މިސްރު ސިފައިން އެގައުމުގެ ދީނީ ސިޔާސީ އަދި ޒުވާނުންގެ ލީޑަރުންނާ އެކު ބައްދަލުވުމެއް ބާއްވަމުން އަންނަ ކަމަށާއި އެ ބައްދަލުވުން ނިމުމުން އަމަލުކުރާނެ ގޮތެއް ނިންމައި ބަޔާނެއް ނެރޭނެ ކަމަށް ސިފައިން ބުނެފި އެވެ.

މިސްރު ސިފައިންގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ "ދީނީލީ އަދި ސިޔާސީ ލީޑަރުންނާއި ގައުމީ އަދި ޒުވާނުންގެ މަޝްހޫރު ޝަޚުސިއްޔަތުތަކާ އެކު ސިފައިންގެ ޖެނެރަލް ކޮމާންޑުން ބައްދަލުވުމެއް ބާއްވަމުންދާތީ ބަޔާތަކާއި ވާހަކަތައް ހާމަކުރާނެ ވަތުތެއް ކަނޑައަޅާފައި ނުވާ" ކަމަށެވެ.

"ސިފައިގެން ޖެނެރަލް ކޮމާންޑުން މިހާރު ދަނީ ގިނަ އަދަދެއްގެ ދީނީ ސިޔާސީ އަދި ޒުވާނުންގެ ލީޑަރުންނާ ބައްދަލުކުރަމުން، އެ ބައްދަލުވުން ނިމުންހާ އަވަހަކަށް ބަޔާނެއް ނެރޭނެ" މިސްރު ސިފައިންގެ ފޭސްބުކް ޕޭޖްގައި ބުނެފައިވެ އެވެ.

މިސްރު ސިފައިން މިހެން ބުނެފައި މިވަނީ މިސްރުގެ ރައީސް މުހައްމަދު މުރުސީއާ ދެކޮޅަށް ތެދުވެފައިވާ ފަރާތްތަކާ ދެމެދު ވާހަކަ ދައްކައިގެން ސިޔާސީ ހައްލެއް ހޯދުމަށް މިސްރު ސިފައިން ދިން 48 ގަޑި އިރުގެ މުހުލަތު މިރޭ ހަމަވެފައި ވަނިކޮށެވެ.

ކަންތައް މިހިސާބަށް ގޮސްފައިވާ އިރު މުޒާހަރާ ކުރަމުންދާ ހުރިހާ ސަރަހައްދުތަކެއް މިހާރު މިސްރު ސިފައިންނާއި ފުލުހުން ކޮންޓްރޯލް ކުރަމުން އަންނަ ކަމަށް އެގައުމުގެ ގައުމީ ނިއުސް އެޖެންސީ އަލް އަހުރާމް އިން ބުންޏެވެ.

މިސްރުގެ ކުރީގެ ރައީސް މުހައްމަދު ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށް 2011 ވަނަ އަހަރު ކުރި މުޒާހަރާތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އަދި މިހާރު މިސްރުގެ ވެރިކަން ކުރާ މުސްލިމް ބްރަދަހުޑް އިން މިއަދު ބުނި ކަމަށް އަލްޖަޒީރާ ބުނީ މިސްރު ސިފައިން އެގައުމުގައި ބަޣާވާތެއް ކުރަމުންދާ ކަމަށެވެ. މުސްލިމް ބްރަދަހުޑް އިން ބުނެފައި ވަނީ "ސިޔާސީ ކަމެއްގެ ތެރެއަށް މިސްރު ސިފައިން ވަދެފައިވާ ކަމަށާ އެއީ ބަޣާވާތެއް" ކަމަށެވެ.

ކޯލިޝަން ސަރުކާރެއް އުފެއްދުމަށާއި ގާނޫނު އަސާސީ އިސްލާހުކުރުން ވެސް ހިމެނޭ ގޮތުން ރައީސް މުރުސީ އެކުލަވާލައްވައި އިއުލާންކުރައްވާފައިވާ މަގު ޗާޓް އޭނާ މިއަދު ވަނީ އަލުން އިއުލާން ކުރައްވާފަ އެވެ. ނަމަވެސް އެމަގުޗާޓް އަލުން އިއުލާން ކުރުމުން މިސްރު ސިފައިން މިހާރު ބުނެފައި ވަނީ މިއީ ބަޔާނެއް ދިނުމަށް ވަގުތެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.

މިސްރުގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ސިޔާސީ ފަރާތްތަކުން ނުކުތީ ރައީސް މުރުސީގެ މުސްލިން ބްރަދަހުޑްޕާޓީގެ މެޖޯރިޓީ އޮންނަ އެގައުމުގެ ޕާލަމެންޓުން އިސްލާމީ ޝަރީއަތާ އެއްގޮތަށް ގާނޫނު އަސާސީ ފާސްކުރުމުންނެވެ.