ވައިޓް ހައުސް (ޖޫން 4): މިސްރުގެ ސިފައިން ޢަސްކަރީ އިންގިލާބެއް ގެނަސް ރައީސް ޑރ. މުޙައްމަދު މުރުސީ މަޤާމުން ޢަޒުލުކުރި މައްސަލާގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

މިސްރުގައި ހިނގަމުންދާ ކަންތައްތަކާބެހޭ ގޮތުން އެމެރިކާ ދެކޭގޮތް ހާމަކުރެއްވުމުގެ ގޮތުން ނެރުއްވި ބަޔާނެއްގައި އޮބާމާ ވިދާޅުވެފައި ވަނީ ސިފައިން ނުކުމެ ރައީސް މުރުސީ މަޤާމުން ދުރުކުރި މައްސަލާގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އަދި މިސްރުގެ ވެރިކަމަށް ސިފައިން ވަދެގަންނަންޖެހުނު ގޮތާއި އެކަމުގެ ސަބަބުން ކުރިމަތިވެދާނެ މައްސަލަތައް (އިންޕްލިކޭޝަންތައް) ބަލައި ރިޕޯޓެއް ތައްޔާރުކުރުމަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކަށް އަމުރު ކުރައްވާކަމުގަ އެވެ.

އޮބާމާގެ ބަޔާނުގައި ރައީސް ޑރ. މުރުސީ އާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކާއި މުރުސީގެ ސަރުކާރުގެ އިސްފަރާތްތައް ހައްޔަރުކޮށް އެމީހުންނަށް ގޯނާ ނުކުރުމަށާއި އިންތިޚާބުކޮށްފައިވާ ރައީސަކާ ވެރިކަން އަވަހަށް ޙަވާލުކުރުމަށް ވެސް މިސްރުގެ ސިފައިންނަށް އިލްތިމާސްކޮށްފައިވެ އެވެ. ނަމަވެސް މިސްރު ސިފައިން މިހާރު ވަނީ މުރުސީގެ ސަރުކާރުގެ ބޮޑުވަޒީރު ހީޝާމް ޤިންދީލް ހައްޔަރުކޮށްފަ އެވެ.

އަނެއްކޮޅުން ޑރ. މުރުސީ މަޤާމުން ދުރުކުރުމާ އެކު އެމެރިކާގެ ސެނެޓްގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ އެމެރިކާ އިން މިސްރަށްދޭ އަހަރީ އެހީކަމަށްވާ 1.5 ބިލިޔަން ޑޮލަރު ދިނުމުގެ ކަންތައް، "މިސްރުގައި ހިނގާ ކަންތައްތައް ރަނގަނޅަށް ސާފުވަންދެން" މަޑުޖައްސާލުމަށް ނިންމާފަ އެވެ. ޔޫރްޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ކެޓްރިން އެޝްޓޮން ވަނީ މިސްރުގައި އުފެދިފައިވާ ބައިބައިވުންތަކާ ފިތްނައާމެދު ކަންބޮޑުވާކަން ހާމަކުރައްވާފަ އެވެ. ނަމަވެސް މުރުސީގެ ވެރިކަން ވައްޓާލި ޢަސްކަރީ އިންޤިލާބު ކުށްވެރިކޮށްފައެއްނުވެ އެވެ. އެޝްޓަން ވެސް ވަނީ މިސްރުގައި ރިޔާސީ އަދި ޕާލަމެންޓްރީ އިންތިޚާބެއް އަވަހަށް ބޭއްވުމަށް ސިފައިންނަށް ގޮވާލައްވާފަ އެވެ.

މިސްރުގެ ސިފައިން އިންޤިލާބެއް ގެނަސް ރައީސް މުރުސީގެ ވެރިކަން ވައްޓާލުމުން ސައޫދީ އަރަބިޔާ އާއި ޔޫއޭއީ އިން ވަނީ ހިތްހަމަޖެހޭ ކަން ފާޅުކޮށްފަ އެވެ. ސައޫދީ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒު ވަނީ މިސްރުގެ ވަގުތީ ރައީސް ދަސްތޫރީ އެންމެ އިސްކޯޓުގެ ފަނޑިޔާރު ޢަދްލީ މަންސޫރަށް ތަހްނިޔާ ވިދަޅުވެ ސިޓީއެއް ފޮނުއްވާފަ އެވެ. އަދި އަހްލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވާ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ވެސް ވަނީ މިސްރުގެ ޝަރުޢީ އަދި ޤާނޫނީ ވެރިކަން ވައްޓާލި މައްސަލާގައި މިސްރުގެ ސިފައިންނަށް ތާރީފުކުރައްވައި ބަޔާނެއް ދެއްވާފަ އެވެ.

މިސްރުގެ ރައީސް ކަމުގެ މަޤާމުން ޑރ. މުރުސީ ދުރުކުރިކަން މިސްރު ސިފައިން ރޭ އިޢްލާންކޮށްފައި ވަނީ މުރުސީގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ކުރިޔަށްގެންދާ އިޙްތިޖާޖްތަކާ ގުޅިގެން ކުރިމަތިވެފައިވާ ސިޔާސީ ގަޑުބަޑު ޙައްލުކުރުމަށް ސިފައިން ދީފައިވާ މުހުލަތު ހަމަވެފައިވަނިކޮށް ނެރުނު ޢަސްކަރީ ބަޔާނެއްގަ އެވެ. މިބަޔާން އިއްވަވާފައި ވަނީ މިސްރުގެ ދިފާޢީ ވަޒީރު އަދި ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ޢަބްދުލްފައްތާޙް އައްސީސީ އެވެ.

ރައީސް މުރުސީ މަޤާމުން ޢަޒުލު ކުރުމާބެހޭ ގޮތުން ސިފައިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިސްރުގެ ވަގުތީ ރައީސަކީ ދަސްތޫރީ ކޯޓުގެ އިސްފަނޑިޔާރު ޢަދްލީ މަންސޫރު ކަމަށާ މިސްރުގައި ވަރަށް އަވަހަށް ރިޔާސީ އަދި ޕާލަމެންޓްރީ އިންތިޚާބުތައް ބާއްވައި ރައީސަކާއި ޕާލަމެންޓެއް އިންތިޚާބު ކުރާނެ ކަމުގަ އެވެ. އައު ރައީސަކު އިންތިޚާބު ކުރެވެންދެން ގައުމުގެ ރިޔާސަތުގެ އެންމެހާ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރައްވާތީ ވަގުތީ ރައީސެއްގެ ހައިސިއްޔަތުން ދަސްތޫރީ ކޯޓުގެ އިސްފަނޑިޔާރު ޢަދްލީ މަންސޫރު ކަމަށްވެސް މިސްރު ސިފައިން ނެރުނު ބަޔާން ބުނެ އެވެ.

ރައީސް މުރުސީގެ ވެރިކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މިހާބޮޑަށް ނުކުމެ އެކަމުގައި ސިފައިން ވެސް ބައިވެރިވީ މުރުސީގެ ވެރިކަމުގައި މިސްރުގެ މުޅި ރައްޔިތުންނަށްވުރެ އޭނާ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމީން ޖަމާއަތާއި އިސްލާމީ ޚިޔާލުގެ އެހެން ޖަމާއަތްތަކުގެ މެންބަރުންނަށް އިސްކަން ދެއްވުމާއި މިސްރުގެ ޝަރްޢީ ދާއިރާގެ ބައެއް އިސްފަރާތްތައް މަޤާމުން ދުރުކޮށް ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވުމުން މިސްރުގައި ހަމަނުޖެހުން އުފެދެމުންދާތީ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

ރައީސް މުރުސީ ވަނީ އޭނާ މަޤާމުން އިސްތިއުފާ ނުދެއްވާތީ މިސްރުގެ ޝަރްޢީ ރައީސަކީ އޭނާކަމަށް ވިދާޅުވެފަ އެވެ.(ނޫސްއެޖެންސީތައް)