މަސްތުވާތަކެތީގެ މައްސަަލައެއްގެ ތުހުމަތުގައި މީގެ ތިން އަހަރު ކުރިން ސްރީލަންކާގެ ޖަލަށް ލި ދިވެހި އަންހެން މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނަޑައަޅައި ކޯޓުން މިއަދު އޭނާ ދޫކޮށްލައިފި އެވެ.

ސްރީލަންކާގެ ފުލުހުން މ. ހަވީރީނާޒު، މަރިޔަމް މަނިކެ، 54، ހައްޔަރުކޮށްފައި ވަނީ ލަންކާގައި އޭނާ ދިރިއުޅޭ ގެއިންނާއި އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ފެނުނު މައްސަލައެއްގެ ތުހުމަތުގަ އެވެ.

ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ލަންލާގެ ފުލުހުން މަރިޔަމް މަނިކެގެ މައްޗަށް ކޮށްފައިވާ ދައުވާ ކޯޓަށް ޝާބިތުވާ ވަރަށް ހެކި ހުށަހެޅިފައިނުވުމުގެ ސަބަބުން އޭނާ ދޫކޮށްލުމަށް ކޯޓުން މިއަދު ހުކުމްކޮށްފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާ ޖަލުން މިނިވަން ކުރުމަށް ފުރިހަމަ ކުރަން ޖެހޭ އެންމެހާ ކަންކަން ހައިކޮމިޝަނުން ކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލަންކާގައި މަރިޔަމް މަނިކެ ދިރިއުޅޭ ގެއިން ގެއިންނާއި އޭނާގެ އަތުން ނުވަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ތުހުމަތުކޮށްފައިވާ އިރު ކޯޓަށް ފުލުހުން މިއަދު ހުށަހެޅި ލިޔެކިޔުންތަކާއި ފުލުހުން ތުހުމަތުކޮށްފައިވާ އަދަދާ ދިމާނުވާ ކަމަށްވެ އެވެ. އެ މައްސަލާގައި މިއަދު ކޯޓުން ހުކުމްކޮށްފައި ވަނީ މަރިޔަމް މަނިކެގެ ޣައިރު ހާޒިރުގަ އެވެ.