އިންޑޮނޭޝިއާގެ ސްމަޓްރާ އަށް އައި ބާރުގަދަ ބިންހެލުމެއްގައި 22 މީހުން މަރުވެ، 200 އަށް ވުރެ ގިނަމީހުން ޒަހަމްވެއްޖެ އެވެ.

އިންޑޮނޭޝިއާގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ ސުމަޓްރާގެ ހުޅަނގަށް ރިކްޓަ މިންގަނޑުން 6.1ގެ ބާރުމިނުގައި އިއްޔެ އައި ބިންހެލުމުގައި ގެތައް ވެއްޓި ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ކަމަށެވެ.

"މިހާތަނަށް 22 މީހުން ވަނީ މަރުވެފައި، 2010 މީހުންނަށް ޒަހަމްވި، އަދި އެތައް ހާސް އިމާރާތަކާއި ގެތަކަށް ވަނީ ގެއްލުންވެފައި،" އިންޑޮނޭޝިއާގެ ޑިޒާސްޓަ މެނޭޖްމެންޓް އެޖެންސީގެ ތަރުޖަމާނު ސުޓޯޕޯ ޕުރުވޯ ނުގުރޮހޯ ވިދާޅުވިކަމަށް ބީބީސީ ބުންޏެވެ.

ބިންހެލުމުގައި ވެއްޓުނު މިސްކިތެއްގެ ދަށުގައި 14 ކުޑަކުދިން ތާށިވެފައިވާ ކަމަށާއި އެ ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ޑިޒާސްޓަ މެނޭޖްމެންޓް އެޖެންސީން ކުރަމުން އަންނަ ކަމަށް އޭއެފްޕީއާ ހަވާލާދީ ބީބީސީ ބުންޏެވެ.
ބިންހެލުމުގައި ގެއްލިފައިވާ މީހުން ހޯދައި ސަލާމަތްކުރުމަށް އިންޑޮނޭޝިއާ ސަރުކާރުން ވަނީ އެގައުމުގެ ފުލުހުންނާއި ސިފައިން ނެރެފަ އެވެ. ނަމަވެސް މަގުތައް ބަންދުވެފައި ވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ވަނުމަށް ވަނީ ހުރަސްއެޅިފަ އެވެ.

އިންޑޮނޭޝިއާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ބަންދަރު އަޗޭގައި ދިރިއުޅޭ މީހުންނަށް ގާތްގަނޑަކަށް 15 ސިކުންތު ވަންދެން ބިންހެލުމުގެ އިހުސާސް ކުރެވުނު ކަމަށެވެ.

އިންޑޮނޭޝިއާގެ ސުމަޓްރާގެ ކައިރިން ކަނޑުގެ އަޑިއަށް 2004 ވަނަ އަހަރު އައި ބިންހެލުމެއްގެ ސަބަބުން އިންޑިއާ ކަނޑުގެ އެކި ގައުމުތަކުން ޖުމްލަ 230000 މީހުން މަރުވި އެވެ.