މާލެ އަތޮޅުގައި ރާޅާ އަޅަން އޮންނަ އެންމެ ހިތްގައިމު ޕޮއިންޓަކީ ކ. ތަނބުރުދު އެވެ. ސިފައިން ތަމްރީންތައް ހިންގާ ކ. ގިރިފުއްޓާ ޖެހިގެން އޮންނަ ތަނބުރުދުއަކީ ވެސް ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ. ސިފައިންގެ ބެލުމުގެ ދަށުގައި އެ ރަށް އޮތް ނަމަވެސް ދިވެހި ރާޅާ އެޅުންތެރިންނާއި ބޭރުގެ ރާޅާ އެޅުންތެރިންނަށް އެއްވެސް ހުރަހެއް ނެތި އެތަނުގައި ރާޅާ އެޅުމުގެ ފުރުސަތު އޮވެ އެވެ.

ނަމަވެސް ތަނބުރުދޫގައި ރިސޯޓެއް ހަދަން ބޭރުގެ އިންވެސްޓަރަކަށް ދިނުމާއެކު ރާޅާ އެޅުންތެރިންނަށް އެ ފުރުސަތު ގެއްލޭތީ އެކަމާ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ރަށުގައި ރިސޯޓެއް ހެދުމާ އެންމެ ބޮޑަށް ދެކޮޅު ހަދަނީ މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ އިތުރުން ސަފާރީތަކުގެ ޖަމިއްޔާ މޯލްޑިވްސް ލިވަ ބޯޑް އެސޯސިއޭޝަނުންނެވެ.

ތަނބުރުދޫގައި ރިސޯޓެއް ހަދަން ސިފައިންގެ ސިފްކޯ އިން ވަނީ ބޭރުގެ އިންވެސްޓަރަކަށް ދާދިފަހުން ކުއްޔަށްދީފަ އެވެ. އެއާއެކު އެ ރަށުގައި ރިސޯޓެއް ހެދުމުން އެތަނުގައި އެއްވެސް ބަޔަކަށް ރާޅާ އެޅުމުގެ ފުރުސަތު ނުލިބިދާނެތީ ލިވަ ބޯޑު އެސޯސިއޭޝަނުން ދަނީ އެ މައްސަލަ ހައްލުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.

"މާލެ އަތޮޅުގައި ރާޅާ އެންމެ މުހިންމު ޕޮއިންޓްތައް މިހާރު މިދަނީ ސާފަރުންނަށް ގެއްލެމުން. މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ މައްސަލައެއް. މި އަތޮޅުގައި އޮތް އެންމެ މުހިންމު ޕޮއިންޓްތަކުގައި މިހާރު މިވަނީ ރިސޯޓް ހަދަން ނިންމާފައި. ދާދި އަވަހަށް ކުޑަވިލިނގިލީގައި ވެސް ރިސޯޓް ހަދާނެ. ދެން އޮތް ހަމައެކަނި ތަން ތަނބުރުދުއަކީ. އެންމެ ފަހުން އެތަން ވެސް ގެއްލެނީ،" ލިވަ ބޯޑު އެސޯސިއޭޝަންގެ ފަރާތުން ހޯމަ ވިލޭރޭ ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި މާހެފުމެއްގައި ވާހަކަދައްކަވަމުން އެ އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ހަމީދު (އިއްސޭ) ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ތަނބުރުދޫ ރިސޯޓަކަށް ހެދުމަށް އެ ރަށަށް އަންނަ ގެސްޓުން ފިޔަވައި އެހެން އެއްވެސް ބަޔަކަށް އެތަނުގައި ރާޅާ އެޅުމުގެ ފުރުސަތެއް ނުދޭނެ ކަމަށް އެ ރަށުގެ އިންވެސްޓަރު ވަނީ ބުނެފަ އެވެ. އަދި އެކަމުގެ ސަބަބުން ދިވެހި ރާޅާ އެޅުންތެރިންގެ އިތުރުން ބޭރުން އަންނަ އެތައް ބަޔަކަށް ވެސް ފުރުސަތު ގެއްލިގެންދާނެ ކަމަށް އިއްސޭ ވިދާޅުވި އެވެ.

"އަޅުގަނޑު އެ ރަށުގެ އިންވެސްޓަރާ ވެސް ބައްދަލުކޮށްފިން. އޭނާ ބޭނުމެއްވޭ އެ ރަށް ރިސޯޓަކަށް ހެދުމަށްފަހު އެތަނަށް އެހެން ބަޔަކު ކައިރިވާކަށް. އަޅުގަނޑުމެން ބޭނުންވޭ މުޅި އިންޑަސްޓްރީގެ އެންމެ ގުޅިގެން މިކަމާ ދެކޮޅަށް އަޑު އުފުލަން. އަޅުގަނޑުމެންގެ އަޑު ކުރިޔަށް އޮތްތާނގައި ވަރަށް ގަދަވާނެކަން ވާނީ އެ އިންވެސްޓަރަށް އަންގާފައި،" އޭނާ ވިދާޅުވި އެވެ.

އެތަނުން ދިމާވި އެ އެސޯސިއޭޝަންގެ އެހެން މެމްބަރަކު ވެސް ވިދާޅުވީ ތަނބުރުދޫ ގެއްލިއްޖެ ނަމަ ރާއްޖޭގައި ދުއްވާ ސަފާރީތަކަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ.

"މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ގެއްލުމެއްވާނެ. ސަރުކާރުން ވެސް މިކަމާ މެދު ވިސްނައި ހައްލެއް ހޯދައިދޭން އެބަ ޖެހޭ. އަޅުގަނޑުމެންނަށް މައްސަލައެއް ނެތް ތަނބުރުދޫގެ ބަދަލުގައި އެހެން ރަށެއް ދިނަސް،" އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވީ ތަނބުރުދޫގެ މައްސަލައަކީ ލިވަ ބޯޑު އެސޯސިއޭޝަނުން ވަރަށް ކަންބޮޑުވާ މައްސަލައަކަށްވާތީ އެކަމުގައި ހައްލެއް ހޯދޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ.

އިއްސޭ ވިދާޅުވީ ތަނބުރުދޫގެ މައްސަލައަކީ ހައްލެއް ނުހޯދޭ ވަރުގެ މައްސަލައެއް ނޫން ކަމަށެވެ. "އިންވެސްޓަރު އަޅުގަނޑު ކައިރީ ބުނި އެ ރަށުގައި އަދި އެންމެ ތަނބެއް ވެސް ނުޖަހަމޭ. އެހެންވީމަ އޭނަ އެޑްވާންސްކޮށް ދިން ފައިސާއެއް ވިއްޔާ ދޭންވީ ނުވަތަ ބަދަލުގައި އެހެން ރަށެއް ދިނަސް މައްސަލައެއް ނެތް. މި ރަށް ރިސޯޓެއް ހަދަން ކުރީގެ ސަރުކާރުގެ ޕްލޭނިން ކައުންސިލުން ނިންމާފައި ސޮއިކޮށްފައި އޮތީ. މި ސަރުކާރު އައުމަށްފަހު އެކަން ތަންފީޒުކުރީ. އެހެންވީމަ މި މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ނުލިބިއްޖެ ނަމަ މާލެ އަތޮޅުގައި ދެން ނޯންނާނެ ބަޔަކު ރާޅަން ދާނެ މިކަހަލަ ރީތި ތަނެއް،"

ލިވަބޯޑު އެސޯސިއޭޝަނުން ކަންބޮޑުވަނީ ހަމައެކަނި ތަނބުރުދޫ ގެއްލޭތީއެއް ނޫނެވެ. މާލެ ކައިރީގައި އޮންނަ އެންމެ ހިތްގައިމު ޕިކްނިކް ރަށް، ކުޑަ ބަނޑޮހުގައި ރިސޯޓެއް ހަދަން އުޅޭތީ ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އިއްސޭ ވިދާޅުވީ ކުޑަބަނޑޮހަކީ މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ހިތް ހަމަޖައްސާލަންދާން އޮތް ހަމައެކަނި ރަށް ކަމަށެވެ. އަދި އެ ރަށަކީ ސަފާރީތަކުގައި ދަތުރުކުރާ ޓޫރިސްޓުންނަށް ވެސް ވަރަށް މުހިންމު ރަށެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ވެސް އެ ރަށަށް ބާބެކިއު ހެދުމާއި މޫދަށް އެރި ހަދަން ވަރަށް ގިނަ ގެސްޓުން ގޮވައިގެންދަން. ނަމަވެސް އެ ރަށަށް ގެއްލިއްޖެ ނަމަ އެއީ ވަރަށް ގިނަ ބަޔަކަށް ލިބޭ ނިކަމެތި ކަމަކަށްވާނެ. އަޅުގަނޑުމެން ބޭނުން ވަނީ އެ ރަށް މިހާރު ވެސް އޮތް ގޮތަށް ބާއްވަން،" އިއްސޭ ވިދާޅުވި އެވެ.

އެ ހަފުލާގައި ދިމާވި ކުރީގެ ޓޫރިޒަމް މިނިސްޓަރު މަހުމޫދު ޝައުގީ ވެސް ވިދާޅުވީ ކުޑަބަނޑޮހަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް މުހިންމު ރަށެއް ކަމަށެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރާ ކަމެއް ނޫން އެ ރަށް ރިސޯޓަކަށް ހެދުމަކީ. ކޮންމެ ގޮތެއް ވިޔަސް މިހާރު އޮންނަ ގޮތަށް ދިވެހިންނަށް އަދި އެހެން ބަޔަކަށް ވެސް ދާން ފުރުސަތެއް ނުލިބޭނެ. ރިސޯޓެއް ހެދުމުން އެ ހިސާބު އެ ފުރުސަތުތައް ގެއްލުނީ. އަޅުގަނޑުމެންގެ 40 އަހަރުގެ ޓޫރިޒަމްގައި ވެސް ކުޑަބަނޑޮސް އޮތީ ޕްރިޒާވް [ރައްކާ] ކުރެވިފައި،" އޭނާ ވިދާޅުވި އެވެ. "އެ ރަށަކީ މިހާރު ހިންގާ ކަހަލަ ޕިކްނިކް އައިލެންޑެއް ވެސް ނޫން. އެ ރަށް އެންމެ ފަހުން ވެސް ދޫކުރީ ދިވެހިންނަށް ދަތުރު ދެވޭ ގޮތަށް ބަލަހައްޓަން،"

ޓޫރިޒަމް މިނިސްޓްރީން ނިންމާފައި ވަނީ ޕިކްނިކް އައިލެންޑްގެ ގޮތުގައި ހިންގާ ރަށްތައް ރިސޯޓަކަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދޭ ގޮތަށެވެ. އެގޮތުން އެ ރަށެއް ރިސޯޓް ހަދަން ދޫކުރަނީ ކަނޑައަޅާފައިވާ ފޯމިއުލާއެއްގެ ދަށުން ކޮންވާޝަން ފީއެއް ދެއްކުމަށް ފަހު ސަރުކާރު ހިއްސާވާ ކުންފުންޏަކުން ހިންގާ ގޮތަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކުޑަބަނޑޮސް ހިމެނޭ ގޮތަށް އިތުރު އެހެން ޕިކްނިކް އައިލެންޑްތަކެއް ރިސޯޓެއްގެ ގޮތުގައި ހިންގަން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން 13 ރަށަކުން ރިސޯޓެއް ތަރައްގީކުރަން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެހާސް ދިހަ ވަނަ އަހަރު ސަރުކާރުން ނިންމާފައި ވަނީ ޕިކްނިކް އައިލެންޑްގެ ގޮތުގައި ހިންގާ ރަށްތައް ރިސޯޓްތަކަށް ބަދަލުކުރަން ފުރުސަތު ދޭން. އެގޮތުން 18 ރަށެއް އެބަ އޮތް އެގޮތަށް ބަދަލުކުރަން ބޭނުންވާ. އޭގެ ތެރެއިން ދެ ފަރާތާއެކު ޖޭވީ ހަދައި އެއް ފަރާތާއެކު ސޮއިކޮށްފައި ވަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޑަބަނޑޮސް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ހުށަހަޅާފައިވީ ނަމަވެސް އެ ރަށުގެ އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށެވެ.

ތަނބުރުދުއާއި ކުޑަބަނޑޮހަކީ އެތައް ބައެއްގެ އުއްމީދުތަކާ ގުޅިފައިވާ ވަރަށް މުހިންމު ދެ ރަށެކެވެ. އެ ދެ ރަށުގައި ރިސޯޓު ހަދައިފިނަމަ ދައުލަތުގެ މާލިއްޔާއަށް ފައިސާކޮޅެއް ވަނަސް، އެތައް ބަޔަކަށް އެކަމުގައި ވާނެ ގެއްލުންތަކެއް ވެސް ބޮޑެވެ.