03 Jul 2013, 22:18
އެފްއޭއެމްއިން ކޮންމެ އަހަރެއްގެ ރޯދަމަހަށް ހާއްސަކޮށްގެން ބާއްވާ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގައި މިއަހަރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބައިވެރިވާ ޓީމްގެ ކެޕްޓަނަކަށް އެ ކްލަބްގެ ކުރީގެ ޗެއާމަން އިބްރާހީމް ނޫރައްދީން ހަމަޖައްސައި، ޓީމްގެ ސްކޮޑް މިރޭ އިއުލާނު ކޮށްފި އެވެ.
މިއަހަރު ނިއުގެ ސްކޮޑްގައި ހިމަނާފައިވާ ކުޅުންތެރިންގެ ތެރޭގައި ހުރާ ފުޓްބޯޅަ ޓީމުގެ ރަން ދުވަސްވަރުގައި އެޓީމަށް ކުޅުނު މަޝްހޫރު، އަބްދުﷲ އިބްރާހީމް (ހުރާ އަބްޅޯ) އާއި، އަލީ ޝިހާމް (ހުރާ އައްޔަ)އާއި، މުހައްމަދު އަތީފް (ހުރާ އަތީފް) އަދި މައުސޫމް އަބްދުލް ޣަފޫރު (މާސޭ) ހިމެނެ އެވެ.
ނިއުގެ ވެޓަރަންސް ޓީމުގެ ކޯޗަކަށް މިފަހަރު ހަމަޖައްސާފައި ވަނީ، އެ ކްލަބްގެ ކުރީގެ ގޯލް ކީޕަރު ސައީދު އަލީ އެވެ. އަދި މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ، އަހްމަދު ނިޔާޒް އެވެ. ވައިސް ކެޕްޓަނުންގެ ގޮތުގައި މިފަހަރު ހަމަޖައްސާފައިވަނީ، ކުރިން ނިއުގެ ކެޕްޓަންކަން ކޮށްފައިވާ، މަޝްހޫރު ފޯވަޑް މޫސާ މަނިކު (ކުޑަމޫސަ) އާއި ޑިފެންޑަރު އިބްރާހީމް ރަޝީދު (އަންދަރޭ) އެވެ. އަދި ގޯލް ކީޕަރުންގެ ގޮތުގައި ހަމަ ޖައްސާފައި ވަނީ އިބްރާހީމް ސައީދުއާއި އަބްދުﷲ ހާފިޒް (ހާއްޕެ)އާއި ވެލެންސިޔާގެ ކުރީގެ ގޯލް ކީޕަރު މުހައްމަދު އިގްބާލް އެވެ.
އަދި ހަމަ އެހެންމެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަބްދުއް ރައްޒާގު (އޭދަފުށީ ރައްޒާގު)އާއި، މުހައްމަދު އިބްރާހީމް (ހިންނަވަރު ދޮންބެ)އާއި، އިބްރާހީމް ހަލީމް (ބޮޑު ޖަޑާ)އާއި، އަޝްރަފް ލުތުފީ (ސަންޕަތު)އާއި، އަބްދުﷲ ވަހީދު (ހިކަނދި ވަހީދު)އާއި، އިބްރާހިމް ނާޒިމް (ރުމޭ)އާއި، މުހައްމަދު ނާޒިމް (ފަންތޮށި)އާއި، އިބްރާހީމް ޝަރީފް (ގަރޭ)، މުޙައްމަދު ނިޒާމް (ތޮއްޑޫ)، އިސްމާއީލް މުހައްމަދު (އޮނުތޫރި އިއްސެ)އާއި، އިސްމާއީލް ޝަރީފް (އިއްސެ)އާއި، އަހްމަދު ނަސީމްއާއި، މިސްބާހްއާއި، ޝަރީފްގެ އިތުރުން އިބްރާހީމް އާމިރު (ސަލްސާ) ހިމެނެ އެވެ.
އޭގެ އިތުރުން ނިއުގެ ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ، އަހްމަދު އިރްފާން، މުހައްމަދު ނިހާން ނަސީރު، އިސްމާއީލް މާޒިން، ޔޫސުފް އަޒީމް (ޔޫއްޓެ) އަދި އަންވަރު އަލީ ހިމެނެ އެވެ.
ނިއުގެ މިއަހަރުގެ ވެޓަރަންސް ޓީމުގެ ސްކޮޑް އިއުލާނު ކޮށްފައިވަނީ، ކުރިއަށް އޮތް ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކްލަބްގެ މެނޭޖްމަންޓާއި އަދި ހުރިހާ ކުޅުންތެރިން ބައިވެރިވެގެން، ސިޓީ ޕާކުގައި ހުންނަ އެކްރޮޕޯލް ރެސްޓޯރަންޓްގައި ބޭއްވި ހާއްސަ މާހެފުމެއްގަ އެވެ.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވީ ފުޓްބޯޅައިގައި ނިއުއަށް މިހާތަނަށް ހާސިލް ކުރެވިފައި ނުވާ ހަމަ އެކަނި ތައްޓަކީ ވެޓަރަންސް ތަށި ކަމަށާއި އެހެން ކަމުން މިފަހަރު އެކްލަބް ނުކުންނަނީ އެ ތަށި ހޯދުމަށް ކަމަށެވެ.
"ކުރީ އަހަރުތަކާ ހިލާފަށް މިފަހަރު އަޅުގަނޑުމެންގެ މެނޭޖްމަންޓުން ބޭނުންވަނީ އަޅުގަނޑުމެންގެ ބޮޑު ޓީމު ފަދައިން ވެޓަރަންސް ޓީމުވެސް، ހަމަ ސީދާ ތައްޓާ ހިފަން،" ބަލަކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނިއުރޭޑިއަންޓް މިހާރު މިއޮތް މަގާމަށް ގެނައުމަށްޓަކައި ވޭތުވެ ދިޔަ ދެއަހަރު ދުވަހުގެ ތޭރޭގައި ވަރަށް ގިނަ ބައެއްގެ ހިއްސާ އެބަ އޮތް ކަމަށެވެ.
"ނިއު ރޭޑިއަންޓް އޮންނަންވާ މަގާމަށް ގެނައުމަށް، ކުރިމަތީގައި އަޅުގަނޑު ފެންނަން ހުއްޓަސް، ފަހަތުގައި ވަރަށް ގިނަ ބަޔަކު ސަޕޯޓްދޭ. އޭގެ ތެރެއިން އެންމެ ބޮޑު، އެއް ބާރު އިބްރާހީމް ނޫރައްދީނަކީ،" ނިއުގެ ޗެއާމަން ވިދާޅުވި އެވެ. "އިބްރާހީމް ނޫރައްދީނަކީ ކުރިންވެސް ނިއުގެ ސީނިއާ ޓީމުގެ ކެޕްޓަން ކަމާއި، ކޯޗުކަމާއި، މެނޭޖަރު ކަމާއި، ޗެއާމަންކަން ވެސް ކޮށްފައިވާ ބޭފުޅެއް. ދެން މި ޓީމުގައި އޭނާ އަދާ ނުކުރައްވައި އޮތް ކަންތައް ދެން މިފަހަރު ކުރަށްވާނެ. އެގޮތުން މިފަހަރު ވެޓަރަންސް ޓީމުގެ ކެޕްޓަން ކަން ކުރަށްވާނީ އިބްރާހީމް."
އެފްއޭއެމްގެ އޮފިޝަލަކު ސަންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެހެން އަހަރު ތަކެކޭ އެއްފަދައިން މި އަހަރުގެ ވެޓަރަންސް ކަޕް ވެސް ފެށުމަށް ތައްޔާރުވަމުން އަންނަނީ ރޯދަމަހުގެ ދެވަނަ ދުވަހު ހަވީރު ކަމަށާއި އަދި މުބާރާތުގައި މިހާތަނަށް ހަތް ޓީމެއް ބައިވެރިވާނޭ ކަމަށް ބުނެފައިވާއިރު، މުބާރާތް ފާށާނޭ ތާރީހާއި، ބައިވެރިވާ ހުރިހާ ޓީމުތަކެއް މާދަމާގެ ވަގުތެއްގައި އިއުލާނު ކުރަށްވާނެ ކަމަށެވެ.