ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމަށް މީހަކު އައްޔަން ކުރާއިރު ސިފައިން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށާއި ކޮމާންޑާ އިންޗީފަކީ މުގުރު ހިފައިގެން ސިފައިން ފަހަތުން ދުވެވަޑައިގަންނަވާ ބޭފުޅެއްތޯ ބަލަން ޖެހޭނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 121 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ކޮމާންޑާ އިންޗީފެއް ހޮވުމަށް ސިފައިން ވޯޓް ދޭއިރު އެ ވޯޓް ދެނީ ކޮންކަހަލަ ބޭފުޅަކަށްތޯ ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ ނަފްސާ ސުވާލު ކޮށްލަން ޖެހޭ ކަމަށެވެ.

"ކުރިމަތިލަމުން މިއަންނަނީ ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ފޯރިގަދަ ދުވަސްވަރު. ގާނޫނު އަސާސީންނާއި ސިފައިންގެ ގާނޫނުން ސިޔާސީ ހަރަކާތްތަކުގައި ސިފައިން ބައިވެރިވުން މަނާ ކޮށްފައިވިޔަސް 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ވޯޓް ލުމުގެ ހައްގު ސިފައިންނަށް ވެސް ލިބިގެންވޭ. އެހެން ކަމުން ސިފައިންނާއި ސިފައިންގެ އާއިލާތަކުން މިހައްގުގެ ބޭނުން ހިފަން ވާނީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށް އަޅުގަނޑު ދެކެން. ކޮމާންޑާ އިންޗީފެއް ހޮވަން ސިފައިން ވޯޓް ދޭއިރު އެ ވޯޓް ދެނީ ކޮންކަހަލަ ބޭފުޅަކަށްތޯ ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ ނަފްސާ ސުވާލު ކޮށްލަން ޖެހޭ. ކޮމާންޑާ އިން ޗީފަކީ މުގުރު ހިފައިގެން ސިފައިން ފަހަތުން ދުވެވަޑައިގެންނަވާ ފަދަ ބޭފުޅެއްތޯ ނުވަތަ ކުރިމަތިވާ އުނދަގޫ ހާލަތްތަކުގައި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކު ގޮތް ނިންމަން އެނގިވަޑައިގެންނަވާ ގާބިލު ބޭފުޅެއްތޯ ސުވާލުކޮށްލަން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.

މިިނސްޓަރު ވިދާޅުވީ ސިފައިންނަކީ ފަހުރުވެރި ދިގު ތާރީހެއް އޮތް ބައެއް ކަމަށާއި އެހެން ކަމުން ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އަންނަ ފަރާތަކީ ވަކި ސިފަތަކެއް ހުންނަ ފަރާތަކަށް ވާން ޖެހޭނެ ކަމަށެވެ.

"އެހެން ކަމުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓް ދެއްވާ އިރު ކޮމާންޑާ އިން ޗީފަކަށް ވުމަށް އެންމެ އެކަށީގެންވާ ފަރާތަކީ ކޮބައިތޯ ބެލުމަށް ފަހު އެފަރާތަކަށް ވޯޓް ދެއްވުމަށް އެންމެހައި ސިފައިންނާއި ސިފައިންގެ އާއިލާތަކަށް އަޅުގަނޑު އިލްތިމާސް ކުރަން. މިފުރުސަތު ގެއްލިއްޖެ ނަމަ މި ގައުމު ބިކަހާލުގައި ޖެހިގެން ހިނގައިދާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރާއިރު މާޒީގެ ތެރެއިން އިބްރަތްތަކެއް ހާސިލް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ވެރިކަން ބަދަލުވި ދުވަހަކީ 23 އަހަރު ދުވަސް ވަންދެން ސިފައިންގެ ހިދުމަތުގައި ހުރި މީހެއްހެ ހައިސިއްޔަތުން ހަނދާނުން ފޮހެލެން އެންމެ ދަތި ދުވަސް ކަމަށެވެ. އަދި އެ ދުވަހު ބަންޑާރަ ކޮށްޓަށް ދިޔައީ ޓީޥީން ފެނުނު މަންޒަރުތައް ބަލަން ނުހުރެވިގެން ކަމަށާއި ގައުމަށް ޓަކައި ކޮށްދެވޭނެ ކަމެއް އޮތްތޯ ބަލައި އެހީތެރި ވުމަށްޓަކައި ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެދުވަހު އެހެން ގޮތަކަށް ނިމިގެން ދިޔަ ނަމަ އޭނާ ހުންނާނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު އެދުވަހު ބަނޑޭރި ކޮށި ކައިރިއަށް ދިޔައީ ޓީވީން ފެންނަމުން ދިޔަ މަންޒަރުތަކަށް ކެތްނުކުރެވިގެން. ތޭވީސް އަހަރު ސިފައިންގެ ހިދުމަތުގައި ހުރީ މީހެއްގެ ހައިސިއްޔަތުން އެ ހާލަތުގައި އަޅުގަނޑަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތެއް އޮތްތޯ ބެލުމަށް. އެއީ އެއްގޮތަކަށް ވެސް އަޅުގަނޑަށް ލިބިދާނެ އަމިއްލަ ފައިދާއެއް އޮވެގެނެއް ނޫން. އެ ދުވަހު ހިނގައި ދިޔަ ކަންތައްތައް އެހެން ގޮތަކަށް ނިމިގެންދިޔަ ނަމަ މިއަދު އަޅުގަނޑު މި މަގާމުގެ ބަދަލުގައި ހުންނާނީ ޖަލުގެ ތޭރިތަކުގައި ކަން ހަމަޔަގީން. ނުވަތަ މި ދުނިޔޭގައި ވެސް ނުހުރުމަކީ އެކަށީގެންވާ ކަމެއް،"ނާޒިމް ވިދާޅުވި އެވެ.

މިރޭގެ ރަސްމީއްޔާތުގައި ވަނީ އެމްއެންޑީއެފް އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ހަނދާނީ ފިލާދީފަ އެވެ.