ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމަށް ދައްކަވަން ޖެހޭ 1.9 މިލިއަން ރުފިޔާ މިއަދު ދެއްކެވި ނަމަވެސް އެ ފައިސާ އަކީ އަހްމަދު ތަސްމީން އަލީގެ މައްޗަށް އޮތް ގާނޫނީ ދަރަންޏެއް ނޫން ކަމަށް ތަސްމީން ވިދާޅުވެއްޖެ އެވެ.

ޑީއާރްޕީގެ ލީޑަރު އަދި ގައުމާއިގެން ކުރިއަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރަނިންމޭޓް ތަސްމީން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އޭނާ ނާޒިމްގެ ފަރާތުން ނެންގެވި ފައިސާގެ ތެރެއިން ނުދައްކަވާ އޮތް 1.9 މިލިއަން ރުފިޔާ މިއަދު ދެއްކެވި ނަމަވެސް އެއީ ގާނޫނީ ދަރަންޏެއް ނޫން ކަމަށާއި އެހެންކަމުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ އަދިވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ތަސްމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ ނާޒިމަށް 1.9 މިލިއަން ރުފިޔާ ދެއްކެވުމަށް ތަސްމީންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމަށް ތާއިދުކޮށް ހައިކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ މައްސަލަ އެވެ.

ތަސްމީންގެ ގާނޫނީ ވަކީލު ޝަހީމް އަހްމަދު ކުރިން ވިދާޅުވެފައި ވަނީ ހައިކޯޓުން އެ މައްސަލަ ނިންމާފައި އޮތްގޮތުން ހިތްހަމަނުޖެހޭ ނުކުތާއެއް އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ ހައިކޯޓުން މައްސަލައެއް ނިންމާތާ 90 ދުވަސް ހަމަވުމުގެ ކުރިން އެ މައްސަލައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނު އަސާސީން ލިބިގެންވާ ހައްގެއް ކަމަށާއި އެހެންކަމުން އެ ހައްގުގެ ބޭނުން ތަސްމީން ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ވަނީ ހައިކޯޓުން މައްސަލަ ނިންމިތާ 90 ދުވަސް ހަމަވުމުގެ ކުރިން ކަމަށެވެ.

ތަސްމީން މިއަދު ނެރުއްވިބަޔާންގައި ވިދާޅުވެފައި ވަނީ ނާޒިމަށް ފައިސާ އެއްފަހަރާ ދެއްކެވީ ކޯޓުން ކުރި ހުކުމްގެ ނާޖާއިޒް ފައިދާ ނަންގަވައި ގާނޫނީ ގޮތުންނާއި ސިޔާސީގޮތުން ނާޒިމް އޭނާ އަށް ފިއްތުންތައް ކުރިމަތިކުރުވަމުން ގެންދަވާތީ ކަމަށެވެ.

ނާޒިމާއި ދެ ބޭފުޅުންނަކީ މަދުރަސީ ދައުރުއްސުރެ ދެ ރަހްމަތްތެރިން ކަމަށް ވާތީ ފައިސާގެ އެ މުއާމަލާތް ކޮށްފައި ވަނީ ލިޔެކިޔުމަކާ ނުލައި ކަމަށް ވެސް ތަސްމީނު ނެރުއްވި ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ތަސްމީން ވިދާޅުވެފައި ވަނީ ނާޒިމްގެ ފަރާތުން ދަރަންޏަށް ފައިސާ ނަންގަވާފައި ވަނީ ސިޔާސީ މައިދާނުގައި އެކުގައި ކުރެވުނު މަސައްކަތުގެ ނަތީޖާގެ ތެރެއިން ދިމާވި އެކިއެކި މާލީ ދަތިތައް ފިލުވުމަށް ކަމަށެވެ. އަދި މިއަދު ދެ ބޭފުޅުންގެ ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް ނާޒިމް ނާޖާއިޒް ފައިދާއެއް ނަންގަވަމުންގެންދަވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

ތަސްމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ނާޒިމާ އެކު ކުރެވުނު މުއާމަލާތްތަކުގައި ކަން ހިނގައި ދިޔަ ގޮތަކީ އޭނާ އަށް ދުނިޔެވީގޮތުން ލިބިވަޑައިގެންނެވި އިބުރަތެއް ކަމަށެވެ.