ތިރީސް ތިން ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗް ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުން ކާމިޔާބު ކޮށް ފައިނަލުގެ ފުރަތަމަ ޖާގަ އެޓީމުން ކަށަވަރު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗް ޓީރެކްސް އިން ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ރެޑްލައިން ކުލަބާއި ވާދަކޮށް 85 ޕޮއިންޓު 73 ޕޮއިންޓުންނެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސްގެ ނައިޖީރިޔާ ކުޅުންތެރިޔާ އެކަސޮމީ އެވެ.

މުބާރާތުގައި މިރޭ 8:30 ގައި ކުޅުމަށް ހަމަޖެހިފައިވާ ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ދިވެހި ސިފައިންގެ ކުލަބާއި ހަރިކޭން ބީސީ އެވެ. އަދި މާދަމާރޭ ކުޅޭ ތިންވަނަ މެޗުގައި ބައްދަލުކުރާނީ މިރޭގެ މެޗުން މޮޅުވާޓީމަކާއި ރޭގެ މެޗުން ބަލިވި ރެޑްލައިން ކުލަބެވެ. މެޗް ފަށާނީ 8:30 ގައެވެ.

މުބާރާތުގެ ފައިނަލް މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30ގައި ޓީރެކްސްއާއި ދެކޮޅަށް ނިކުންނާނީ މުބާރާތުގެ ތިން ވަނަ މެޗުން މޮޅުވާ ޓީމެކެވެ.