03 Jul 2013, 20:30
މަސްތުވާތަކެތި ގެންގުޅުމުގެ ކުށް ތަކުރާރުކުރި މީހަކު 12 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ޅ. ކުރެންދޫ ބޮޑުގަސްދޮށުގޭ އަބްދުﷲ ޝަރީފްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އަބްދުﷲ ޝަރީފް މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވިގެން 2011 ވަނަ އަހަރުގެ އެޕްރީލް މަހުގެ 16 ވަނަދުވަހުގެ ރޭ 10:45 ހާއިރު ޅ. ނައިފަރު ޕޮލިސްޓޭޝަންގެ ފުލުހުން އޭނާ ހައްޔަރުކޮށް އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ފެނިފައިވާކަމަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ އަބްދުﷲ ޝަރީފް އަތުން ފެނުނު 0.0655 ގްރާމް ޑައިއެސިޓައިލްމޯފިންއާއި 0.0149 ގްރާމު ޒެނެކްސް އަކީ އޭނާގެ އަމިއްލަ ތަކެތި ކަމަށް ބުނެ ދައުވާ އަށް ޝަރީއަތުގެ މަޖިލީހުގައި އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ.
މީގެއިތުރުން މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް ކުރި އެވެ. ނަމަވެސް ކުޑަކަމުދާތަކެތި ނެގުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަނެއް ފުލުހުން ފުރިހަމަ ކޮށްފައިނުވާތީ އެ ދައުވާ ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.
އެ ހުކުމް އޭނާގެ މައްޗަށް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުންނެވެ.