އިންޑިއާގެ ޕޫނާގައި މިހާރު ކުރިޔަށްދާ 20 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަޒްނީމް އަހުމަދު މިއަދު ހަވީރު ދުވާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.

އަޒްނީމް މިއަދު ދުވާނީ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުގައެވެ. ރާއްޖޭގެ ގަޑިން މިއަދު ހަވީރު 5:00ގައި ފަށާ 100 މީޓަރު ދުވުމުގެ ފުރަތަމަ ރައުންޑުގައި އަޒްނީމް ވާދަކުރީ އެއް ވަނަ ހީޓްގަ އެވެ.

އަޒްނީމް ވަނީ 2012 ވަނަ އަހަރު ބޭއްވުނު ލަންޑަން އޮލިމްޕިކްސްގައި 100 މީޓަރު ދުވުން 10.79 ސިކުންތުން ފުރިހަމަކޮށް ރާއްޖޭގެ ގައުމީ ރިކޯޑް ހަދާފަ އެވެ. އަދި މިމުބާރާތުގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ރައުންޑުން އެއް ވަނަ ރައުންޑަށް ކޮލިފައި ވެފައެވެ.

ޖެމެއިކާގައި ތަމްރީން ހެދުމުގެ ތެރޭގައި ލިބުނު އަނިޔާގެ ސަބަބުން ރަނގަޅު ނަތީޖާއެއް މިހާތަނަށް ނެރެވިފައި ނުވިޔަސް، މިމުބާރާތުގައި ރަނގަޅު ނަތީޖާއެއް އަޒްނީމްގެ ފަރާތުން ފެނިގެންދާނެކަމަށް ކޯޗް އުއްމީދު ކުރެއެވެ.

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 400 މީޓަރު ދުވުމުގައި ސާއިދު ދުވާގޮތަށް ކުރިން އޮތް ނަމަވެސް، އިންޑީއާގެ ޓްރެއިނިން ތެރޭގައި ދިމާވި ސިއްހީ މައްސަލަތަކާހެދި ސާއިދު 400 މީޓަރު ގައި ނުދުވާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.