ނިއުދިއްލީ (ޖުލައި 3): އިންޑިއާގެ އެތެރޭގެ ރީޓޭލް ވިޔަފާރިއާގުޅޭ ގޮތުން ބޮޑުވަޒީރު މަންމޯހަން ސިންގްގެ ސަރުކާރުން ޢަމަލުކުރަމުންދަނީ ގައުމުގެ މަސްލަޙަތަށް ބެލުމެއްނެތި ކަމަށް އިދިކޮޅު ބާހަރްތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ން ތުހުމަތުކޮށްފި އެވެ.

އިންޑިޔާގެ ޕާލަމެންޓްގެ ބީޖޭޕީ މެންބަރެއް ކަމަށްވާ މުރަލީ މަނޯހަރު ޖޯޝީ ވިދާޅުވީ، އިންޑިއާގެ ރީޓެއިލް ވިޔަފާރީގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުމަށް މަންމޯހަން ސިންގްގެ ސަރުކާރުން ފުރްސަތު ދީފައިވަނީ އެއްވެސް ހައްދެއްނެތި އަދި އިންޑިޔާގެ ވިޔަފާރިވެރިންނަށް ގެއްލުންވާ މިންވަރަކަށް ކަމަށާ މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގަ އެވެ.

ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޖޯޝީ ވިދާޅުވީ ބޭރުގެ އިންވެސްޓަރުންނަށް ރީޓެއިލް ވިޔަފާރީގެ 45 އިންސައްތަ ހުޅުވާލާ ގޮތަށް މިކަމާ ބެހޭ ޤާނޫނު ފާސްކޮށްފައިވީ ނަމަވެސް ބޭރުގެ ފަރާތްތަކުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ވިޔަފާރިތައް އިންޑިޔާގައި ގިނަވެ މުޅި ރީޓޭލް ވިޔަފާރީގައި ބޭރުގެ އިންވެސްޓަރުންގެ ނުފޫޒު ގަދަވަމުންދާ އިރު ސަރުކާރުން މިކަމާ އަޅާނުލާކަމުގަ އެވެ. އިންޑިޔާގެ ރީޓެއިލް ވިޔަފާރީގެ ބާޒާރު ބޭރުގެ ފަރާތްތަކަށް ހައްދެއްނެތި ހުޅުވާލުމަކީ އިންޑިއާގެ ޕްރައިވެޓް ސެކިއުރިޓީ އޭޖެންސީތަކާ ބެހޭ ޤާނޫނާ ޚިލާފުކަމެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ރީޓެއިލް ވިޔަފާރީގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުމުގެ ހުއްދަ، އެގައުމުގެ ސަރުކާރުން ދިނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންޑިޔާގެ ޕާލަމެންޓްގައި ހިނގި ވަރުގަދަ ބަހުސްތަކަކަށް ފަހުގަ އެވެ. ބޭރުގެ އިންވެސްޓަރުންނަށް އިންޑިޔާގެ ރީޓޭލް ބާޒާރުން ޖާގަދިނުމަށް ނިންމީ އިންޑިއާގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅިގެން އިންޑިޔާގައި އިންވެސްޓް ކުރުމަށް ބޭރުގެ އިންވެސްޓަރުން އަންނަ މިންވަރު ދަށަށްދާތީ އިންވެސްޓަރުންނަށް ހިއްވަރުދީ އިންޑިއާގެ ކްރެޑިޓް ރޭޓިންގްސް ދަށަށް ދިޔަ ނުދީ ހިފެހެއްޓުމުގެ ގޮތުން ކަމަށް މިކަމާ ބެހޭ ގޮތުން ޕާލަމެންޓުން ފާސްކުރި ބިލަށް ތާއީދުކުރަމުން ސަރުކާރަށް ތާއީދުކުރާ މެންބަރުން ބުނެފައިވެ އެވެ.
އިންޑިއާގެ ރީޓެއިލް ވިޔަފާރި ބޭރުގެ ބޮޑެތި ކުންފުނިތަކަށް ހުޅުވާލައި ރީޓޭލް ވިޔަފާރީގައި 45 އިންސައްތަ ހިއްސާ ބޭރުގެ ފަރާތްތަކަށް ވެވޭ ގޮތަށް މިޤާނޫނުގެ ދަށުން ސަރުކާރުން ހުއްދަ ދީފައިވާ އިރު، އިންޑިއާގެ ރީޓޭލް ވިޔަފާރީގެ ތެރެއަށް ވަންނަމުންދާ ބޭރުގެ ބޮޑެތި ކުންފުނިތަކުން އިންޑިއާގެ ކުދި ކުންފުނިތައް އެކަހެރިކޮށްލައި އިންޑިޔާގެ ކުދިވިޔަފާރިވެރިންނަށާއި ކުދި ކުންފުނިތަކަށް ހުރި ފުރުސަތުތަކަށް ހުރަސްއަޅަމުންދާކަމުގެ ޝަކުވާތައް މިހާރުދަނީ ފެންމަތިވަމުންނެވެ.

ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިޞާދުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާގެ އިޤްތިސާދު ބޭރުގެ އިންވެސްޓްމަންޓްތަކާ ނުލައި ކުރިއެރުވުމަކީކުރެވޭނެ ކަމެއްނޫންކަމަށް އުސޫލެއްގެ ގޮތުން އެންމެން ވެސް ގަބޫލުކުރެ އެވެ. އަދި މިއީ އިންޑިޔާގެ ޒުވާނުންނަށް ވަޒީފާގެ ފުރްސަތު އިތުރުވާ ކަމެއްކަމަށް ވެސް ވަނީ ބެލެވިފަ އެވެ. ނަމަވެސް މިކަންކުރަންޖެހޭނީ އިންޑިޔާގެ ރައްޔިތުންނާއި ގައުމުގެ ވިޔަފާރިވެރިންނަށް ފުރުސަތު ނުގެއްލޭނެ ގޮތަށް އަދި ގައުމީ މަސްލަޙަތު ޙިމާޔަތް ކުރެވޭނެ ގޮތެއްގެ މަތިން ގައުމަށް އެންމެ ފައިދާހުރި ގޮތެއްގައި ކަމަށާއި މިކަންކަމާބެހޭ ގޮތުން ކަންބޮޑުވުން ހާމަކޮށް ބޮޑުވަޒީރު މަންމޯހަން ސިޓީއެއް ފޮނުވާފައިވާނެ ކަމަށް އިދިކޮޅު ބީޖޭޕީ ން ވަނީ ބުނެފަ އެވެ. (ނޫސްއެޖެންސީތައް)