03 Jul 2013, 23:50
އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕް 2014ގެ ކޮލިފިކޭޝަންގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން މިއަދު ހަވީރު ސްރީ ލަންކާ އަތުން ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.
ކޮލަމްބޯގެ ސުގަތަދާސަ އިންޑޯ ކޯޓުގައި ކުޅުނު މެޗުން ލަންކާ އަތުން ރާއްޖެ ބަލިވީ 25-22، 25-12 އަދި 25-23ންނެވެ.
ކޮލިފިކޭޝަންބުރުގައި ރާއްޖެއާއި ލަންކާގެ އިތުރުން ވާދަކުރަނީ، އިންޑިއާއާއި ޕާކިސްތާން އެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ހަވީރު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އަދި ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި ހުކުރު ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.
ކޮލިފިކޭޝަންގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން އެއްބުރު ކުޅެ ނިމޭއިރު އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެޓީމެއް ސެންޓްރަލް ޒޯނަށް ކޮލިފައިވާއިރު، އެ ޒޯނުން ކުރި ހޯދާ ޓީމުތައް ކޮލިފައިވާނީ އޭޝިއާގެ ކޮލިފައިން ބުރަށެވެ. އެފްއައިވީބީ ވޯލްޑް ޗެމްޕއަަންޝިޕް 2014އަށް ކޮލިފައި ވާނީ، އޭޝިއާގެ ކޮލިފައިން ބުރުން ކުރިހޯދާ ޓީމު ތަކެވެ.
ލަންކާގައި މިހާރު ކުރިއަށްދާ، ކޮލިފިކޭޝަން މެޗުތައް ކުޅުމަށް ފަހު، ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމް އެބުރި މާލެ އައުމުގެ ބަދަލުގައި ދެން ދާނީ ނޭޕާލުގައި، މިމަހުގެ 12އިން 16އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށެވެ.
ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕް މުބާރާތަކީ ނޭޕާލްގެ ސްޕޯޓްސް ކައުންސިލާއި އެގައުމުގެ ވޮލީބޯލް އެސޯއިއޭޝަން ގުޅިގެން ސާކު ސަރަހައްދުގެ ގައުމުތަކުގެ ސީނިއާ ވޮލީ ޓީމްތަކަށް ދައުވަތުދީގެން ކުރިއަށް ގެންދާ ފުރަތަމަ މުބާރާތެވެ.