މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކޯލޯ ޓޫރޭ، ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ސޮއިކޮށްފި އެވެ.

އުމުރުން 32 އަހަރުގެ އައިވަރީ ކޯސްޓް ޑިފެންޑަރު ލިވަޕޫލަށް ސޮއިކޮށްފައިވަނީ، ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު، މި މަހުގެ އެއްވަނަ ދުވަހު، ހަމަވުމުން ނެވެ.

އާސެނަލްއިން 2009 ވަނަ އަހަރު 14 މިލިޔަން ޕައުންޑަށް ސިޓީއަށް ބަދަލުވި ޓޫރޭ ވަނީ، ސިޓީއަށް 102 މެޗު ކުޅެދީފަ އެވެ. އަދި 2012 ވަނަ އަހަރު ސިޓީއަށް ޕްރިމިއާ ލީގު ހޯދައިދިނުމުގައި، ޓޫރޭ ވަނީ ވަރަށް މުހިއްމު ރޯލެއް އެ ޓީމްގައި އަދާކޮށްފަ އެވެ.

ހުސްވި ސީޒަންގައި ސިޓީއަށް އެންމެ 12 މެޗު ކުޅުމުގެ ފުރުސަތު ޓޫރޭއަށް ލިބިފައިވާ އިރު، ނިމި ދިޔަ ޗެމްޕިއަންސް ލީގުގަށް ނެގި ސިޓީގެ ސްކޮޑުން ޓޫރޭއަށް ޖާގަ ދީފައެއް ނުވެއެވެ. އެހެން ނަމަވެސް ލިވަޕޫލްގެ ޑިފެންޑަރު ޖިމީ ކެރެއިގާ ރިޓަޔާ ކޮށްފައި ވުމާއި އަދި ލިވަޕޫލްގެ ސޮލޮވާކިއަން ޑިފެންޑަރު މާޓީން ސްކާޓެލް ޓީމުގައި މަޑުކުރާނެ ކަން ކަށަވަރު ނުވާތީ، ލިވަޕޫލުން ޓޫރޭއަށް މުހިއްމު ދައުރެއް އަދާކުރެވޭނޭ ކަމަށް ލަފާ ކުރެވެ އެވެ.

"މިއީ އަހަންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް. ފުރަތަމަ ކަމަކަށް، އަހަރެން މިގުޅުނީ އިންގްލެންޑްގެ އެންމެ ބޮޑު އެއް ކުލަބާ،" ލިވަޕޫލްގެ ވެބްސައިޓުގައި ޓޫރޭއާ ހަވާލާދީ ލިޔެފައި ވެއެވެ. "ސިޓީ ދޫކޮށް އެހެން ކްލަބަކާ ގުޅޭއިރު އަހަރެން އެްނމެ ބޮޑު ސަމާލުކަމެއް ދިނީ އިންގްލެންޑްގައި މަޑުކުރަން. ސަބަބަކީ އެއީ އެންމެ ރަނގަޅު ލީގެއް އޮންނަ ތަނަކީ... އަހަރެން ލިވަޕޫލް އިހްތިޔާރު ކުރީ، އެއީ ބޮޑު ކްލަބަކަށް ވެފައި، ރަނގަޅު ތާރީޚެއް އޮތް އަދި ޓީމުގެ ރޫހާއި ސަޕޯޓަރުންގެ ލޯބި އޮތް ކްލަބަކަށް ވާތީ"

ޓޫރޭ އާސެނަލްގައި ހޭދަކުރި ހަތް ސީޒަންގައި އޭނާ ވަނީ، އެފްއޭ ކަޕް ދެފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، 2003-04 ސީޒަންގައި އެއްވެސް މެޗަކުން ބަލިނުވެ، އާސެނަލް ޕްރިމިއާ ލީގު އުފުލާލި ސްކޮޑްގައި ހިމެނިފަ އެވެ.

ޓޫރޭއަކީ މިސީޒަންގައި ލިވަޕޫލަށް ސޮއިކުރި ހަތަރުވަނަ ކުޅުންތެރިޔާ އެވެ. އޭނާގެ އިތުރުން މި ސީޒަންގައި އެންފީލްޑަށް ގެނެސްފައި ވަނީ، ދެ ފޯވަޑުން ކަމަށްވާ ލުއިސް އަލްބާޓޯއާއި، ލާގޯ އަސްޕާސް އަދި ގޯލްކީޕަރު ސިމޯން މިގްނޮލެޓް އެވެ.