އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)އިން ވިއްކާ މަތިންދާބޯޓަށް އަޅާ ތެޔޮ ނުވަތަ ޖެޓްފިއުލްގެ އަގު ލިޓަރަކުން 39 ލާރި ބޮޑުކޮށްފި އެވެ.

އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުނު ސާކިއުލާއެއްގައި ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މަތިންދާބޯޓަށް އަޅާ ޖެޓް ފިއުލް ލިޓަރެއް އިންޓަނޭޝަނަލް އޮޕަރޭޝަން ފްލައިޓްތަކަށް ވިއްކާނީ 1.06 ޑޮލަރަށް ކަމަށެވެ. މީގެ ކުރިން އިންޓަނޭޝަނަލް އޮޕަރޭޝަން ފްލައިޓްތަކަށް ލިޓަރެއް ވިއްކާފައި ވަނީ 1.04 ޑޮލަރަށެވެ. އެ ކުންފުނިން ގެނައި ބަދަލާއި ގުޅިގެން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް އޮޕަރޭޝަންތަކުގެ ފްލައިޓްތަކަށް ވިއްކާ ތެލުގެ އަގު ލިޓަރަކުން ވަނީ 39 ލާރި ބޮޑުވެފަ އެވެ.

އެމްއޭސީއެލްގެ ސާކިއުލާގައިވާ ގޮތުން ޑޮމެސްޓިކް އޮޕަރޭޝަން ފްލައިޓްތަކަށް ޖުލައި އެއްވަނަ ދުވަހުން ފެށިގެން ޖެޓް ފިއުލް ލިޓަރެއް ވިއްކާނީ 1.05 ޑޮލަރަށެވެ. މީގެ ކުރިން ޑޮމެސްޓިކް އޮޕަރޭޝަން ފްލައިޓްތަކަށް ޖެޓް ފިއުލް ލިޓަރެއް ވިއްކާފައި ވަނީ 1.02 ޑޮލަރަށެވެ.

އެ ސާކިއުލާގައި ވަނީ އަލަށް ނެރުނު އަގުގައި ތެޔޮ ވިއްކާނީ ހަމައެކަނި ވަގުތުން ފައިސާ ދައްކާ ފަރާތްތަކަށް ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ މިއަހަރުގެ ތެރޭގައި އެކި ފަހަރުމަތިން ތެލުގެ އަގު ހެޔޮކޮށްފައިވާ ކަމަށެވެ. އަދި މިފަހަރު އަގު ބޮޑުވެފައި ވަނީ އަލަށް ގެނައި ޝިޕްމަންޓްގެ އަގު ބޮޑުވުމާ ގުޅިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.