03 Jul 2013, 22:07
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދު މުހައްމަދު ޖިންސީ ގުޅުން ހިންގާކަމުގެ ތުޙުމަތުކުރެވޭ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ތަޙުގީގު ކުރަމުންދާކަމުގެ މަޢުލޫމާތު ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދަށާއި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ނަށް އަންގައިފި އެވެ.
ފުލުހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ހަމައެކަނި ބުނެފައި ވަނީ ފަނޑިޔާރު އަލީ ހަމީދުގެ ވީޑިއޯގެ މައްސަލަ ކަމާބެހޭ ފަރާތަކަށް އަންގާފައިވާ ކަމަށެވެ. ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ހިލޭ އަންހެނަކާ އެކު ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރާ ވީޑިއޯގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ އިރު، އޭނާ ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތް ކުރާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް ފުލުހުން އެކަން ދޮގު ކުރެ އެވެ.
ފަނޑިޔާރުގެ ގާނޫނުގެ 12 ވަނަ މާއްދާގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހާލަތެއްގައި މެނުވީ، ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ޖިނާއީ ކުށެއްކޮށްފި ކަމަށް ތުހުމަތު ކުރެވިގެން ނުވަތަ އެނޫން ވެސް ހާލަތެއްގައި ޖިނާއީ ކުށެއްކޮށްފި ކަމަށް ތުހުމަތު ކުރެވިގެން ފަނޑިޔާރަކު ހައްޔަރު ކުރަންވާނީ ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓަށް ވުރެ، މަތީ ކޯޓެއްގެ އަމުރަކަށް ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހައްޔަރު ކުރަންވާނީ އެ ކޯޓުގެ ބާކީ ތިބި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރާ އަމުރަކަށެވެ.
އެފަދަ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދެވޭނީ މައްސަލަ ތަހުގީގު ކުރާ ފަރާތުން ޕީޖީ އަށް ހުށަހެޅުމުން އެއީ އެކަށީގެންވާ ކަމެއް ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އަށް ފެނިއްޖެ ނަމަ އޭނާ ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ބުނެ އެވެ.