04 Jul 2013, 00:14
މިސްރުގެ ރައީސް ކަމުގެ މަގާމުން މުހައްމަދު މޫރުސީ ދުރުކޮށް، އެ ގައުމުގެ ވެރިކަން މިރޭ ވައްޓާލައިފި އެވެ.
މިސްރުގެ ދީނީ އަދި އަސްކަރިއްޔާގެ އިސް ވެރިންނާއެކު ތިއްބަވައިގެން އެ ގައުމުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހު އަލް ސީޒީ މިރޭ ރައްޔިތުންނާ މުހާތަބުކޮށް ދެއްވި ތަގުރީރެއްގައި ވިދާޅުވީ މިސްރުގައި ކުރި މުޒާހަރާތަކުގައި ރައްޔިތުން ދިފައިވާ މެސެޖު އަސްކަރިއްޔާއަށް ލިބިފައިވާ ކަމަށެވެ.
"އަސްކަރިއްޔާއަށް ފެންނަ ގޮތުގައި މިސްރުގެ ރައްޔިތުން އެދެނީ އަސްކަރިއްޔާއިން ރައްޔިތުންނަށް ތާއީދުކޮށް ދިނުމަށް. ވެރިކަން އަތުލުމަށް ނުވަތަ ވެރިކަމަށް އައުމަކަށް ނޫން. އޭގެ ބަދަލުގައި މިސްރުގެ ރައްޔިތުންގެ މަސްލަހަތު ރައްކާތެރިކުރުމަށް. މިއީ އަސްކަރިއްޔާއަށް މިސްރުގެ އެކި ކަންކޮޅުތަކުން ލިބިފައިވާ މެސެޖަކީ" އަލް ސީޒީ ވިދާޅުވި އެވެ.
އަލް ސީޒީ ވިދާޅުވީ ރައީސް މުހައްމަދު މޫރުސީ ވެރިކަމުން ދުރުކޮށް މިހާރުން މިހާރަށް މިސްރުގެ ގާނޫނު އަސާސީއަށް އަމަލުކުރުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބެއް ބޭއްވި އާ ރައީސެއް އިންތިހާބު ކުރެވެން ދެން ވަގުތީ ސަރުކާރެއް ގާއިމުކުރެވި، ވަގުތީ ރައީސެއް އައްޔަނުކުރާނެ ކަމަށް އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.
އަސްކަރިއްޔާއިން ބުނީ ވަގުތީ ސަރުކާރުގައި ތިއްބަވާނީ ފަންނީ ގޮތުން ގާބިލް ޓެކްނޯކުރެޓިކް ބޭފުޅުން ކަމަށެވެ. ވަގުތީ ސަރުކާރުގައި ރައީސްގެ މަގާމު ފުރުއްވާނީ މިސްރުގެ ގާނޫނު އަސާސީ ކޯޓު ނުވަތަ ކޮންސްޓިޓިއުޝަނަލް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމަށް އަސްކަރިއްޔާއިން ވަނީ އިއުލާންކޮށްފަ އެވެ.
މިސްރުގެ ސިފައިންގެ ވެރިޔާ މިކަން އިއުލާންކުރުމާ އެކު، މޫރުސީއާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ މީހުން އެއްވެފައިވާ މިސްރުގެ ތަހުރީރު މައިދާނުގައި ވަނީ އުފާ ފާޅުކުރަން ފަށާފަ އެވެ.
މޫރުސީ މަގާމުން ދުރުކުރި ކަން އިއުލާންކުރުމާ އެކު، ތަހުރީރު މައިދާނުގައި ހަވާ އަރުވާ، އުފާ ފާޅުކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާއިރު، މޫރުސީއަކީ 2011 ވަނަ އަހަރުގެ ތެރޭގައި މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަން އިންގިލާބަކުން ބަދަލުކުރުމަށްފަހު ބޭއްވުނު ރިޔާސީ އިންތިހާބުގައި މިސްރުގެ ރައްޔިތުން އިންތިހާބުކޮށްފައިވާ ލީޑަރެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު މިސްރުގެ ރައީސް ކަމާ ހަވާލުވި މޫރުސީގެ ވެރިކަމަށް ވެފައި ވަނީ އެއް އަހަރާ ތިން ދުވަހެވެ.
މިސްރުގެ ވެރިކަން އަސްކަރިއްޔާއިން ވައްޓާލިކަން އިއުލާންކުރުމަށް ފަހު، މިހާތަނަށް މޫރުސީ ހުންނެވި ތަނެއް ނޭނގޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
މޫރުސީއާ ދެކޮޅަށް ޖުލައި މަހުގެ ތެރޭގައި ފެށި މުޒާހަރާތައް ހޫނުވުމުން އެގައުމުގެ އަސްކަރިއްޔާއިން ވަނީ 48 ގަޑިއިރުގެ ތެރޭގައި މައްސަލަތައް ހައްލުކުރުމަށް ގޮވާލާފަ އެވެ. ނަމަވެސް މޫރުސީ ވިދާޅުވެފައި ވަނީ އެމަނިކުފާނު މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި މައްސަލަތައް ވާހަކަދައްކައިގެން ހައްލުކުރެވެން ޖެހޭނެ ކަމަށެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މިސްރުގެ އޭރުގެ ރައީސް ހުސްނީ މުބާރަކުގެ ވެރިކަން ބަދަލުވެގެން ގޮސްފައި ވަނީ މުބާރަކު އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމުން ނެވެ.
ނަމަވެސް މިފަހަރު ވެރިކަން ބަދަލުވެފައި ވަނީ މޫރުސީ އިސްތިއުފާ ނުދެއްވުމުން އަސްކަރިއްޔާއިން ވެރިކަން ވައްޓާލައިގެން ނެވެ.