03 Jul 2013, 10:13
ރާއްޖޭގައި ބްރޯޑްކާސްޓުކުރުމަށް ޖަޕާނުން ގެންގުޅޭ އީންޓެގްރޭޓެޑް ސާވިސަސް ޑިޖިޓަލް ބްރޯޑްކާސްޓިން (އައިއެސްޑީބީ-ޓީ) ޓެކްނޮލޮޖީ ބޭނުންކުރަން ކައިރި މުސްތަގުބަލެއްގައި ފެށޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖަޕާނުގެ މިނިސްޓާ އޮފް އިންޓާނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަން ޔޮޝީޓަކާ ޝިންޑޯ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން މިރޭ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލޯންޖުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޖަޕާނުގެ ކޮމިއުނިކޭޝަން މިނިސްޓާ ޝިންޑޯއާ އެކު ރާއްޖޭގައި އައިއެސްޑީބީ-ޓީ ބޭނުންކޮށްގެން ގައުމީ ބްރޯޑްކާސްޓް ނެޓްވޯކެއް ގާއިމުކުރުމުގެ މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ.
އައިއެސްޑީބީ-ޓީ އަކީ ޖަޕާނުގައި ޓީވީ އާއި ރޭޑިއޯގެ ހިދުމަތްތައް ދިނުމަށް ބޭނުންކުރަމުން އަންނަ ޑިޖިޓަލް ނިޒާމެވެ. ޖަޕާނުން އެނަލޮގު ނިޒާމުން ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރި އިރު، އެގައުމުގެ އިންޖިނިއަރުން ފަރުމާކޮށްފައިވާ އައިއެސްޑީބީ-ޓީ ޓެކްނޮލޮޖީއަކީ އެނެޓްވޯކެއް މެދުވެރިކޮށް ރޭޑިއޯ އަދި ޓީވީގެ ސިގްނަލް ބޮޑު ސަރަހައްދެއްގައި ފަސޭހައި ފޯރުކޮށްދެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓެކްނޮލޮޖީ އެކެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ މިޓެކްނޮލޮޖީއަކީ މިހާރުވެސް ރާއްޖޭގެ ބައެއް ބްރޯޑްކާސްޓަރުން ބޭނުންކުރަމުން އަންނަ ނިޒާމެއް ކަމަށާއި، ބޭނުމަކީ ކުރިއަށް އޮތްތާގައި ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުން ބޭނުންކުރާ ނިޒާމު އައިއެސްޑީބީ-ޓީއަށް ބަދަލުކުރުން ކަމަށެވެ.
"އައިއެސްޑީބީ-ޓީ ޓެކްނޮލޮޖީއަކީ މިކަން [ބްރޯޑްކާސްޓިންގް] އެންމެ ފަސޭހައި ކުރެވޭ އެއް ނިޒާމު. އަޅުގަނޑުމެން ޖަޕާނާއެކު މަޝްވަރާ ކުރީ އައިއެސްޑިބީ-ޓީ ކުރުމަށްޓަކައި ބޭނުންވާނެ އެހީތެރިކަން ހޯދުމަށް. މިގޮތުން ފަންނީ އެހީގެ ގޮތުގައި މީހުން ތަމްރީންކުރުން ކަހަލަށް ކަންކަމާ މެދު މަޝްވަރާކުރީ،" އަމީން ވިދާޅުވި އެވެ.
ޖަޕާނުގެ ކޮމިއުނިކޭޝަން މިނިސްޓާ ޝިންޑޯ ވިދާޅުވީ ރާއްޖެއިން އައިއެސްޑީބީ-ޓީ ޓެކްނޮލޮޖީގައި ގައުމީ ވިއުގައެއް ގާއިމުކުރުމަށް މަސައްކަތްކުރުމަކީ ޖަޕާނުން ފާހަގަކުރާ ކަމެއް ކަމަށާއި އައިއެސްޑީބީ-ޓީއަށް ބަދަލުކުރުމަށް ރާއްޖޭގެ ތަރައްގީއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.
"އައިއެސްޑީބީ-ޓީ އަކީ މޮޅު ޓެކްނޮލޮޖީއެއް. އެއް ވިއުގައަކުން ރޭޑިއޯ އަދި ޓީވީގެ ހިދުމަތް ދެވޭއިރު، މިވިއުގަ ބޭނުންކޮށްގެން އެހެނިހެން މަސައްކަތްތައް ވެސް ކުރެވިދާނެ. މިސާލަކަށް ބުނާ ނަމަ، ކުއްލި ހާލަތުތަކުގައި އަދި ކާރިސާތަކުގައި އިންޒާރާއި އިރުޝާދު ދިނުމަށް ނުވަތަ ޓެލެމެޑިސިންގެ ހިދުމަތް ދިނުމަށް މިޓެކްނޮލޮޖީ ބޭނުން ކުރެވިދާނެ،" ޝިންޑޯ ވިދާޅުވި އެވެ.
ޖަޕާނުގެ ކޮމިއުނިކޭޝަން މިނިސްޓާ ރާއްޖެއަށް ކުރެއްވި މިދަތުރަކީ ރާއްޖޭގެ ކޮމިއުނިކޭޝަން މިނިސްޓާ އަމީންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ޝިންޑޯ ވަނީ ދައުލަތުގެ ބުރޯޑްކާސްޓާ އެމްބީސީއަށް ޒިޔާރަތްކޮށް އެމްބީސީގެ ސައިޓް ބައްލަވާލައްވާފަ އެވެ.
ރާއްޖެއިން ޖަޕާނާ ގުޅިގެން އައިއެސްޑީބީ-ޓީ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފަށާފައި ވަނީ 2011 ވަނަ އަހަރުގަ އެވެ. އެއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އޭރުގެ ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ވަނީ އެކުންފުނިން ދެމުން އަންނަ ޓީވީގެ ހިދުމަތް އައިއެސްޑީބީ-ޓީކޮށް ދިނުމުގެ މަސައްކަތް ފަށާފަ އެވެ.
ޖަޕާނުގެ އިތުރުން ބުރެޒިލް ފަދަ ކުރިއަރަމުން އަންނަ ގައުމުތަކުގައި އައިއެސްޑީބީ-ޓީ ތައާރަފްކޮށްފައިވާއިރު ރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި މިޓެކްނޮލޮޖީ ބޭނުންކުރަން ފެށި ދެ ވަނަ ގައުމެވެ.