ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އާބިޓްރޭޝަނުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަޙީދު މިއަދު ތަޞްދީޤު ކުރައްވައިފި އެވެ.

އެ ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން، އެ ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިޢު ކޮށްފަ އެވެ.


މި ޤާނޫނަކީ ޤާނޫނު ޤަބޫލުކުރާ ގުޅުމަކުން ގުޅިފައިވާ ދެފަރާތެއްގެ ދެމެދުގައި، ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައި އުފެދޭ ވިޔަފާރީގެ މައްސަލަތައް، އާބިޓްރޭޝަނުގެ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ޙައްލުކުރުމަށް މަގުފަހިކޮށްދިނުމުގެ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

އާ ބިޓްރޭޝަންގެ ގާނޫނަކީ ގާނޫނު ގަބޫލުކުރާ ގުޅުމަކުން ގުޅިފައިވާ ބައެއްގެ މެދުގައި އުފެދޭ ވިޔަފާރީގެ މައްސަލަތައް، އާބިޓްރޭޝަންގެ ބައިނަލްއަގުވާމީ ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ހައްލުކުރުމަށް މަގުފަހިކޮށްދިނުމަށް އަސޫލުތައް ބަޔާންކުރާ ގާނޫނެކެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު މަޖިލީހުން ފާސް ކުރި އާބިޓްރޭޝަންގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން އެ ބިލްގެ މަގުސަދަކީ ޝަރީއަތުގެ މަރުހަލާގެ ބަދަލުގައި ގާނޫނު ހުއްދަ ކުރާ އަދި ގާނޫނުން ބާރު ލިބިދޭ އެހެންވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރީގެ މައްސަލަތައް ހައްލުކުރުމަށް މަގުފަހި ކޮށްދިނުމެވެ.