އަރަބިއްޔާ ސްކޫލުގެ ކުދިންގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކަށް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު ހެނދުނު އަރަބިއްޔާ ސުކޫލަށް ކުރެއްވި ޒިޔާރަތަށްފަހު އެ ސްކޫލްގެ ގޯތިތެރޭގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އަރަބިއްޔާ ސުކޫލަށް ބޭނުންވާ ބައެއްކަން ހަމަ ނުޖެހިފައިވާތީ ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް އެމަނިކުފާނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.


އެ ސްކޫލުގެ ހުރި ބައެއް ބައެއް ކަންތައްތަކަށް އިޝާރަތްކުރައްވައި ރައީސް ވިދާޅުވީ ސްކޫލުގެ ލައިބްރަރީ އާއި ލެބޯޓަރީގެ މަސައްކަތް ވެސް އަދި ހުރީ ނުނިމި ކަމަށެވެ. އޭގެ އިތުރުން ސުކޫލަށް ބޭނުންވާ ބައެއް ފަރުނީޗަރު ހޯދަން ޖެހިފައިވާއިރު ސްޓާފް ރޫމް ވެސް މިހާރަށް ވުރެ ރަނގަޅު ކުރަން ޖެހޭކަން ފާހަގަކުރެއްވި އެވެ.

"މިއަދު އަޅުގަނޑު މި ސްކޫލުގެ ޕީޓީއޭގެ ބޯޑުގެ ބައެއް މެންބަރުންނާއި ބައްދަލުކުރިން. އެ ބޭފުޅުން ކަން ބޮޑުވެ ވަޑައިގަންނަވާ ކިތަންމެ ކަންތައްތަކެއް އެބަހުރި. އެކަން ކުރިއަށް އޮތް މަސްދުވަސް ތެރޭގައި ހައްލުކޮށްދިނުމަށް އަޅުގަނޑާއި ތައުލީމާ ބެހޭ ވަޒީރު އެ ގޮތަށް މަގުސަދު ކަނޑައަޅާއިގެން މި ދަނީ. އެގޮތުން އަޅުގަނޑު އުއްމީދު ކުރަނީ ﷲ އިރާދަފުޅުން މަސްދުވަސް ތެރޭގައި މި ސުކޫލަށް ކޮށްދޭންހުރި ކަންކަން ކޮށްދެވޭނެ ކަމަށް،" ރައީސް ވަހީދު ވިދާޅުވި އެވެ.

އަރަބި، އިސްލާމީ ތައުލީމް " ވަރުގަދަ " ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އަރަބިއްޔާ ސުކޫލު މިހާރަށްވުރެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ރާއްޖެ ތޭރަގައި ވެސް އަރަބި އިސްލާމް ކިޔަވަދޭނެ ސުކޫލެއް ގާއިމުކުރުމަކީ އެމަނިކުފާނު އަމާޒެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަރަބި އިސްލާމީ ތައުލީމު ވަރުގަދަ ކަމަކީ ވަރަށް މުހިންމު ކަމެއް. އެ ގޮތުން މި [އަރަބިއްޔާ] ސުކޫލް މިހާރަށް ވުރެ ރަނގަޅުކުރަން ޖެހޭ. އަޅުގަނޑު އުއްމީދު ކުރަނީ ރާއްޖޭގައި ކޮންމެ ވެސް އެހެން ހިސާބެއްގައި ވެސް މި ފަދަ ސުކޫލެއް ނުވަތަ ދެ ސުކޫލެއް ގާއިމުކުރެވޭނެ ކަމަށް. އެއީ މި ތައުލީމަށް ބޭނުންވާ ވަރަށް ގިނަ ބެލެނިވެރިން އެބަތިބި. އެހެންވީމަ އެކަމަށް އިރާދަކުރެއްވިޔާ އަޅުގަނޑުމެން މަސައްކަތްކުރާނަން، " ރައީސް ވިދާޅުވި އެވެ.

އަރިބިއްޔާ ސުކޫލު ރަސްމީކޮން ހުޅުވުމަށް ހާއްސަ ރަސްމިޔާތެއް ކުރިއަށް އޮތް ގާތްގަނޑަކަށް ދޮޅުމަސް ދުވަސް ތެރޭގައި ބާއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.