04 Jul 2013, 09:22
ދިވެހި ސިފަިއންނަށް ބޮޑެތި ކަންތައްތަކެއް ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ރޭ ވައުދުވެވަޑައިގެންފި އެވެ.
ރައީސް ވަހީދު ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ދިފާއީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ރާވާފައިވާ މައިގަނޑު ހަތަރު ސިޔާސަތެއް އިއުލާންކުރައްވައިފަ އެވެ.
ސިފައިންގެ ދުވަހުގެ މުނާސަބަތުގައ ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ފުރަތަމަ ސިޔާސަތަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތީ އޮނިގަނޑު ހަރުދަނާ ކުރުމާއި ދިފާއީ ނިޒާމު ވަރުގަދަކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ އެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ނޭޝަނަލް ސެކިއުރިޓީ އެކްޓް މަޖިލީހުން ފާސްކޮށް 2014 ވަނަ އަހަރު އަމަލުކުރަން ފަށައި ސަލާމަތީ ހިދުމަތްތަކާ އިންޓެލިޖަންސް ހިއްސާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމައްޓަކައި ނޭޝަނަލް އިންޓެލިޖަންސް ބިއުރޯއެއް 2015 ވަނަ އަހަރު އުފައްދަން ނިންމަވާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ސަރަހައްދާއި އިގްތިސާދީ ސަރަހައްދު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހިމާޔަތްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް 2018 ވަނަ އަހަރުގެ ނިޔަލަށް އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ހޯދައި ބޭނުންކުރަން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ދިފާއުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހި މަސްވެރިންނަށާއި އެ ކަނޑު ހުރަސްކޮށް ހިނގާ ބައިނަލްއަގުވާމީ އިގްތިސާދީ ހަރަކާތްތަކަށް ސަލާމަތްތެރި އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ކޯސްޓް ގާޑަށް އިތުރު އޯފްޝޯ ޕެޓްރޯލް ވެސަލްތަކާއި ޔުޓިލިޓީ އުޅަނދު 2018 ވަނަ އަހަރުގެ ނިޔަލަށް ހޯދައިދެއްވާނެ ކަމަށެވެ.
"ސިފައިންގެ މެރީންސް ލަޝްކަރުގެ ގާބިލްކަން އިތުރުކޮށް ކުރިއަށް އޮތް އަހަރު ނިމުމުގެ ކުރިން އެ ލަޝްކަރު ޒަމާނީ ވަސީލަތްތަކާއެކު އިކްވިޕްކޮށް، ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ސިފައިންގެ ކޮމާންޑްތައް މިހާރަށްވުރެ ވަރުގަދަކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ރޭ އިއުލާންކުރެއްވި ދެ ވަނަ ސިޔާސަތަކީ ސިފައިންގެ ވެލްފެއާގެ ކަންކަން ދައުލަތުގެ ބައިތުލްމާލަށް ބަރޯސާނުވެ ކުރެވޭނެފަދަ ޙައްލުތަކެއް ހޯދުމުގެ ސިޔާސަތެވެ.
"ﷲ އިރާދަކުރެއްވިއްޔާ މި މަސްތެރޭގައި ސިފައިންނަށް އަމާޒުކޮށްގެން ހުޅުމާލޭގައި 300 ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ. އަދި ހަމައެއާއެކު ސިފައިންގެ ވެލްފެއާ ކަންތައްތައް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރާއި ސިފައިންގެ ކޯޕަރޭޓިވް ޙިއްސާވާގޮތަށް އުފައްދާފައިވާ ސިފައިންގެ ވެލްފެއާ ކޮމްޕެނީގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފަށައި 2018 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ ސިފައިންގެ ވެލްފެއާގެ އެންމެހާ ކަންތައްތައް ކުރެވޭނެ މާލީ ގާބިލްކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދާނަން،" ރައީސް ވިދާޅުވި އެވެ.
ސިފައިންނަށް ދިމާވެފައިވާ ބެރެކްސް އެކޮމޮޑެޝަންގެ ދަތިކަން ހައްލުކުރުމަށް ސިފައިންގެ އެކި މަރުކަޒުތަކުގައި ބެރެކްސް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. މިގޮތުން ކޮންމެ ސިފައިންގެ މީހަކީ ވެސް ސިފައިންގެ ކޮންމެ ވެސް އެއް މަރުކަޒެއްގައި ދިރިއުޅެވޭނެ ގޮތް ހަމަޖެހިފައިވާ މީހަކަށް ކުރިއަށް އޮތް ދެ އަހަރުތެރޭގައި ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަދި ސިފައިން ދިރިއުޅޭ ކޮންމެ ސަރަހައްދެއްގައި އާއިލާއާއެކު ދިރިއުޅެވޭނެ ވެއްޓެއް ގާއިމްކޮށްދީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސިފައިންނަށް ހާއްސަކޮށްގެން ހައުސިންގ ޔުނިޓް އެޅުމަށްވަނީ ހަމަޖެހިފައި،" ރައީސް ވަހީދު ވިދާޅުވި އެވެ. "ސެނަހިޔާ ހޮސްޕިޓަލަކީ 2014 ވަނަ އަހަރު ނިމެންވާއިރަށް ޑައިގްނޯސްޓިކް ސެންޓަރަކާއެކު ހުރިހާ ދާއިރާއެއްގެ ސްޕެޝަލިސްޓުން ހިދުމަތްދޭ ތަނަކަށް ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުންދާކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން،"
ރައީސް ރޭ އިއުލާން ކުރެއްވި ތިން ވަނަ ސިޔާސަތަކީ، ސިފައިންގެ އިންފްރާސްޓްރަކްޗާ ބިނާކޮށް ތަރައްގީ ކުރުމުގެ ސިޔާސަތެވެ.
އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާ ބެހޭ ގޮތުން ރައީސް ވަހީދު ވިދާޅުވީ ކޯސްޓްގާޑްގެ ކުދި އުޅަނދުތައް އެލޯންގް ސައިޑްކޮށް ރައްކާތެރިކަމާއެކު ބޭއްވޭނެފަދަ ބަނދަރެއް ހުޅުމާލޭގައި މިއަހަރު ގާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެއާއެކު، ކޯސްޓްގާޑްގެ ބޮޑެތި އުޅަނދު ފަހަރަށް ބަންކަރިން ފެސިލިޓީއާއެކު ބަނދަރެއް ގާއިމްކުރުމަށްޓަކައި އުތުރު ތިލަފަޅުގެ މަޝްރޫއު މިއަހަރު ފެށޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ 2016 ވަނަ އަހަރުގެ ނިޔަލަށް މިބަނދަރުގެ މަސައްކަތް ނިންމައި ހިދުމަތް ލިބެން ފަށާނެ. މީގެއިތުރުން މާފިލާފުށީގައި ބިންގާ އަޅާފައިވާ ކޮމްޕޮސިޓް ޓްރެއިން ސެންޓަރުގައި ގާއިމްކުރަން ބޭނުންވާ އިމާރާތްތައް 2015ގެ ނިޔަލަށް ނިންމައި ސިފައިންގެ އެއްގަމާއި ކަނޑުގެ ބާރުތަކުގެ ތަމްރީނުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވެން ފެށޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ސިފައިންގެ ދީނީ ވަހުދަތު އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ސިފައިންގެ އަހަރީ ދުވަހު ކަޅުތުއްކަލާ ކޮށީގައި މިސްކިތެއްގެ ބިންގާ އަޅާފައިވާ ކަމަށާއި އިރާދަކުރެއްވިއްޔާ އެ މިސްކިތުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު މިރޭ އިއުލާންކުރެއްވި ސިފައިންގެ ހަތަރުވަނަ ސިޔާސަތަކީ ސިފައިންނަށް ރަނގަޅު ފެންވަރުގެ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމުގެ ސިޔާސަތެވެ.
"އަޅުގަނޑު ކުރިން ވެސް ފާހަގަކުރި ފަދައިން ތައުލީމާއި ތަމްރީނަށް އިސްކަންނުދީ ގައުމުގެ އެއްވެސް ދާއިރާއެއް ކުރިއެއް ނާރާނެ. ސިފައިންނަށް ތަޢުލީމާއި ތަމްރީނު ދިނުމުގެ ނިޒާމް ފުޅާކޮށް ދެވޭ ތަޢުލީމާއި ތަމްރީނުގެ ފެންވަރު ރަނގަޅުކޮށް، ދިވެހި ސިފައިންނަކީ ޢަދަދުގެ ގޮތުން މަދު ނަމަވެސް، ގާބިލް ޕްރޮފެޝަނަލް ބަޔަކަށް އަޅުގަނޑުމެން ހަދާނަން. މިގޮތުން ކުރިއަށް އޮތް ފަސް އަހަރުތެރޭގައި ޑިފެންސް އިންސްޓިޓިއުޓް، ޑިފެންސް ކޮލެޖެއްގެ ފެންވަރަށް ތަރައްގީކޮށް މި އިންސްޓިޓިއުޓަކީ ތައުލީމާއި ތަމްރީނު އަދި ދިރާސާ ކުރުމުގެ ރޮނގުން ފާހަގަކުރެވޭ މަރުކަޒަކަށް ހަދައި، އެތަނުގެ އޮނިގަނޑުގެ ތެރެއިން ހިންގާ ތަމްރީނުތަކަކީ، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޤަބޫލުކުރާ ތަމްރީނުތަކަކަށް ﷲ އިރާދަކުރެއްވިއްޔާ ހަދާނަން. އަދި އެތަނުގައި ޕޯސްޓް ގްރެޖުއޭޓް ފެންވަރަށް ކިޔަވައިދޭން ފަށާނެ ވާހަކަވެސް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ރަހުމަތްތެރި ގައުމުތަކާ ގުޅިގެން އަދި ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ޔުނިވާސިޓީތަކާ ގުޅިގެން ސިފައިންނަށް މަތީ ތަައުލީމުގެ ފުރުސަތުތައް ހޯދައިދީ ސިފައިންނަކީ ތައުލީމީ ގޮތުން ގާބިލް ބަޔަކަށް ހެދުމަކީ އެންމެ އިސްކަންދޭނެ ކަންތައް ކަމަށެވެ.
"ދެންމެ މި ހާމަކުރި ސިޔާސަތުތައް ހަލުވި މިނެއްގައި ތަންފީޒު ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް. އެހެންކަމުން މިކަންކަން ހާސިލް ކުރުމަށް ޑިފެންސް މިނިސްޓްރީ އަދި ސިފައިންގެ ހުރިހާ ގިންތިއަކުން ވިސްނުންތެރިކަމާއެކު ގަދައަޅާ މަސައްކަތް ކުރުމަށް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ސިފައިންގެ މުއައްސަސާ އިތުރަށް ތަރައްގީކޮށް ކުރިއަށް ގެންދިޔުމަކީ އެމަނިކުފާނުގެ އެންމެ އިސް ވާޖިބު ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި މުއައްސަސާއެއް ތަރައްގީ ކުރުމަށް ބޭނުންވާ އެންމެ މުހިއްމު އެއްވަސީލަތަކީ އެ މުއައްސަސާގެ އިންސާނީ ވަސީލަތް. މިރޭ ތަޢާރަފް ކުރެވިގެން އެ ދިޔަ މިލިޓަރީ ކޮލިފިކޭޝަން ފްރޭމްވާކްގެ ސަބަބުން ސިފައިންގޭގައި ތައުލީމީ އާ ޖީލެއް ބިނާކުރުމަށް އިތުރު ހިތްވަރެއް ލިބި، ގިނަ ކުރިއެރުންތަކެއް ހޯދުމަށް މަގުފަހިވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ސިފައިންގެއަކީ އެއްފުރާޅެއްގެ ދަށުގައި އެންމެ ގިނަ އަދަދަކަށް މަތީ ތައުލީމް ހާސިލްކޮށްފައިވާ ފަރާތްތައް ތިބި ތަނޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ ކަމަށެވެ.
"މިހަގީގަތާއެކު ވެސް ދަންނަވަން ޖެހެނީ ކުރަންޖެހޭ ގިނަ ކަންތައްތަކެއް އަދިވެސް ހުރި ވާހަކަ. ތަރައްގީކޮށް ކުރިއަރުވަން މަސައްކަތް ކުރަން ޖެހިފައިވާ ބައެއް ދާއިރާތައް އަދިވެސް އެބަހުރި ކަމަށް އަޅުގަނޑަށް ފެންނަ ވާހަކަ ދަންނަވަން. އެހެންކަމުން، އަސްކަރީ ދާއިރާގެ ޢިލްމާއި ސައިންސް، އިތުރަށް ކުރިއަރުވައި ތަރައްގީ ކުރުމަށް އިތުރު ހަރަކާތްތައް ފެށުމަށް އަޅުގަނޑު އުންމީދު ކުރަން،" ރައީސް ވިދާޅުވި އެވެ.
ސިފައިން ކުރިއަރުވައި ތަރައްގީކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ރޭ ރައީސް އިއުލާންކުރެއްވި އެއް ކަމަކީ ސިފައިންގޭގައި ސްކޮލަޝިޕް ސްކީމެއް ތައާރުފުކުރުމެވެ. މި ސްކީމް ކުރިއަށް ގެންދާން ނިންމާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް ލީޑަޝިޕް ސްކީމްގެ ނަމުގަ އެވެ.
ރައީސް ވަހީދު ވިދާޅުވީ މިއަހަރުގެ ތެރޭގައި އެ ސްކީމް ތައާރަފް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޑިފެންސް މިނިސްޓްރީން މިހާރު ދަނީ ކުރަމުން ކަމަށެވެ. އަދި އެ ސްކީމްގެ ތެރެއިން ސިފައިންގެ އޮފިސަރުންނާއި އެންސީއޯއިންނަށް ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ޙާސިލް ކުރުމުގެ ފުރްސަތު ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ދެވަނަ ކަމަކަށް ރައީސް ވަހީދު މިރޭ މިތަޢާރަފް ކޮށްދެއްވީ "ސެކިއުރިޓީ ސެކްޓަ ރިސާރޗް ގްރާންޓް"ގެ ނަމުގައި ހާއްސަ ރިސާޗް ޕްރޮގްރާމެކެވެ.
ރައީސް ވަހީދު ވިދާޅުވީ އެ ރިސާޗް ގްރާންޓްގެ ބޭނުމަކީ ޓެރަރިޒަމްގެ ނުރައްކަލާއި ރާއްޖެފަދަ ކުދި ގައުމުތަކުގެ ގައުމީ ދިފާއާ ގައުމީ ސަލާމަތަށްހުރި ނުރައްކާތަކާ ގުޅޭގޮތުން އަދި ޖުމްލަކޮށް ސެކިއުރިޓީ ސެކްޓަގެ ދިރާސާތަކަށް މަގުފަހިކުރުން ކަމަށެވެ. ވަކީން ހާއްސަކޮށް އަސްކަރީ އިލްމާއި ސައިންސާއި ފަންނުގެ ދާއިރާއިން ކުރާ އިލްމީ ދިރާސާތަކާއި އީޖާދުތަކަށް ފަންޑު ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވަނީ ސިފައިންގޭގައި ތާރީހު ދިރާސާކުރާ މަޝްރޫއެއް ގާއިމްކޮށް ރާއްޖޭގެ އާންމު އަދި އަސްކަރީ ތާރީހު ދިރާސާކޮށް އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާސިލް ކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ހަލުވި ބާރުމިނެއްގައި ކުރިއަށް ގެންގޮސްދެއްވުމަށް ޑިފެންސް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ރައީސް ވިދާޅުވީ ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރާއި އެމްއެންޑީއެފް ގުޅިގެން ސިވިލް ޑިފެންސް އެކެޑެމީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވަހީދު ވިދާޅުވީ މިދުވަސްވަރަކީ ރާއްޖެއަށް މާލީގޮތުން ވަރަށްގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމަށާއި މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތަކީ ބަޖެޓް ނެތުމުގެ ސަބަބުން ކުރަން ބޭނުންވާ ކިތަންމެ ކަމެއް މަޑުޖައްސާލަން ޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ މާލީ ގާބިލްކަން ހުރި މިންވަރަކުން ސިފައިންގެ ތަރައްގީ އަދި ވެލްފެއާގެ ކަންކަން ކުރިއަށް ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ދިފާއީ އޮނިގަނޑު ހަރުދަނާ ކުރުމަށް މިހާރުން މިހާރަށް ކުރެވެންހުރި ކަންތަކާއި މެދުރާސްތާއަށާއި ދުރުރާސްތާއަށް އަމާޒުކޮށްގެން ހިންގޭނެ ކަންތައްތައް ދެނެގަނެ ގައުމީ ސަލާމަތާއި ދިފާއީ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުން،" ރައީސް ވަހީދު ވިދާޅުވި އެވެ.