ޤާހިރާ (ޖުލައި 3): ވެރިކަމުގެ ރިޔާސީ ދައުރު ނިމެންދެން ވެރިކަމުގައި ދެމިހުންނަވާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ކިތަންމެ ފިއްތުންތަކެއް ކުރިމަތި ކުރިނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވައި ސާބިތުކަންމަތީގައި ހުންނަވާނެ ކަމަށް މިސްރުގެ ރައީސް ޑރ. މުހައްމަދު މުރުސީ ވިދާޅުވެއްޖެ އެވެ.

މުރުސީގެ ވެރިކަން ވައްޓާލުމަށް ޓަކައި އޭނާގެ އިސްތިއުފާއަށް ގޮވައި އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ ސިލްސިލާ އިޙްތިޖާޖްތަކަށް ރައްދުދެއްވައި ރައްޔިތުންނާ މުޚާތަބުކުރައްވައި ރޭ ދެއްވި ޚާއްސަ ޚިތާބެއްގައި ރައީސް މުރުސީ ވިދާޅުވީ އޭނާގެ ވެރިކަމަކީ ޝަރުޢީ ވެރިކަމެއް ކަމަށާ އޭނާއަކީ މިސްރުގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިސްރުގައި އެންމެ ފުރަތަމަ ބޭއްވި މިނިވަން ރިޔާސީ އިންތިޚާބުން ރައްޔިތުންގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން އިންތިޚާބުކޮށްފައިވާ ވެރިއެއް ކަމުގަ އެވެ. އެހެންކަމުން ޝަރުޢީ ވެރިކަން ދޫކޮށްލައި އިދިކޮޅުފަރާތްތަކުގެ އެދުމާ އެއްގޮތަށް އިސްތިއުފާ ނުދެއްވާނެ ކަމަށާ އަދި މިސްރުގެ ސިފައިން ދިން 48 ގަޑީއިރު މުހުލަތަށް ވެސް ދެކޮޅު ހައްދަވާކަމަށް މުރުސީ ވަރަށް ސާބިތުކަމާއެކު ވިދާޅުވި އެވެ.

މިސްރުގެ ސިފައިންވަނީ މުރުސީގެ އިސްތިއުފާއަށް ގޮވާލައި ހިންގަމުންދާ ސިޔާސީ ކޯޅުންތައް ހައްލުކުރުމަށް 48 ގަޑީއިރުގެ މުހުލަތެއް ސިޔާސީ ފަރާތްތަކަށްދީފަ އެވެ. މިމުހުލަތުގައި މިކަން ޙައްލުނުކޮށްފި ނަމަ މިސްރުގެ މުސްތަގްބަލާ ބެހޭ އައު ޗާޓެއް ހުށަހަޅާނެ ކަމަށްބުނެ ސިފައިން ނެރުނު ބަޔާނެއް މުރުސީއަށް ބިރު ދައްކާފައިވެ އެވެ. ރައީސް މުރުސީގެ ސަރުކާރުން ވަނީ މުރުސީއަކީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ސިފައިންގެ އެންމެ އިސް ވެރިޔާ ކަމަށްވާއިރު އޭނާގެ ރުހުމެއްނެތި މިފަދަ ބަޔާނެއް ސިފައިނަށް ނުނެރެވޭނެ ކަމަށާއި ސިފައިންގެ މިބަޔާނާ މެދު ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުންވަނީ މިބަޔާނަށް މަރުޙަބާ ކިޔާފައެވެ. ރައީސް މުރުސީގެ ޚިތާބަށްފަހު ޤާހިރާ ޔުނިވަރސިޓީގައި ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފަ އެވެ. މިކުރިމަތިލުންތަކުގައި 16 މީހަކު މަރުވެ 200 އަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާ ކަމަށް ޚަބަރުލިބެ އެވެ. އަނެއްކޮޅުން މިސްރަށް ވެރިކަމަށް އިންތިޤާލީ މަރްޙަލާއެއް ގެންނަން ޖެހޭކަމަށް ބުނެ މިކަމާބެހޭ ގޮތުން ސިފައިންގެ މުއައްސަސާއާ ވާހަކަ ދެއްކުމަށް މަސައްކަތް ކުރާކަން އިދިކޮޅު ފަރާތްތަކުން އިއްޔެވަނީ ހާމަކޮށްފަ އެވެ.

މިސްރުގެ ރައީސް ޑރ. މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް މުޒާހަރާ ކުރަމުންގެންދާ އިދިކޮޅު ކޯލިޝަން ކަމަށްވާ ނެޝަނަލް ސަލްވޭޝަން ފްރަންޓާއި "30 ޖޫން ފްރަންޓް" އިން ބުނީ މިސްރުގައި ވެރިކަމުގެ އިންތިޤާލީ މަރްޙަލާއެއް ޤާއިމް ކުރުމާބެހޭ ގޮތުން ސިފައިންނާ ވާހަކަ ދެއްކުމަށް އިދިކޮޅު ލީޑަރެއް ކަމަށްވާ ޑރ. މުޙައްމަދުލްބަރާދްޢީ އިޚްތިޔާރު ކޮށްފައިވާނެ ކަމުގައެވެ. އަލްބަރާދްޢީ އަކީ މުރުސީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދަސްތޫރު ޕާޓީގެ ރައީސެވެ.މުރުސީގެ ވެރިކަން ވައްޓާލުމަށްޓަކައި އިދިކޮޅުފަރާތްތަކާއި ސިފައިން ގުޅިގެން މަސައްކަތް ކުރާކަމަށް މުރުސީއަށް ތާއީދުކުރާ ފަރާތްތަކުން މިހާރުވަނީ ތުހުމަތުކުރަން ފަށާފަ އެވެ.

އަނެއްކޮޅުން އިދިކޮޅު ފަރާތްތަކުން ވަނީ މުރުސީ ހައްޔަރު ކުރުމަށް މިސްރު ސިފައިންގެ ތެރޭގައި ހިމެނޭ އެންމެ ބާރުގަދަ ލަޝްކަރު ކަމަށްވާ ޖުމްހޫރީ ގާޑުންނަށް ގޮވާލާފަ އެވެ. (ނޫސްއެޖެންސީތައް)