ޔުނިވާސަލް އެންޓަޕްރައިސަސްގެ ހޮޓެލް ބްރޭންޑް ޕާއެކުމް ބްރޭންޑްގެ 50 ޕަސެންޓް ހިއްސާ ތައިލެންޑްގެ މައިނާ ހޮޓެލް ގްރޫޕް (އެމްއެޗްޖީ)ން ގަނެފި އެވެ.

ތައިލެންޑްގެ "ދަ ނެޝަނަލް" ނޫޙުގައި ބުނެފައި ވަނީ ޔުނިވާސަލްގެ ލަގްޒަރީ ބުޓިކް ހޮޓެލް ބްރޭންޑްގެ 50 ހިއްސާ ގަތުމަށް ފަހު ހަތަރު މިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ދެ ފަރާތް ގުޅިގެން ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ފަސް ޕްރޮޕަޓީއަކަށް އިންވެސްޓްކުރަން ނިންމާފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

ޓޫރިޒަމް ދާއިރާގައި ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި، ޔުނިވާސަލްގެ ޕާއެކުމް ބްރޭންޑްގެ ތިން ރިސޯޓެއް މިހާރު ވެސް ހިންގަ އެވެ. އެއީ ޕާއެކުމް ހުވަފެންފުއްޓާއި ޕާއެކުމް ނިޔާމަ އެވެ. އަދި އެ ބްރޭންޑްގެ ރިސޯޓެއް ޑުބާއީގައި ވެސް ހުރެ އެވެ.

ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެފައި ވަނީ މައިނާ ގްރޫޕް ފަދަ ބަޔަކާއެކު ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާ ކުރައްވާ ކަމަށެވެ.

"މައިނާ ހޮޓެލް ގްރޫޕަކީ އަޅުގަނޑުމެން ދަންނަ ނަމެއް އަދި އެއީ އިތުބާރު ލިބިފައިވާ ކުންފުންޏެއް. އަދި އަލަށް ގާއިމުކުރި ޕާޓްނަޝިޕާއެކު ޕާއެކުމް ފުޅާކުރުމަށް ވަރަށް އަވަހަށް މަސައްކަތް ފަށާނަން،" އެމްޔޫ މަނިކު ވިދާޅުވެފައިވެ އެވެ.

ދަ ނޭޝަން ނޫހުގައި ބުނެފައި ވަނީ މައިނާ އިން ޕާއެކުމްގައި އިންވެސްޓްކުރުމުން އެ ކުންފުނީގެ ޕްރޮޕަޓީސްގެ އަދަދު 91 އަރާ ކަމަށެވެ. އެގޮތުން އިންޑިއާ ކަނޑުގަ އާއި މެދުއިރުމަތި އަދި އެފްރިކާގައި ވެސް މައިނާ އިން އިންވެސްޓްކޮށްފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

މައިނާ އިންޓަނޭޝަނަލް އިން ރާއްޖޭގައި ވެސް ހަތަރު ރިސޯޓެއް ހިންގަ އެވެ. އަނަންތަރާ ކިހަވަށްވިލާ އާއި އަނަންތަރާ ވެލި ރިސޯޓް އެންޑް ސްޕާ އާއި އަނަންތަރާ ދިގު ރިސޯޓް އެންޑް ސްޕާ އަދި ނަލަދޫ މޯލްޑިވްސް އަކީ އެ ކުންފުނިން ހިންގާ ރިސޯޓްތަކެކެވެ.

"އަޅުގަނޑުމެން ވަރަށް އުފަލާއެކު ބުނަން ބޭނުން ވަނީ އެންމެފަހުން ކުންފުންޏަށް އިތުރުކުރި ނަމާއެކު އިންޑިއާ ކަނޑާއި މެދުއިރުމަތި އަދި އެފްރިކާއާ ހަމަޔަށް މިވަނީ ފެތުރިފައި. ޕާއެކުމް އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލް ބްރޭންޑް ނަމެއް. އެއާއެކު އަޅުގަނޑުމެން ގުޅިގެން އިންވެސްޓްކުރާނަން،" އެ ކުންފުނީގެ ސީއީއޯ ދިލިޕް ރަޖަކަރިއާ ވިދާޅުވި އެވެ.