03 Jul 2013, 13:25
ކުޅިވަރާއި މުނިފޫހިފިލުވުމުގެ ސިޔާސަތުގެ ދަށުން ހިންގާ ޕްރޮގްރާމްތަކަށް އެމްޑީޕީގެ ސަރުކާރެއްގައި 900 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެ ސިޔާސަތު ރަސްމީކޮށް އިފްތިތާހު ކުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ރާޅުގަނޑު ސަރަހައްދުގަ އެވެ.
އެ ސިޔާސަތާ ގުޅޭ ގޮތުން ނޫސްވެރީންނަށް މައުލޫމަތު ދެއްވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ޝިޔާމް ވިދާޅުވީ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުން އަބަދުވެސް ތިބެނީ ހާސްކަމެއްގެ ތެރޭގައި ކަމަށާއި އެ މީހުންނަކީ އަމިއްލަ މަސައްކަތުން ގަދަރުވެރި ބައެއްގެ ގޮތުގައި އުޅެވޭ ބައެއްގެ ގޮތުގައި އެމްޑީޕީގެ ސަރުކާރެއްގައި ހަމަޖައްސާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކުޅިވަރާއި މުނިފޫހި ފިލިވުމުގެ ދާއިރާގައި އެކަށީގެންވާ ފެސިލިޓީޒް ޒުވާނުންނަށް ނެތް ކަމަށާއި އޭގެ ސަބަބުން ބޭނުންވާ ގޮތަށް ޒުވާނުންނަށް އެ ދާއިރާ އިން ކުރިއަށްދެވެން ނެތްކަމަށެވެ.
ނޫސްވެރީންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ސިޔާސަތު ކޮމެޓީގެ މެންބަރު އަހްމަދު ޝާހިދު (ސާބެ) ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި ސްޕޯޓްސް އިންސްޓިޓިއުޓެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ 40 ރަށެއްގެ ބޯޅަދަނޑުގައި ކާޕެޓް އަޅައި ބާކީ ހުރި ރަށްރަށުގެ ވެލިގަނޑު އެއްވަރުކޮށް އަދި ބައެއް ރަށްރަށުގައި ފްޓްސަލް ކުޅޭ ދަނޑުތައް ހެދުމަކީ ވެސް އެމްޑީޕީގެ ސަރުކާރެއްގައި ކުރާނެ ކަންތައް ކަމަށެވެ.