05 Nov 2010, 13:26
އިމިގްރޭޝަނުން ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓާލަން އެންގުމާ ގުޅިގެން އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، ނެކްސް ބިޒްގެ ހިއްސާ މާކެޓްގައި ދަށަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ނެކްސް ބިޒުން ނެރެފައިވާ ބަޔާނެއްގައި ބުނީ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް މަޑުޖައްސާލުމަށް އެންގުމާ ގުޅިގެން އެ ކުންފުނީގެ ހިއްސާ ހުކުރު ދުވަހު ހަ ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި ބުނީ އެ މަސައްކަތް ހުއްޓާލަން އެންގި ގޮތުގެ ތަފްސީލު އިމިގްރޭޝަނުން ސާފުކުރަމުން އަންނަ ކަމަށެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން، ސްޓޭޓް މިނިސްޓަރު އިލްޔާސް ހުސައިން އިބުރާހިމް އިއްޔެ ވިދާޅުވީ އެ މަސައްކަތް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައި ސިޓީ ލިބުނު ހިސާބުން ފެށިގެން އެ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.
އިލްޔާސް ވިދާޅުވެފައި ވަނީ ބޯޑާ ކޮންޓްރޯލް ސިސްޓަމާ ބެހޭ ގޮތުން ފެތުރުނު ހުރިހާ ވާހަކަތަކެއް ފެތުރީ ރިޕޯޓަރުން ކަމަށާއި އޭސީސީގެ ސިޓީ ލިބުނު ވަގުތުން ފެށިގެން ޕްރޮޖެކްޓް ކުރިޔަށް ގެންދިއުން އިމިގްރޭޝަނުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ ސިޓީ ލިބުމާ އެކު އެ ސިޓީގައިވާ ގޮތަށް އަމަލު ކުރަމުން އަންނަ ކަމަށް ވެސް އިލްޔާސް ވަނީ ވިދާޅުވެފަ އެވެ.
އިލްޔާސް އެހެން ވިދާޅުވި ނަމަވެސް އިމިގްރޭޝަންގެ ޑިޕިއުޓީ ސްޓޭޓް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެފައި ވަނީ ޕްރޮޖެކްޓްގައި ސޮއިކޮށްފައި ވަނީ އޭސީސީން ޕްރޮޖެކްޓް ފަސް ކުރަން އަންގާފައި ވަނިކޮށް ކަމަށާއި އަދި ސޮއިކުރީ ކުރިން ސޮއިކުރަން ނިންމާފައިވާ ދުވަހަށް ވުރެ އަވަސްކޮށް ކަމަށެވެ. އޭސީސީން ވެސް ބުނެފައި ވަނީ ސޮއިކޮށްފައި ވަނީ އެކަން ފަސްކުރުމަށް ލިޔުމުން އަންގާފައިވަނިކޮށް ކަމަށެވެ.
ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމަށް އިމިގްރޭޝަނުން ބީލަމަށް ހުޅުވާލި އިރު ބުނެފައި ވަނީ އިލެކްޓްރޯނިކް ބޯޑާ ގޭޓް ސިސްޓަމަކީ އޮޓޮމޭޓެޑް ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ އާއި ފިންގަޕްރިންޓް ޓެކްނޮލޮޖީ މެދުވެރިކޮށް މީހުންގެ މައުލޫމާތު ދެނެގަނެވޭނެ ނިޒާމަކަށް ވާންޖެހޭނެ ކަމަށެވެ. ޓްރެވަލް ޑޮކިއުމަންޓް ރެކޯޑާއި ޕާސްޕޯޓާއި ވިސާ ޕާމިޓް ފިންގަޕްރިންޓް ޑޭޓާ ބޭސްގެ މައުލޫމާތު ވެސް ވަގުތުން ބެލެން ހުންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް 39 މިލިއަން ޑޮލަރަށް ނެކްސް ބިޒްން ގެންނަ ގޮތަށް ސޮއިކުރި ޕްރޮޖެކްޓްގައި ހިމެނޭ ސިސްޓަމްގައި އެބައިތައް ނުހިމެނޭ ކަމަށް އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.