03 Jul 2013, 23:38
(01 ޖުލައިގެ އަދަދާއި ގުޅޭ)
ލޮނުގަނޑު ތެރޭގައި އަޑިއަށް ދިޔަ އިރު ވަށައިގެންވި ހުރިހާ އަޑެއް އިޔަންއަށް ޓަކައި ބަންދުވިއެވެ. ސަލާމަތްވާން ތެޅި ތެޅި އޮތްވާވެސް ފަހަރަކަށް ވުރެ ފަހަރަށް ދިޔައީ އަޑިއަށެވެ. ނޭވާ ނުލެވިގެން ތެޅެމުން އެސްފިޔަތައް ދުރުކޮށްލުމުން ފެނުނީ ފީނާލައިފައި ކައިރިވަމުން އައި އަންހެން ކުއްޖެކެވެ. އެހުދު ހެދުމާއެކު އެއީ ފެނު ޕަރީއެއް ފަދައެވެ. ދޮން މޫނު ރީތިވެފައި ވިދުން ގަދައެވެ. އަންހެންކުއްޖާ އައިސް ކައިރިވެފައި އިޔަންގެ އަތުގައި ހިފަހައްޓައިލައިގެން މައްޗަށް އަރަން ފެށުމުން ބަލަހައްޓައިގެން އޮވެވުނީއެވެ. ލޮނުގަނޑު ތެރޭގައި އޭނާގެ ކަޅު ދިހުން އަރާ އިސްތަށިގަނޑު ވެސް ހާދަ ފުރިހަމައެވެ. ބަލަން އޮތްވައި އެހިސާބުން އިޔަންގެ ލޯ މެރުނީއެވެ. ހޭއެރިއިރު އޮތީ ހޮސްޕިޓަލް ގައެވެ. ކައިރީގައި ތިބީ އެކުގައި ދަތުރު އައި އެކުވެރިންތަކެވެ. ލޯ ހުޅުވާލައިފައި އިޔަންއަށް ފުރަތަމަވެސް ހޯދައިލެވުނީ އެރީތި މޫނެވެ. ރަހުމެއްނެތް ލޮނުގަނޑު ތެރެއިން އޭނާ ސަލާމަތް ކޮށްދިން އިހްސާން ތެރިޔާއެވެ.
................
ލޮނުގަނޑު ތެރެއިން ބޯ ހިއްލައިލެވުމުން އިޔަންއަށް ފެނުނީ ޒޯހާގެ ބަދަލުގައި އޭނާގެ އަތުގައި ހިފާލައިގެން ރީހާން އާއި ޒިޔާން ތިއްބައެވެ. އަދި މިއާ ރާޅުޖަހާ ހިސާބުގައި ހުރެ ބާރު ބާރަށް ރޮމުން ދިޔަ އަޑު އެހިސާބުން ވެސް އިޔަންގެ ކަންފަތުގައި ހަރުލައިގެން ދިޔައެވެ. "ގާއިޒް! ދެން ދޫކޮށްލާ. އަހަރެން ރަނގަޅު." އިޔަން އެކުވެރީންގެ އަތްދަށުން ސަލާމަތް ވެގެން ގޮސް ކަނދަށް އަރާފައި މިޔަދަށަށް މިސްރާބު ޖެހުމުން ރީހާންމެން ތިބީ ހިސާބަކަށް ހައިރާންވެފައެވެ. އިޔަން ގޮސް ގޮނޑުދޮށަށް ކަނދު ބީއްސާލައިފައި ފޭބިތަނުން މިއާ އަވަހަށް ދެލޯ ފުހެލައިފައި ގަދަކަމުން ހުއްޓާލައިފިއެވެ. އިޔަން މިއާގެ އެހާލާއި މެދު އެއްވެސް ވަރަކަށް ވިސްނާނުލައި ކަނދުވެސް ވެލިގަނޑު މައްޗަށް ދޫކޮށްލައިފައި ބާރުބާރަށް ހިނގައިގަތީ ގެއާއި ދިމާއަށެވެ. މިއާގެ ލޮލަށް ކަރުނަތައް ގިނަވެގެން ދިޔަ އެވަގުތު އަވަހަށް އަނގަމަތީ އަތް އަޅައިލެވުނެވެ.
އިޔަން ގޭގެ ދޮރުން ވަދެފައި ފައިގައި ހަރުލާފައިވާ ވެލިތަކާއެކު ވަދެގެން ދިޔައީ ކޮޓަރިއަށެވެ. އަލަމާރި ހުޅުވާފައި އެތެރޭގައިވާ ހުރިހާ އެއްޗެއް ނަގައިގެން މުށިގަނޑު މައްޗަށް އަޅާލިއެވެ. އިޔަން ތިރީގައި ދެކަކޫ ޖަހައިގެން އިނދެ އެހުރިހާ އެއްޗެއް އެފުށް މިފުށް ޖަހައިގެން ބަލަނިކޮށް މިއާ އައިސް ދޮރު ކައިރީ ހުއްޓިލި ކަމެއްވެސް އިހްސާސެއް ނުވިއެވެ. "އިޔާ ކޯއްޗެއް ތި ހޯދަނީ؟" މިއާ ހިތާއި ހިތުން ރޮމުންވެސް ހިތްވަރާއެކު ވާހަކަ ދެއްކިއެވެ. "ޒޯހާ." އިޔަންގެ ޖަވާބުން މިއާ ސިހުނެވެ. "ކޮންމެތާކުން އަހަންނަށް ޒޯހާ ފެންނަނީ ކޮންމެވެސް ގުޅުމެއް އޮތީމަ. މިއާ ހަނދާން އެބަހުރިތަ ޑޮކްޓަރ ދެއްކި ވާހަކަ. އަހަންނަށް ހީވަނީ އަހަރެންނަށް ހިލުސިނޭޓް ކުރެވެނީހެން. ޒޯހާ އެއީ އަހަރެންގެ މާޒީގެ ކޮންމެވެސް ހިސާބަކުން ގުޅިފައިވާ ފަރާތެއްހެން ހީވަނީ. މިއާ ބުނީމެއްނު އަހަރެން ބޭރުގައި ކިޔަވަން އުޅުނު އިރު ވަރަށް ގިނަ އެކުވެރިން ގެންގުޅުނު ވާހަކަ. ކިހިނެއް އެނގެނީ ޒޯހާވެސް އެއީ އަހަރެންގެ އެކުވެރިއެއް ނޫންކަމެއް. އަދި އެކަށީގެންވޭ އެއީ މިއާއަށް ނޭނގޭ އަހަރެންގެ އެކުވެރި އަކަށް ވުންވެސް. އަދި އަހަރެން ހަނދާންވެސް ވެއްޖެ ޒޯހާ އަހަރެން ގެނބެނިކޮށް ސަލާމަތްކޮށްދިން ދުވަހެއް. ބޭރުގައި ނެގި ފޮޓޯތަކު ތެރޭގައި ޒޯހާގެ ފޮޓޯއެއްވެސް ހުރުން އެކަށީގެންވޭ." އިޔަން ނުބަލާއިނދެގެން ވާހަކަ ދައްކަމުން ދިޔައިރު އެއިން ކޮންމެ ޖުމްލައަކުން މިއާގެ ހިތަށް ކުރަމުން ދިޔަ އަސަރު އިހްސާސްވާނީ ކިހިނެއް ހެއްޔެވެ؟
އިޔަން އަދިވެސް ހޯދަން ބޭނުންވަނީ ޒޯހާ ހެއްޔެވެ؟ އޮޅުންފިލުވަން ބޭނުންވަނީ އެދެމެދުގައި އޮތް ގުޅުން ހެއްޔެވެ؟ އިޔަންގެ ކައިރީގައި އޭނާ ހުރެގެން އެލޯއްބަށް އިންތިޒާރު ކުރާކަން އިހްސާސް ވާނީ ކޮން ދުވަހަކުން ބާވައެވެ.
އިޔަން ހުރިހާ އެއްޗެއް އެފުށް މިފުށަށް ޖަހާފައި ނާކާމިޔާބު ވުމުން މާޔޫސް ކަމާއިއެކު ވަނީ ފާޚާނާ އަށެވެ. މާގަނޑު ދޫކޮށްލި އަޑާއެކު މިއާ އައިސް ކޮޓަރިއަށް ވަދެފައި މުށިގަނޑު މައްޗަށް ތިރިވި ތަނުން ލޮލުން ކަރުނަ އައީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. މިއާ އެހުރިހާ އެއްޗެއް ނަގައި ތަރުތީބު ކޮށްފައި ނިކުމެ ބޭރުގައި ހުއްޓައި އިރުގަނޑެއް ފަހުން އިޔަން ގޮވާލިއެވެ.
ކުދި ފިޔަވަޅު ތަކެއްގައި މިއާ ވަދެގެން ގޮސް އިސްއުފުލައި ލުމުން އިޔަން ފެނުނީ ޑްރެސިންޓޭބަލް ކުރިމަތީ ހުއްޓައެވެ. "މިއާ އަހަރެންނަށް ބުނެދީބަލަ އަހަރެންގެ އެކްސިޑެންޓް ހިނގަން މެދުވެރިވި ގޮތް. ކިހިނެއްވީ އެރޭ؟" މިއާ އުންމީދުވެސް ނުކޮށް ހުއްޓައި އިޔަން އެސުވާލު ކޮށްލުމުން ހައިރާންކަމުގައި ހުރެވުނެވެ. އަދި މިހާތަނަށް އެއްފަހަރުވެސް އެރޭގެ ވާހަކައެއް އިޔަން ނާހައެވެ. އެހާ ބޮޑަށް ކުރީގެ ހަނދާންތައް އާކުރަން އިޔަން އެއުޅެނީ ހަމަ ޒޯހާގެ ސަބަބުން ހެއްޔެވެ؟ މިއާގެ ހިތުގައި ހަސަދަވެރިކަން ހިނގައިލި އެވެ.
"އެއީ އަހަރުމެންގެ ވެޑިން ނައިޓް." މިއާ އެނދުގައި ކިރިޔާ ފޫޖައްސައިލި ގޮތަށް ފެށިއެވެ. އިޔަން އެނބުރިފައި ބަލަން ފެށުމުން އެވަގުތުވެސް މިއާއަށް އުދަނގޫވިއެވެ. ލޯބިން ނަޒަރު ކަމުގައި ނުވިއަސް އިޔަންގެ ބެލުމުގައި އެހުންނަ ބާރަކުން އޭނާގެ ހިތް މިއަދުވެސް އަވަސްވެއެވެ. "ޕާޓީ ނިންމާފައި އަހަރުމެން ދިޔައީ ސަފާރީއަށް. އަދި އެއެކްސިޑެންޓް ހިނގި އިރު އަހަރެންނާއި އިޔަން ތިބީ ސަފާރީ ސަންޑެކްގައި." މިއާ އިސްޖެހިފައި އިނދެގެން ކުރު ގޮތަކަށް ބުނެދިނެވެ. އިޔަންއަށް ބަލަން ހުރެލާފައި ނިއްކުރީގައި އަތް ހާކައިލެވުނެވެ. މިއާ ބުނެލާ ޖުމްލަ އަކުން، ކިޔައިދޭ ވާހަކަ އަކުން ސިކުނޑިއަށް ވާ މޮޅެއް ނެތެވެ. ހީވަނީ އެއީ ނުވެސް ހިނގާ ކަމެއް ހެންނެވެ.
"އެބަ އަންނަން. އަދި އަހަރެން އަންނަންވާއިރަށް މިއާ އެނގޭ އަހަރެންގެ އެކުވެރިންގެ ކޮންޓެކްޓް ހޯދާފައި ބަހައްޓާތި. މިބުނީ ބޭރުގައި އެކުގައި ކިޔަވަން އުޅުނު އެކުވެރިން. އަހަރެން އެހުރިހާ އެންމެންނާއި ސުވާލު ކުރަން ބޭނުން." އިޔަން ކަންތައް ކުރީ އެހެން ދުވަސް ދުވަހެކޭވެސް އެއްގޮތަށެވެ. ބޭރަށް ނިކުމެގެން ގޮއްސައި އިރުކޮޅަކުން ގުޅާފައި ބުނީ އެކުވެރިންނާއެކު މަސް ދަތުރެއް ދާން ފުރަން އުޅޭ ވާހަކައެވެ. މިއާ ކަރުނަތައް ދިރުވައިލައިގެން ހުރެ ހިނިތުންވުމާއެކު އެއްބަސްވިއެވެ. އެކަމަކު އެނބުރި އައިސް ކޮޓަރިއަށް ވަނުމާއެކު އެކަރުނަތައް އޭގެ މަޤާމުގައި ކެތްނުވެގެން ފައިބައިގަތެވެ.
އިރު އޮއްސެން ކައިރިވެފައި ހުއްޓައި މޫސުމްވެސް ސަކަރާތްވިއެވެ. މިއާ ކަންބޮޑުވެފައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެގެން އިޔަންގެ ފޯނަށް ގުޅަން އުޅެ އެކަމެއް ނުވިއެވެ. ޝިފާނާއަށް ގުޅިއިރު އިޔަން ފޯން އެގޭގައި އޮތް ވާހަކަ ބުނުމުން މިއާ ރުޅިވެސް އައެވެ. އިޔަން އަމިއްލަ ނަފްސާއި މެދު އަދި ނުވިސްނިއަސް އޭނާ އާއި މެދު ވިސްނައިލާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ގޭގައި އަންބަކު އިންނާނެ ކަން ހަނދާން ހުންނާނެ ނަމައެވެ.
ވާރޭގެ ފުރަތަމަ ތިކިތައް ފުރާޅުގައި ބީހެން ފެށިއިރު މިއާ ހުރީ ކުޑަ ދޮރުތައް ލައްޕާށެވެ. ވައިގަދަވެގެން ފޮތިގަނޑު ވެސް އެމޫނުގައި އެޅުނެވެ. މިއާ ފޮތިގަނޑު އެއްފަރާތް ކޮށްލައިފައި ދޮރު ލައްޕައިލުމުން ބޭރުން ވަންނަމުން ދިޔަ ވައިރޯޅިތައް ބަންދުވިއެވެ. ސިޓިންރޫމަށް ވެރިވެފައިވާ ރަތް އަލީގައި މިއާ ގޮސް ސޯފާއަށް ވެއްޓި ގަނެގެން ޓީވީ ހުޅުވައިލި އެވެ. އެހެން އޮވެ ގިނައިރުވުމުން މިއާ އަށް ނިދުނެވެ.
ހޭލެވުނު އިރު ބޮކި ހުރީ ނިވިފައެވެ. ނޫނީ އަނދާފައެވެ. މިއާ ތަނެއް ދޮރެއް ވަކިކުރަން ނޭނގިފައި އޮތްވާ ގަދައަށް ވިދައިލި އެވެ. އެވަގުތު ކުޑަ ދޮރު ހުރަސްކުރި ކަޅު ހިޔަނި ރަނގަޅަށްވެސް މިއާގެ ލޮލުގައި އަޅައިގަތެވެ. ވަގުތުން މުޅި ކުއްޖާ ރޫރޫ އަޅައިގަތެވެ. މިއާ ދެކަކޫ ނަގައި މޭގައި ޖައްސާލައިގެން އިނދެފައި ލޯވެސް މަރައިލެވުނެވެ. އެވަގުތު ގޭގެ ދޮރު ހުޅުވުނު އަޑު އަހާފައި ރޮވެން ފެށިއެވެ. މިއާ ގުޑިލަންވެސް ނުކެރިފައި އިންދާ ފިޔަވަޅުގެ އަޑު ވީ ފަހަރަކަށް ވުރެ ފަހަރެއް ކައިރިއެވެ. މިއާ ނޭވާ ހިފަހައްޓާލައިގެން އިންދާ އެމީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވައިލުމުން ބާރަށް ހަޅޭއްލަވައި ގަނެފައި ސޯފާއަށް ކޮޅަށް ތެދުވެވިއްޖެއެވެ.
"މިއާ! މީ މަށޭ." އިޔަންގެ އަޑު ދިޔައީ ވެހެމުން ދިޔަ ވާރޭގެ އަޑާއި އެކުވެގެންނެވެ. މިއާއަށް އެވަރުންވެސް ކަރުނަތައް ކޮންޓްރޯލެއް ނުކުރެވުނެވެ. އެއަށްވުރެ ބާރަށް ހިތް އޮތީ ތެޅިތެޅިއެވެ. "އާދޭބަލަ މިކޮޅަށް!" އިޔަންއަށް އުދަނގޫވެގެން މިއާގެ އަތުގައި ހިފައި ގެނެސް ކައިރި ކޮށްލެވުނެވެ. އެއަތުގެ ހިމާޔަތް ލިބުމުން ހިތަށް ހަމަޖެހުން ލިބުނު ނަމަވެސް ކަރުނަތައް ވީ ހައްތަހާ އިތުރެވެ. އޯގާތެރިކަން ލިބުމުން ހިތަށް ކުރި އަސަރު ފުނެވެ.
"ދާން އުޅެނިކޮށް މޫސުމް ގޯސްވެގެން ކެންސަލްވީ. ޒިޔާން ފަރާތުން ސަލާމަތް ނުވެގެން އެގޭގައި ރާޒުވާ ކުޅެން އިނދެފަ މިއައީ. ވަރަށް ބަނޑުހައިވެސް ވެއްޖެ." މިއާ ހަމައަކަށް އެޅުމުން އިޔަން ދުރުވެލައިފައި ގޮސް ވަނީ ކޮޓަރި އަށެވެ. މިއާ އިޔަން ނިކުންނަން ވާއިރަށް ނޫޑްލްސް ކައްކާފައި އުއްބައްތި ދިއްލައިލީ ބޮކީގެ އަލި ފަނޑު ކޮށްލައިގެންނެވެ. އިޔަން އައިސް އިށީންފަހުން އަނގަ މަޑުވެފައި މިއަދު އިނީ މިއާ އެވެ. ޝަކުވާ ކުރަން ބޭނުންވިއަސް ދޫ ހަރަކާތެއް ނުކުރިއެވެ. އޭނާ ޝަކުވާ ކުރާނީވެސް ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އަންބަކަށްވެ ހުރެވެސް އިޔަންގެ ނަޒަރުގައި އޭނާ އެއީ ބީރައްޓެއްސަކަށް ވުރެ ދުރެވެ.
"އަހަރެން ބުނި ކަންތައް ކުރިންތަ؟" އިޔަން ކުރީ މިއާ އެންމެ ބޭނުން ނޫން ސުވާލެވެ. އެހެންވެ މިއާ ޖަވާބު ދޭން ފަސްޖެހުނެވެ. "މިރޭ ވަރަށް ނިދި އައިއްސަ މިހުރީވެސް. އޯކޭ މާދަން ހޯދިއަސް." އިޔަން ކައި ނިންމާލައިފައި އަނެއްކާވެސް އެދިޔައީ މިއާ އެކަނިކޮށްފައެވެ. ތަށިތައް ނަގާފައި މިއާ ކޮޓަރިއަށް ވަންއިރު އާދައިގެ މަތިން މިރޭވެސް ރަޖާ ދަށުގައި ނިދާލައިފި އެވެ. މިއާ ރުޅިވެސް އައެވެ. ކަރުނަތައް ފުހެމުން ހެދުންވެސް ބަދަލު ނުކޮށް ގޮސް ކައިރީގައި އޮށޯވެލިއެވެ. ނިދީގެ ތެރޭގައި އިޔަން އޭނާގެ އުނަގަނޑުގައި އަތް އަޅުވައިލުމުން މިއާ ދިޔައީ ސިއްސައިގެންނެވެ. ހަމަ އެ ސިކުންތުގައި ބާރު ބާރަށް ގުގުރިއެއް ޖެހުމުން މިއާއަށް ތެޅިގަނެފައި ވަދެވުނީ އިޔަންގެ އަތުތެރެއަށެވެ.
"ޒޯހާ!" އިޔަންއަށް ހޭލެވިގެން ނިދީގެ އަސަރު ހުރި ދެލޯ ހުޅުވައިލާފައި މިއާ ފެނިގެން ސިއްސައިގެން ދިޔައެވެ. އެއަޑު އަހާފައި މިއާއަށްވެސް ދުރަށް ޖެހިލެވިއްޖެއެވެ. މިއާ ތުންފަތުގައި ދަތް އަޅައިލާފައި ކަރުނުން ފުރިގެންވި ލޮލަކުން ބަލައިލި ގޮތުން އިޔަންގެ ހިތަށްވެސް ތަދުވެލިއެވެ. ހާދަ ޝަކުވާއެއް އެލޮލުގައި ވިއެވެ. މިއާ ކެތްގަދަ ކަމުން ލޮލުގައި އެކަނި ފޮރުވާލައިގެން އެބަ އުޅޭތާއެވެ. "އެބަ އަންނަން." އިޔަން ނިދިވެސް ފިލައިފިއެވެ. ފުންމައިގެން ތެދުވެފައި އަވަސް އަވަހަށް ކޮޓަރިން ނިކުމެގެން ގޮސް ހުއްޓުނީ އައިސް އަލަމާރި ކައިރި އަށެވެ. އިޔަން އެއޮތް ފިނީގައިވެސް ފިނި ފިނި ފެންތައްޓެއް ދަމާލައި ހުސްކޮށްލިއެވެ. އިޔަން ފުން ނޭވައެއްލައިފައި ގޮސް ދޮރު ފޮތިގަނޑު ޖަހާލައިގެން ހުއްޓާ ހިޔަންޏެއް ހުރަސްކޮށްލިހެން ހީވިއެވެ. އަވަސްއަވަހަށް އެކި ދިމާއަށް ލޯ ހިންގައިލުމުން އިޔަންގެ ސަމާލުކަން ހުއްޓުނީ އޮރެންޖް އަލީން ދިއްލި ފާޅުވަމުން ދިޔަ ފާލަމަށެވެ. އެހާ ދުރުންވެސް އެ ފާލަމުގެ ކޮޅުގައި ކަނޑާއި ދިމާއަށް މޫނު ލައިގެން ހުއްޓި ހުރި ޒޯހާ އިޔަންއަށް ފާހަގަ ކުރެވުނެވެ. ވިސްނަން ހުރެލާފައި އިޔަން ވާރޭކޯޓު ލައިގެން ބޭރަށް ނިކުމެއްޖެއެވެ.
ހުޑް އަޅުވާލައިގެން އިޔަން ހިނގަމުން ދިޔައިރު އެތައް ބައިވަރު ވާރޭ ތިކިތައް އައިސް ކޯޓުގައި ބޮސްދޭ އަޑު ނުހަނު ގާތުން އިވި އިވި ހުއްޓެވެ. ފެނުގެ ސަބަބުން ހިސާބަކަށް ހަރުވެފައިވާ ދޮން ވެލިގަނޑު މަތީގައި ހިނގާލައިފައި ގޮސް ފާލަން މައްޗަށް އަރާފައި އިޔަން ވަށައިގެން ހޯދައިލިއެވެ. އޭނާއަށް ކުރެވުނީ ކުށްހީއަކަށް ވާންވީ ކީއްވެ ހެއްޔެވެ؟ ކުޑަދޮރު ކައިރީ ހުރެ ބަލައިލުމުން ޒޯހާ ހުރީ ރީތިކޮށް ފެންނާށެވެ. އިޔަންއަށް ޔަޤީނެވެ. އެގަޑީގައި އެތާ ހުންނާނެ ހަމައެކަނި އަންހެން ކުއްޖަކީ ޒޯހާއެވެ. އިޔަންއަށް ނޭނގުނު ނަމަވެސް މޫދާއި އެއަންހެން ކުއްޖާ އާއި ކޮންމެވެސް ގުޅުމެއް ވާ ކަމުގައި ހިތް ގަބޫލު ކުރެއެވެ.
"ތިހޯދަނީ އަހަރެންތަ؟" އިޔަން ހޯދަ ހޯދާފައި މާޔޫސް ކަމާއެކު ދާން އެނބުރިލި ތަނުން އަޑު އައެވެ. އިޔަން އެނބުރިލި އިރު ޒޯހާ ހުރީ ހިނިތުންވެފައެވެ. ވާރޭތިކިތައް ހަރުލައިފައިވާ ކަޅު އިސްތަށިގަނޑާއި ތަތްވެފައިވާ ހުދު ހެދުމުގެ ސަބަބުން އެ ތުނި ހަށިގަނޑު ފެނުނު ގޮތުން އިޔަންގެ ހިއްސުތަކަށް ވާންވެލިއެވެ. ޒޯހާ ފިޔަވަޅެއް ކުރިއަށް އަޅައިލި އިރު ރޫރޫ އަޅަމުން ދިޔަ ތުންފަތުގެ ކުލަވެސް އިތުރުވެފައިވާ މިންވަރު ފާހަގަ ކުރެވުނެވެ. "އާ އަހަރެން މިއައީ ޒޯހާ ހޯދަން." އިޔަން ޖަވާބު ދިނުމުން ޒޯހާ ހީލައިފިއެވެ. އެފޮނިއަޑު ވާރޭގެ ތެރެއަށް އޮނބިގެން ދިޔައީ ދާދި އަވަހަށެވެ.
"އަހަރެން އޮޅުން ފިލުވަން ބޭނުން ކަންތައްތަކެއް އެބަހުރި." އިޔަން ކޯޓުގެ ޖީބަށް އަތް ޖަހައިލިއެވެ. "އާދޭ! އަހަރެން އޮޅުންފިލުވައި ދޭނަން." ޒޯހާ އަނެއްފަރާތަށް އެނބުރިފައި ފާލަން ކޮޅާއި ދިމާއަށް ދާން ފެށުމުން އިޔަން ފުރަތަމަ ފަސްޖެހުނެވެ. ޒޯހާ ގޮސް ހުއްޓުނު ފަހުން އިޔަން ބަލަން ހުރެލާފައި ގޮސް ޒޯހާގެ ފަހަތުގައި ހުއްޓިއްޖެއެވެ. "ހިނގާ މޫދަށް އެރެން. މިގަޑީގައި މޫދު ވަރަށް އަރާމުވާނެ." ޒޯހާ މޫނު އަނބުރައިލާފައި އިޔަންއަށް ބަލައިލިއެވެ. "އޯކޭ." އިޔަން ހީވަނީ ޒޯހާ ބުނި ކޮންމެ ގޮތެއް ހަދަން ތައްޔާރަށް ހުރި ހެންނެވެ.
އިރުކޮޅަކުން ޒޯހާ އެހުރިތަނުން މޫދަށް ފުންމައިލުމުން އިޔަންވެސް ސިހުނެވެ. ކުރީ ދުވަހު އަދި ތަންކޮޅެއް ތިލަ ހިސާބަކަށް އެރުނަސް ޒޯހާ މިއަދު އެ ފުންމައިލީ ފާލަމު ކޮޅަށެވެ. "އާދެބަލަ!" ޒޯހާ ލޮނުގަނޑު ތެރެއިން ބޯ ހިއްލައިލައިފައި ގޮވާލި އެވެ. އިޔަން ކޯޓާއެކު ގަމީސް ވެސް ބާލައި ފާލަން މައްޗަށް ދޫކޮށްލައިފައި ޒޯހާ ފަދައިން ލޮނުގަނޑު ތެރެއަށް ފުންމައިލި އެވެ.
މިއާ ރޮއި ރޮއި ވަރުބަލިވެގެން ތެދުވެފައި އަތު ޖެހުނު އެއްޗަކަށް ވިއްޔާ ބޮނޑި ބޭލިއެވެ. މިއާ ހިތްހަމަ ޖެހުނީ ހުރިހާ އެއްޗެއް އުކާލައި މުށިގަނޑު ފޮރުވުނު ފަހުންނެވެ. އަލަމާރީގައިވެސް ހުރިއްޔާ ހުރިހާ އެއްޗެއް އޮތީ ފައިދަށުގައެވެ. އެނދުގައި ބުރަކަށި ޖައްސާލައިގެން އިނދެފައި ތެމިފައިވާ އެސްފިޔަތައް އޭނާ ދުރުކޮށްލީ ބޭރުން އަޑެއް އިވުނުހެން ހީވެގެންނެވެ. އެވަގުތު މިއާގެ ސަމާލުކަން ދަމައިގަތީ ދިމާކުރިމަތީ އޮތް ފޮތަކުން އެއްބައި ނިކުމެފައިވާ ފޮޓޯގަނޑެކެވެ.
(ނުނިމޭ)