ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ސިނާއީ މަސައްކަތްކުރާ ކ. ތިލަފުށީގައި ޕޮލިސްޓޭޝަނެއް ހުޅުވައިފި އެވެ.

މިދިޔަ ހޯމަ ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ތިލަފުށީ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒުއާއި ހޯމް މިނިސްޓްރީ ހިންގުން ވަގުތީގޮތުން ހަވާލުވެ ހުންނެވި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝަފީއު އެވެ.

އެ ރަސްމިއްޔާރުގައި ތިލަފުށީ ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު ކޮމިޝަނަރު ރިޔާޒު ދެއްކެވި ވާހަކަފުޅުގައި ތިލަފުށީގައި ސްޕެޝަލް ކޮންސްޓަބަލުންގެ 10 ފުލުހުންނާއެކު ފުލުހުންގެ ޚިދުމަތް ގާއިމުވެގެން ދިޔުމަކީ ރާއްޖޭގެ ބޮޑެތި އިންވެސްޓަރުންނަށް، ޚާއްސަކޮށް ތިލަފުށީގައި އިންވެސްޓްކޮށްގެން ވިޔަފާރިކުރަމުންދާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

އެގޮތުން ތިލަފުށީގައި މަސައްކަތްކުރަމުންދާ އަދި ދިރިއުޅެމުންދާ ފަރާތްތަކަށް ލިބިގެންދިޔަ ޚިދުމަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފައި ފުލުހުންނަށް އެއްބާލުންދީ ތިލަފުށީގައި ކުރަމުން ގެންދާ ގާނޫނާ ގަވާއިދާ ޚިލާފު ކަންކަން ހުއްޓުވުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ކޮމިޝަނަރު ގޮވާލެއްވިއެވެ.

ކޮމިޝަނަރު ވިދާޅުވީ ތިލަފުށީގައި ފުލުހުންގެ ޚިދުމަތް ފެށި ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ފެށުމާއެކު ތިލަފުށީގައި މަސައްކަތްކުރާ އަދި ދިރިއުޅެމުންދާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ރަށުތެރޭގައި ޓްރެފިކް މައްސަލަތައް ކުޑަކުރުމަށާއި އެހެނިހެން ކުށްތައް މަދުކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތަށް ހުރިހާ ފަރާތަކުންވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ތިލަފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން އެ ރައްޔިތަކު އުއްމީދުކުރާފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމާއި އެންމެ ރަނގަޅުގޮތުގައި ރައްޔިތުންނާ މުއާމަލާތްކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިތިބުމަށް ވެސް ކޮމިޝަނަރު ވަނީ ގޮވާލައްވާފަ އެވެ. އަދި ތިލަފުށީ ޕޮލިސް ސްޓޭޝަން ހުޅުވުމަށް ތިލަފުށީ ކޯޕަރޭޝަންގެ ފަރާތުން ފުލުހުންނަށް ދެއްވި ފުރިހަމަ އެއްބާރުލުން ފާހަގަކޮށް އެކަމަށްޓަކައި ޝުކުރުދެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓްރީ ހިންގުން ވަގުތީގޮތުން ހަވާލުވެ ހުންނެވި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝަފީއު ދެއްކެވި ވާހަކަފުޅުގައި ތިލަފުށީގައި ޕޮލިސްޓޭޝަނެއް ގާއިމް ކުރުމުގެ ސަބަބުން ތިލަފުށީގައި ހިންގަމުންދާ ބޮޑެތި ޣައިރުގާނޫނީ ކުށްތައް ހުއްޓުވުމަށާއި ތިލަފުށީގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދާ އަދި އުޅެމުންދާ ފަރާތްތައް ދެނެގަނެ އެކަންކަން ހުއްޓުވުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅެއްކަމަށްވާ އުމަރު ޒާހިރު އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު އާއި ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިލްހާމް އިދުރީސް އާއި އެ ކޯޕަރޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުﷲ ޝިނާން އާއި ފުލުހުންގެ އިސްވެރިންނާއި ތިލަފުށި ކޯޕަރޭޝަންގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.