05 Nov 2010, 13:33
ގއ. ކަނޑުހުޅުދޫގައި އުމުރުން ހަގު ދެ އަންހެން ކުއްޖަށް ބަދުއަޚްލާގީ ފޮޓޯތަކަކާއި އެފަދަ މަންޒަރު ހިމެނޭ އެއްޗެހިތަކެއް ދެއްކި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެފަދަ މައްސަލައެއްގައި މީހަކު އެ ރަށުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފްތާ ތެރޭގައި ކަމަށެވެ. އަދި ދެ ކުއްޖަކަށް އެފަދަ މަންޒަރު ހިމެނޭ ފޮޓޯތަކަކާއި އެ ނޫން އެ ޒާތުގެ އެއްޗެހިތަކެއް ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ޝިޔާމް ނުދެއްވި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ އަތޮޅު މާމެންދޫ އަށް އުފަން އެ މީހާ ކަނޑުހުޅުދޫގައި އުޅެނީ އެ ރަށު މީހަކާ އިނދެގެން ގޮހެވެ. އަދި އެކަން ފަޅާއަރާފައި ވަނީ އެ ކުއްޖާ ކުޑަކަމުދިއުމަށް އުނދަގޫ ވެގެން ޑޮކްޓަރަށް ދެއްކުމުން ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ. އަދި ބަރަހަނާ ފޮޓޯ އެ ދެ ކުދިންނަށް ދެއްކުމުގެ އިތުރުން ޖިންސީ ގޯނާ އެ ކުދިންނަށް ކޮށްފައިވާ ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ.
އެ މައްސަލަ އާ ގުޅިގެން އެ ރަށު ބަޔަކު ވަނީ އޭނާގެ ގައިގައި ތަޅައި ވެސް ގަނެފަ އެވެ.