނިންމެވުމާ ބެހޭ މަޢްލޫމާތު ދެއްވުމަށް ބެލްޖިއަމްގެ ސަރުކާރުގެ އިސްވެރިންނާ އަދި ޝާހީ ޢާއިލާގެ އިސް މެންބަރުންނާ ވަކިވަކިން ބައްދަލުކުރައްވާފަ އެވެ.
ރަސްކަމުން ދުރުވެވަޑައިގެން ދަރިކަލުން އަދި ވަލީއުލްޢަހްދު ޕްރިންސް ފިލިޕް އާ ރަސްކަން ޙަވާލުކުރެއްވުމަށް ނިންމެވި ނިންމެވުމާބެހޭ ގޮތުން ދެއްވި ޚިތާބުގައި ބެލްޖިއަމްގެ ރަސްގެފާނު ވިދާޅުވީ އުމުރުފުޅު މައްޗަށް ދިޔުމުގެ ސަބަބުން ރަސްކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވުމަށް ދަތިފުޅުވާ ކަމުގަ އެވެ. އެހެންކަމުން މި ހިނގާ ޖުލައި މަހުގެ 21 ރަސްކަމުގެ އެންމެހާ މަސްއޫލިއްޔަތުތައް އުމުރުފުޅުން 53 އަހަރުގެ ވަލީއުލްޢަހްދު ޕްރިންސް ފިލިޕްއާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމުގަ އެވެ.
އުމުރުފުޅުން 79 އަހަރުގެ އަލްބަޓް ދެވަނަ ބެލްޖިއަމްގެ ވިރާސީ ރަސްކަމުގެ ތަޚްތައް އިސްވެވަޑައިގެންފައި ވަނީ އެގައުމުގެ ރަސްކަމުގައި ހުންނެވި އޭނާގެ ބޭބެ ޕްރިންސް ޕުޑްވާން 1993 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެންނެވެ. ޕުޑްވާން އަށް ފަހު އަލްބަޓް އަށް ރަސްކަން ވިރާސީ ގޮތުން ވާރުތަވީ ޕުޑްވާންގެ ދަރިކަލަކު އަދި ދަރިކަނބަލަކު ވެސް ނެތުމުންނެވެ.
ބެލްޖިއަމްގެ ރަސްގެފާނު އޭނާގެ ދަރިކަލުންނާ ރަސްކަން ޙަވާލުކުރެއްވުމަށް ނިންމަވާފައި މިވަނީ ވިރާސީ ރަސްކަންކުރާ ޔޫރަޕްގެ އެހެން ގައުމެއް ކަމަށްވާ ނެދަރލޭންޑްސްގެ ރާނީ ޕެޓްރިކްސް އެކަމަނާގެ ފިރިހެން ދަރިކަލުން އަދި ވަލީއުލްޢަހްދު ޕްރިންސް އެލެގްޒެންޑަރ އާ ރަސްކަން ޙަވާލުކުރެއްވިތާ ހަ މަސް ފަހުންނެވެ. ވިރާސީ ރަސްކަމެއްކުރާ ޢަރަބި ގައުމެއް ކަމަށްވާ ޤަތަރުގެ އަމީރުވެސް ދާދިފަހުންވަނީ އޭނާގެ ދަރިކަލުންނާ ރަސްކަން ޙަވާލުކުރައްވާފަ އެވެ. (ބީ.ބީ.ސީ)