03 Jul 2013, 13:13
ސިނގިރެޓް ޕެކު ހުޅުވާލުމުން، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ލިބޭ ގެއްލުންމާ ބެހޭ ގޮތުން ރެކޯޑުކޮށްފައިވާ އޯޑިއޯ ކުލިޕެއް އަޑު އިއްވާ ސިގިރެޓް ޕެކެއް އުފައްދައިފި އެވެ.
އިނގިރޭސިވިލާތުގެ ސްޓާލިންގް ޔުނިވާސިޓީގެ ރިސާޗަރުން އުފައްދާފައިވާ މިސިނގިރެޓް ޕެކުތައް ހުޅުވާލުމުން އަޑު އިއްވާ އޯޑިއޯތަކަކީ މިހާރު ވެސް ސިނގިރެޓް ޕެކްތަކުގެ ބޭރުގައި ލިޔެފައި ހުންނަ އިންޒާރުތަކުގައި ހުންނަ މެސެޖުގެ ރެކޯޑިންގެ ކެވެ.
މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެހީވެދޭ ހެލްޕުލައިނެއްގެ ނަމްބަރު ވެސް އޯޑިއޯގައި އިއްވަ އެވެ.
ސްޓާލިންގް ޔުނިވާސިޓީ އިން ބުނީ މިޕެކު މިހާތަނަށް 16 އަހަރާއި 24 އަހަރާ ދެމެދުގެ އުމުރުފުރާގައި ހިމެނޭ އަންހެނުންގެ މައްޗަށް އެކުލެވޭ ގުރޫޕެއް ބޭނުންކޮށްގެން ޓެސްޓްކޮށްފައިވާ ކަމަށާއި ޓެސްޓްތައް ކާމިޔާބު ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި 16 އަހަރުން މަތީގައި އަންހެނުންނާއި ފިރިހެނުންގެ މައްޗަށް ހިމެނޭ ގްރޫޕެއް ބޭނުންކޮށްގެން ޓެސްޓުކުރަން ނިންމާފައިވާ ކަމަށް އެޔުނިވާސިޓީ އިން ބުނެ އެވެ.
އާ ޕެކުތައް އުފެއްދި ޓީމުގެ މެމްބަރެއް ކަމަށްވާ ކުރޯފޯޑް މޫޑީ ބުނީ "ވާހަކަދައްކާ" ސިނގިރެޓް ޕެކުތަކަކީ ކުރިއަށް އޮތްތާގައި ހުރިހާ ދުންފަތުގެ ބާވަތްތަކެއް އުފައްދާ ފަރާތްތަކުން ބޭނުން ކުރާ ޕެކަކަށް ވެގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.