ފިހާރަތަކުގައި ވިއްކާ މުދަލުގެ އަގުތައް އާންމުކުރާގޮތަށް "ބާޒާރުގެ އެންމެ ހެޔޮ އަގު" ނަމުގައި މިދިޔަ އަހަރުގެ ރޯދަ މަހު ހިންގި ޕްރޮގްރާމް މިއަހަރު ވެސް ހިންގަން ނިންމާފައިވާ ކަމަށް އިކްނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ އަހަރެކޭ ގާތްގަނޑަކަށް އެއްގޮތަށް ހިންގުމަށް ނިންމާފައިވާ އެ ޕްރޮގުރާމުގައި މި އަހަރު އަގުތައް އާންމުކުރުމަށް ނިންމާފައިވަނީ މިދިޔަ އަހަރާއި ހިލާފަށް ހެނދުނު ކަމަށާއި އަދި މުދަލުގެ ލިސްތައް ވެސް ބަދަލުގެނެސްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު 47 މުދަލެއް އެލިސްޓްގައި ހިމެނޭ އިރު މިއަހަރުގެ ލިސްޓުގައި 55 އައިޓަމްސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

"ބައެއް ފަރާތްތަކުގެ ލަފާގެ މަތިން އަޅުގަނދުމެންވާނެ ލިސްޓުގައި ހިމަނާ ބައެއް މުދަލަށް ބަދަލުގެނެސްފައި، އެގޮތުން މިފަހަރުގެ ލިސްޓުގައި މުޅިން ވެސް ހިމެނޭނީ ރޯދަޔަށް ބޭނުންތެރި މުދާ." އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މާދަމަ އިން ފެށިގެން އެ ޕްރޮގުރާމްގައި ބައިވެރިވުމަށް ބޭނުންވާ ފިހާރަތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށާއި އެ މިނިސްޓްރީ އިން އާންމުކުރާ ލިސްޓުގައި ހިމެނޭނީ އެކަމަށް އެދި އެ މިނިސްޓްރީގައި ރަޖިސްޓުރީ ކުރާ ފިހާރަތަކުގެ އަގުތައް އެކަނި ކަމަށެވެ.