މިސްރުގެ އަސްކަރިއްޔާއިން ވެރިކަން ވައްޓާލާފައި ވަނީ "ބަޣާވާތަކުން" ކަމަށާއި އެ "ބަޣާވާތް" ބަލައި ނުގަންނާނެ ކަމަށް މަގާމުން ދުރުކުރެވިފައިވާ މިސްރުގެ ރައީސް މުހައްމަދު މޫރުސީ ވިދާޅުވެއްޖެ އެވެ.

މިސްރުގެ ރައީސްގެ ޓުވިޓާ އެކައުންޓް "އިޖިޕްޝިއަން ޕްރެސިޑެންސީ" ގައި މޫރުސީއާ ހަވާލާދީ ލިޔެފައި ވަނީ އަސްކަރިއްޔާއިން އިއުލާންކޮށްފައިވާ ގޮތުން ވެރިކަން ވައްޓާލުމަކީ މިސްރުގައި ޑިމޮކްރަސީ ގާއިމުކުރަން މަސައްކަތް ކުރި އެއްވެސް މީހަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންނާއި ސިފައިން މިސްރުގެ ގާނޫނު އަސާސީއަށް އިހްތިރާމްކޮށް، ގާނޫނުތަކަށް އަމަލުކުރުމަށާއި މިސްރު ފަހަތަށް ގެންދާނެ "ބަޣާވާތް" ބަލައި ނުގަތުމަށް މޫރުސީ ވަނީ ޓުވިޓާގައި ގޮވާލައްވާފަ އެވެ.










މިސްރުގެ އަސްކަރިއްޔާއިން މިރޭ އިއުލާންކޮށްފައި ވަނީ މިސްރުގެ ގާނޫނު އަސާސީ ސަސްޕެންޑްކޮށް، ރައީސް މޫރުސީ މަގާމުން ދުރުކޮށް، ވަގުތީ ސަރުކާރެއް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.

މިސްރުގެ އަސްކަރިއްޔާއިން ބުނީ ވަގުތީ ސަރުކާރުގެ ވެރިޔަކަށް ހުންނަވާނީ އެގައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަދުލީ މަންސޫރު ކަމަށެވެ.

އަދުލީ މަންސޫރަކީ މިމަހުގެ އެއް ވަނަ ދުވަހު މިސްރުގެ އުއްތަމަ ފަނޑިޔާރުގެ މަގާމާ ހަވާލުވި ބޭފުޅެކެވެ. މަންސޫރު އުއްތަމަ ފަނޑިޔާރުގެ މަގާމާ ހަވާލުވެފައި ވަނީ ޖޫން މަހުގެ ފަހުކޮޅު އޭރުގެ އުއްތަމަ ފަނޑިޔާރު މާހިރު އަލް ބެހެއިރީ މަގާމު މުސްކުޅި ކުރެއްވުމުން ނެވެ.

މޫރުސީ މިހާރު ހުންނެވީ ކޮންތާކު ކަން އެނގިފައިނުވާ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތަކުން ބުނެ އެވެ.