03 Jul 2013, 21:57
ބަންގްލަދޭޝްގައި މިއަދު ފެށި ފީބާ އޭޝިޔާ މުބާރާތުގެ 16 އަހަރުންދަށުގެ ކޮލިފިކޭޝަން ބުރުގައި ވާދަކުރި ރާއްޖޭގެ ގައުމީ ބާސްކެޓް ޓީމް އިންޑިއާ އަތުން މިއަދު ބަލިވެއްޖެ އެވެ.
ރާއްޖެ ޓީމް އިންޑިއާ އަތުން ބަލިވީ 95 ޕޮއިންޓު 50 ޕޮއިންޓުންނެވެ.
ކޮލިފިކޭޝަންގެ ދެ ވަނަ ބުރުގައި ރާއްޖެ މާދަމާ ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މެޗް ފަށާނީ މާދަމާ ރާއްޖެ ގަޑިން 4:30 ގައެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި ބައްދަލު ކުރާނީ ނޭޕާލާ ދެކޮޅަށެވެ. އެމެޗް ކުޅޭނީ އަންނަ ހުކުރު ދުވަހު ރާއްޖެ ގަޑިން 3:00 ޖަހާއިރު އެވެ.
މިއަދުގެ މެޗަށްފަހު ރާއްޖެ ޓީމުގެ ހެޑް ކޯޗް އަހުމަދު ފަޔާޒް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުރެ ސަންއާ ވާހަކަ ދައްކަމުން ބުނީ، އިންޑިއާ ޓީމަކީ ހުރިހާ ގޮތަކުން ބެލި ކަމުގައި ވިޔަސް މޮޅު ޓީމެއް ކަމަށެވެ. އެކަމަކު މިއަދުގެ މެޗުގައި ރާއްޖެ ޓީމުން ދެއްކި ކުޅުމާ މެދު ހިތް ހަމަޖެހޭ ކަމަށާއި މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ބަންގްލަދޭޝްއާ ދެކޮޅަށް ނިކުންނާނީ ރަނގަޅު ފައިޓެއް ބަންގްލަދޭޝް ޓީމަށް ދިނުމުގެ އުންމީދުގައި ކަމަށެވެ.
ޖުމްލަ ހަތަރު ގައުމް ވާދަކުރާ މިމުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ބަންގްލަދޭސްގެ ވެރިރަށް ޑާކާގައެވެ.