ދިރާގު ދިވެހި ލީގުގެ ތިންވަނަ ބުރުގެ ހަތަރު ވަނަ މެޗުގައި މިރޭ 3-0ން ކްލަބް އީގަލްސް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ލީގު ތާވަލުގެ ދެ ވަނައިގައި ހަމަޖެހިލައިފި އެވެ.

ލީގު ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، 45 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމްގައި އޮތްއިރު، މިރޭގެ މެޗުން މޮޅުވުމުން މާޒިޔާ، ތާވަލުގެ ދެވަނައިގައި އޮތީ 31 ޕޮއިންޓް ހޯދައިގެންނެވެ. އަދި މިރޭ މާޒިޔާ އަތުން ބަލިވުމުން 17 ޕޮއިންޓާއެކު، އީގަލްސް، ގަދަ ހައެއްގެ ފަސް ވަނަ މަގާމްގައި އޮތްއިރު، 15 ޕޮއިންޓާއެކު ހަ ވަނައިގައި އޮތީ އޭވައިއެލް އެވެ. އަދި 20 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައި ބީޖީ ސްޕޯޓްސް އޮތްއިރު 21 ޕޮއިންޓް ހޯދައިގެން ވެލެންސިޔާ އޮތީ ތިންވަނަ މަގާމްގަ އެވެ.

މިރޭގެ މެޗުގެ 22 ވަނަ މިނިޓުގައި މާޒިޔާއަށް ލީޑު ނަގައިދިނީ، އެޓީމުގެ ބިދޭސީ ޑިފެންޑަރު ޒިފްކޯ ޓޮޑޮރޯފް އެވެ. އަދި 57 ވަނަ މިނިޓުގައި އަސަދުﷲ ޢަބްދުﷲ ތަނަވަސްކޮށްދިން ފުރުސަތަކުން، މާޒިޔާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަހްމަދު ރަޝީދު (އައްމަޑޭ) އެވެ. މާޒިޔާގެ ތިންވަނަ ލަނޑަކީ އީގަލްސްގެ ހަމްދާން އިބްރާހީމް އެ ކްލަބްގެ ގޯލްކީޕަރަށް ޖައްސާލި ބޯޅައެއް ކީޕަރު އަހްމަދު ސިނާންގެ އަތުގައި ނުޖެހި ގޮސް ގޯލްގެ ތެރެއަށް ވައިން ލަނޑެކެވެ.

ދިވެހި ލީގުގައި މާދަމާރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ، ކްލަބް ވެލެންސިޔާއާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ. އެ މެޗު ފަށާނީ ރޭގަނޑު 9:00ގަ އެވެ.