އެކި ފަރާތް ފަރާތުން ސަރުކާރަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށާއި އެ ފައިސާ ހޯދަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މިނިސްޓްރީތަކުގެ އޮޑިޓް ރިޕޯޓްތަކުގައި އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވާ މައްސަލަތައް ޙައްލުކުރާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމު ކުރައްވައިގެން، މިއަދު މެންދުރު ފަހު އެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ފައިސާއަކީ ރައްޔިތުންގެ ޙައްގެއް ކަމަށާއި އެ ފައިސާ ހޯއްދަވަން ޖެހޭ ކަމަށެވެ.

އޮޑިޓާ ޖެނެރަލްގެ ރިޕޯޓްތަކުގައި އިޞްލާޙު ކުރުމަށް ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައިވީ ނަމަވެސް، މިހާތަނަށް އައި އިރު، އެކަންކަމަށް ސަރުކާރުގެ އޮފީސްތަކުން އެކަށީގެންވާ ފިޔަވަޅުތައް އެޅުއްވުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންމިދާ އާ ނިޒާމުގެ ތެރޭގައި ތަފާތު އެކިއެކި އުނދަގޫތަކާއި މައްސަލަތައް އެބަހުރިކަމަށެވެ. އަދި އެކަންކަން ރަނގަޅު ކުރުމަށް ޓަކައި މަސައްކަތް ކުރަން އެބަޖެހޭ ކަމަށާއި މިހާރު ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ވެސް ކަންކަން ތަންފީޒު ކުރެވޭނެގޮތް ހޯދަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެ ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް މަސައްކަތް ކުރުމަކީ، އެންމެންގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި އެހެންކަމުން، އޮފީސްތައް ހިނގާ ނުހިނގާ ގޮތް ވެސް މިހާރަށް ވުރެ ރަނގަޅު ކުރަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އޮފީސް އޮފީހުގެ މެނޭޖްމަންޓްގެ ކަންތައް ހިނގާ ނުހިނގާގޮތް ބެއްލެވުމާއި އޮފީސް އޮފީހަށް ލިބިފައިވާ ވަސީލަތްތަކާއި ބަޖެޓް ބޭނުންކުރެވޭ ގޮތާއި އިންސާނީ ވަސީލަތްތައް ބޭނުންކުރެވޭ ގޮތާއި އެ ހުރިހާ ކަމަކަށް އަބަދު ރިޢާޔަތްކޮށް، އެކަންކަން އެއްދުވަހަށް ވުރެ އަނެއް ދުވަހު ރަނގަޅު ކުރެވޭނެ ގޮތެއް ހޯއްދަވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ވަރަށްގިނަ ވުޒާރާތަކާއި އޮފީސްތަކާއި މުއައްސަސާތައް މިހާރު އޮޑިޓް ކުރެވިފައި ވުމާ އެކު، އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކުރައްވާފައި ހުރި ކަންކަމަކީ އިޞްލާޙު ކުރަން ޖެހޭ ކަންކަން ކަމުގައި ވިދާޅުވި އެވެ. އަދި އެކަންކަން އިޞްލާޙުކޮށް، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި، އެކަމުގައި ކުރިއަށް ދެވިފައިވާ މިންވަރު ބަލަން އެބަޖެހޭ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.