03 Jul 2013, 10:58
ރައީސް އޮފީހުގެ ހިއުމަންރައިޓްސް އެމްބެސެޑަރުގެ މަގާމުގައި ހުންނެވި އަހުމަދު އިބްރާހިމް ދީދީ ( ސަންދާނު އަހަންމައިދީ) އިއްޔެ އިސްތިއުފާދެއްވައިފި އެވެ.
ސަންއާ ވާހަކަދައްކަވަމުން އަހަންމައިދީ މިއަދު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރާ މެދު އެއްވެސް ހިތްހަމަނުޖެހުމެއް އޮވެގެން ނޫން ކަމަށެވެ.
"އަޅުގަނޑު އިއްޔެ މަގާމުން އިސްތިއުފާ ދީފިން. އެއީ އަޅުގަނޑު މިހާރު އުފައްދާފައިވާ މަދަނީ ޖަމިއްޔާ ޑިމޮކްރަސީ ލެބް ހިންގުމުގައި ރަނގަޅަށް ހަރަކާތްތެރި ވެވޭނީ އެ މަގާމުން އިސްތިއުފާދީގެން ކަމަށް ފެންނާތީ،" އަހަންމައިދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރު ހިނގަމުންދަނީ މިހާރު ގައުމަށް އެންމެ ފައިދާހުރި ގޮތަށް ކަމަށާ އެހެންވީމާ ސަރުކާރާ މެދު އެއްވެސް ހިތްހަނުޖެހުމެއް ނެތް ކަމަށެވެ. އަންނަ ރިޔާސީ އިންތިހާބުގައި އެއްވެސް ބޭފުޅަކަށް ތާއީދު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނަންތޯ ދެންނެވުމުން އަހަންމައިދީ ވިދާޅުވީ "މިކަމާ ގުޅުވައިގެން އެކަމަށް ކޮމެންޓެއް ކުރަން ބޭނުން ނުވާ" ކަމަށެވެ.
ޑިމޮކްރަސީ ލެބް އިފްތިތާހު ކުރެއްވުމަށް އިއްޔެ ރޭ ބޭއްވި ހަފުލާގައި އަހަންމައިދީ ވަނީ މަގާމުން އިސްތިއުފާދެއްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.
ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ސިޔާސީ މަގާމަކަށް އަހަންމައިދީ ވަޑައިގެންނެވިއިރު، އޭނާ ހުންނެވީ ގައުމީ ޕާޓީގަ އެވެ. އަދި ފަހުން ގައުމީ އިއްތިހާދަށް ވެސް ސޮއި ކުރެއްވި އެވެ. އަހަންމައިދީ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ޖަލުގައި އަނިޔާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް ހިންގެވި ސިލްސިލާ ހަރާކާތުގެ ސަބަބުން އަހަންމައިދީއަށް އޭރު ކުރިމަތިވި ކަންތަތަކާ ގުޅިގެން ބައިނަލް އަގުވާމީ ފަރާތަތަކުގެ ސަމާލުކަން އޭނާ ވަނީ ހޯދާފަ އެވެ. އެގޮތުން އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ އަހަންމައިދީއަކީ "ޒަމީރުގެ ގައިދީއެއް" ކަމަށް ބަލައިގެންފަ އެވެ.
އަހަންމައިދީ ވިދާޅުވީ ސިޔާސީ ކަންކަމުގައި ޖެހި ގައުމު ވަނީ ހަލާކުވެފައިވާ ކަމަށާއި އެކަން ހައްލު ކުރެވޭނީ މަދަނީ ޖަމިއްޔާތަކުގެ އެހީގައި ކަމަށެވެ. "މިއަދު އަޅުގަނޑުމެނަށް މި ފެންނަނީ ބާލާލި ކޮންމެ ދިމާލަކުން ސިޔާސީ މީހުން ސިޔާސީ އުކުޅުތަކަށް ކަންކަން ކުރައްވަމުން ރާވަވަމުން ދާތަން. އަޅުގަނޑު ނުބުނާނަން ދޮގު ހަދަނިއޭކޭ. އެހެން ނަމަވެސް ހުވަފެން ދައްކަމުން ހުވަފެން ތަކުގެ ތެރޭގައި ގައުމު ބިކަވެ ގަރީބުވާތަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަން ހައްލު ކުރެވެން އޮތީ މަދަނީ ޖަމިއްޔާތަކުގެ އެހީގައި،"
ގާނޫނީ ވަކީލް އަބްދުﷲ ސައީދާއެކު އުފެއްދެވި ޑިމޮކުރަސީ ކުލަބުގެ މަގުސަދުގެ ތެރޭގައި ރާއްޖޭގެ ޝަރުއީ ނިޒާމް ފުރިހަމަ ކުރުމަށް މަސަކަތް ކުރުމާއި އިންސާނީ ހައްގުތަކާމެދު މީހުން އަހުލުވެރިކުރުމުގެ އިތުރުން ޑިމޮކުރަސީއަށް މީހުން އަހްލުވެރިކުރުން ހިމެނޭ ކަމަށް ސަންދާން ވިދާޅުވި އެވެ.