ހޮޓެލް އިންޑަސްޓްރީ އަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފެއާ، "ހޮޓެލް އޭޝިޔާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2013" 150 ސްޓޯލާ އެކު މިއަދު ހުޅުވައިފި އެވެ.

މިއަދުން ފެށިގެން މިއަންނަ ހުކުރު ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްގެންދާ އެ ފެއާ މިއަދު ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު އެވެ.

އެޗެލެންޖް ފެށުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަހުމަދު ވިދާޅުވީ އެފަދަ އެގްޒެބިޝަންތަކަކީ އިގްތިސާދަކަށް ވަރަށް މުހިންމު އެގްޒެބިޝަންތަކެއް ކަމަށާއި އަދި އެފަދަ އެގްޒެބިޝަންތަކުގައި ފައިނޭންޝަލް ސެކްޓާ ބައިވެރިކުރުމަށް އެދޭ ކަމަށެވެ.

އެ އިވެންޓް އިންތިޒާމްކުރާ މޯލްޑިވްސް އެގްޒެބިޝަން އެންޑް ކޮންފަރެންސް ސާވިސް މޯލްޑިވްސް ޑިރެކްޓަރު މުހައްމަދު އަޖުމަލް ވިދާޅުވީ ފެއާގައި ރާއްޖޭގެ ކުންފުނިތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 37 ގައުމެއްގެ 90 ކުންފުންޏަކުން ބައިވެރިވާ ކަމަށެވެ. އަދި ޖުމުލަ 150 ސުޓޯލް އެޒެގްޒެބިޝަންގައި ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއެކްޒެބިޝަންގައި ހޮސްޕިޓާލިޓީ އިންޑަސްޓްރީ އަށް ސަޕްލައިކުރައްވާ ދުނިޔޭގެ މަޝްހޫރު ވަރަށް ގިނަ ކުންފުންޏަކުން ބައިވެރިވޭ." އަޒުމަލް ވިދާޅުވި އެވެ.

އެއެގްޒެބިޝަންގައި އެންމެ ގިނަ ބަޔެއްގެ މަގުބޫލްކަން ހޯދާ ޝެފުންގެ ހުނަރު ދައްކާލައި ކަލިނަރީ ޗެލެންޖުގައި މިފަހަރު ދުނިޔޭގެ އެކި ގައުމުތަކުން 400 ޝެފަކު ބައިވެރިވެފައިވެ އެވެ. މިދިޔަ އަހަރު ބައިވެރިވެފައި ވަނީ 200 ޝެފުން ނެވެ. އަދި ކަލިނަރީ ޗެލެންޖުގެ ވަނަ ތައް ހޮވުމަށް މިފަހަރު ވެސް ޖަޖުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ދުނިޔޭގެ ފެންވަރުގެ ފަސް ޖަޖުންނެވެ.

ހޮޓެލް އޭޝިއާ ފެއާ އަކީ ހޮސްޕިޓާލިޓީ އިންޑަސްޓްރީ އަށް އަމާޒުކޮށްގެން ބާއްވާ ފެއާއެކެވެ. މިއީ މިގޮތަށް ބޭއްވޭ 10 ވަނަ ފެއާ އެވެ. މިފަހަރުގެ ފެއާގައި ވެސް ދުނިޔޭގެ މަޝްހޫރު ބުރޭންޑްތައް ދައްކާލައި ސްޓޯލްތަކާއި ހޮޓެލް އިންޑަސްޓްރީ އާ ގުޅޭތަފާތު ކާބޯތަކެތި ދައްކާލާ ސްޓޯލްތައް ބަހައްޓަފައިވެ އެވެ.