ރާއްޖެއަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު އެތެރެކުރި ޝިޕްމަންޓެއްގެ ތެރޭގައި ޑިކްލެއާ ނުކޮށް ވަގަށް މުދާތަކެއް އެތެރެކުރަން އުޅުނީ ކާޓިއުންސް އިންޓަނޭޝަނަލްއިން ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ކަސްޓަމްސް އަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހިފަހައްޓާފައި ވަނީ ވެހިކަލް އަދި ވެހިކަލްގެ ސްޕެއާ ހިމެނޭ 40 ފޫޓުގެ ކޮންޓެއިނަރެއް ކަމަށެވެ.

ކާޓިއުންސްއަކީ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއުގެ އާއިލީ ވިޔަފާރިއެކެވެ. އަދި އެ ކުންފުންޏަކީ ރާއްޖެއަށް ގިނަ އަދަދަކަށް ވެހިކަލް އާއި ސްޕެއާ އެތެރެކޮށް ވިޔަފާރިކުރާ ކުންފުންޏެކެވެ.

"މިހާތަނަށް ބެލިބެލުމުން މި ޝިޕްމަންޓްގައި ހިމެނޭ ގިނަ އަދަދެއްގެ ވެހިކަލް ސްޕެއާ ކަސްޓަމްސްއަށް ޑިކްލެއާކޮށްފައި ނުވާކަން ވަނީ ފާހަގަކުރެވިފަ އެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ކަސްޓަމްސް އިން ބުނީ އެ މައްސަލަ އެތަނުގެ އިންވެސްޓިގޭޝަން ސެކްޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަޅާނެ ފިޔަވަޅެއް ކަސްޓްމަސް އިން ނުބުނެ އެވެ.