ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ދައްކަވަން ޖެހޭ 1.9 މިލިއަން ރުފިޔާ މިއަދު ކޯޓަށް ދައްކަވައިފި އެވެ.

ތަސްމީން ނާޒިމަށް ދައްކަވަން ޖެހޭ އެ ފައިސާއަކީ އޭނާ ނާޒިމް އަތްޕުޅުން ފަހުން ދައްކަވާ ގޮތަށް ނަންގަވާފައިވާ 2.55 މިލިޔަން ރުފިޔާގެ ތެރެއިން ތަސްމީން ނުދައްކަވައި އޮތް 1.9 މިލިއަން ރުފިޔާ އެވެ. އެ ފައިސާ ތަސްމީން ދައްކަވާފައި މި ވަނީ އެ ފައިސާ ނުދައްކަވައިގެން ނާޒިމްގެ ފަރާތްޕުޅުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.

ސިވިލް ކޯޓުގެ އޮފިޝަލަކު މިއަދު ސަންއަށް މައުލޫމާތުު ދެއްވަމުން ވިދާޅުވި ގޮތުގައި އެ މައްސަލާގައި ތަސްމީން ކޯޓަށް ދައްކަވަން ޖެހޭ ފައިސާ އެއްކޮށް މިއަދު ކޯޓަށް ދެއްކެވުމާ ގުޅިގެން ފައިސާ ނުދައްކަވައިގެން އެޅުމަށް ނިންމާފައިވާ ވިޔަވަޅުތައް ނޭޅުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ތަސްމީންގެ އެންމެހާ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމާއި ޕާސްޕޯޓް ހިފަހައްޓުން، ފައިސާ ދެއްކެވުމާ އެކު ދޫވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަސްމީނާ ހަވާލާދެއްވައި ޑީއާރުޕީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެކަމާ ގުޅޭ ޕްރެސް ރިލީޒެއް މިއަދުގެ ވަގުތެއްގައި ތަސްމީންގެ ފަރާތްފުޅުން ނެރުއްވާނެ ކަމަށެވެ.

ރައީސް މުހައްމަދު ވަހީދުގެ ރަނިންގްމޭޓެއްގެ ގޮތުގައި އަންނަ ރިޔާސީ އިންތިހާބްގައި ނުކުމެވަޑައިގެންނަވާނެ ކަމަށް މިހާރު އިޢުލާންކުރައްވާފައިވާ ތަސްމީން އެ ފައިސާތައް މިއަދު ކޯޓަށް ދައްކަވާފައިވާ އިރު ރައްޔިތުންގެ މަޖިލީހުގައި ތަސްމީން ތަމްސީލު ކުރައްވާ ކެންދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ) ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ.