03 Jul 2013, 13:29
ބަނގުރާ ގެންގުޅޭ އެތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތު ކުރާ ހަތަރު އަންހެނެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
އެ މައްސަލާގައި ދަޢުވާކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ ސ. ފޭދޫ، ފަށުވި، ފާތިމަތު ސަލްމާ،23، އާއި ހއ. ބާރަށް، ނޫރާނީގެ، ޢާއިޝަތު ރިފްނާ، 18، އާއި ނ. މަނަދޫ، ފިނޮޅު، އާމިނަތު ޝާއިރާ، 31، އަދި ކ. މާލެ، ދަފްތަރު މަރިޔަމް ސަނާ، 21،ގެ މައްޗަށެވެ.
އެ ހަތަރު މީހުންގެ ތެރޭ ހިމެނޭ އައިމިނަތު ޝާއިރާ އަކީ 2011 ވަނަ އަހަރުގެ މެއި މަހު ތުއްތު ކުއްޖަކު ކޯސްޓް ކިރު ހުސްކުރި މެދު ސައިޒުގެ ދަޅަކަށްލައި ވިލި މާލެ ވަލުތެރެ އަށް އެއްލާލާފައި އޮއްވައި ފެނުނު ތުއްތުކުއްޖާގެ މަންމަ އެވެ. އެ މައްސަލައިގައި ޝާއިރާގެ ގައިގައި 100 އެތި ފަހަރުން ހައްދު ޖެހުމަށް ފަހު ވަނީ އެއްހަރަށް ގޭބަންދު ކުރުމަށް ހުކުމް ވެސް ކޮށްފަ އެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެހަތަރު މީހުންގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ 2012 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 10:00 ހާއިރު މާލޭގެ ގެއެއްގެ ތެރޭގައި އެމީހުން ބަންގުރާ ގެންގުޅެ އެތަކެތީގެ ބޭނުންކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ.
އެމީހުންގެ އިތުރުން މާލޭ ގެއަކުން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާ ބިޔަރު ދަޅު ކޭސްތަކެއް ފެނިފައިވާ މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 25 ވަނަ ދުވަހު ވެސް ވަނީ ތިން މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީއަށް ފޮނުވާފަ އެވެ.
އެމީހުންގެ ތެރޭ ހިމެނެނީ ގއ. ދާންދޫ، ގިރިޓީގެ، މުހައްމަދު ސަލީމް 26، އާއި ގދ.ތިނަދޫ، އަލިވާގެ، އަހުމަދު ތަބައްސުމް މުޖުތަބާ 23، އަދި ކ.މާލެ، ގ.ފެހިމާ، ޢަލީ ޢަބްދުﷲ 25، އެވެ. އެ ތިން މީހުންގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ 2011 އޮކްޓޫބަރު ތިން ވަނަ ދުވަހުގެ 11:30 ހާއިރު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގ. ފެހިމާގޭގެ ފުރަތަމަ ފަންގިފިލާ އިން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާ ބިޔަރު ދަޅު ކޭސްތަކެއް ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.